ރިޕޯޓް

މޯދީގެ ދަތުރުފުޅު: އެކުވެރިކަމާއި ރަހުމަތްތެރިކަމުގެ ރަމްޒަކަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޒުއްދީން ފާލަމަށް ފައިބާ ވަޑައިގެންނެވުމާއެކު އިންތިޒާރުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނަށް މަރުހަބާ ދެންނެވީ ހަށިކޮޅުގައި ބައްދާލައްވަމުންނެވެ. އޭގެ ގާތްގަނޑަކަށް ތިން ގަޑިއިރެއްހާ ފަހުން ހަމަ އެފަދަ މަންޒަރެއް ފެނިގެން ދިޔަ އެވެ. މިފަހަރު ބައްދާލެއްވުމަކުން މޯދީއަށް މަރުހަބާ ދެންނެވީ މަޖިލީހުގެ އިދާރާގެ ދޮރުމަތިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ހާރިޖީ ޕްރޮޓޮކޯލްގެ ބޭރުން އެ ވަގުތު ކޮޅުގައި ސިފަވެގެން ދިޔައީ އަހުވަންތަކަމެވެ. އެކުވެރި ގާތް ރަހުމަތެރިކަމެވެ. މިއީ ބޮޑުވަޒީރުގެ މޯދީގެ މުޅި ދަތުރުފުޅުގައިވެސް ބަސްމަގުގެ އިތުރުން، ދެގައުމުގެ ލީޑަރުންގެ މޫނުފުޅުމަތިން ވެސް އިހުސާސްކުރެވުނު ޝުއޫރެވެ.

ފެރީގެ ނިޒާމާއެކު އިންޑިިއާ-ރާއްޖެއާ ދެމެދު ހަ އެއްބަސްވުމެއް

މޯދީގެ ދަތުރުފުޅުގެ އެޖެންޑާ އޭގެ ކުރީ ދުވަހު ރާއްޖެ ފޮރިން މިނިސްޓްރީން ހާމަކުރިއިރު ބޭރު ގައުމެއްގެ ލީޑަރެއްގެ ފުރަމާނަ ދަތުރުފުޅެއްގައި އާންމުކޮށް ފެންނަ މާބޮޑު ހާއްސަ ކަމެއް ނުފެނުނެވެ. އެޖެންޑާގައި ނުހިމެނުނު ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރީ މޯދީގެ ދަތުރުފުޅުގައި ކޮންމެވެސް ބޮޑު މަޝްރޫއުއެއް ނޫނީ އެހީއެއް އިއުލާނު ކުރައްވާނެ ކަމަށެވެ. އެހެނަސް ދިވެހި ފަސްގަނޑުގައި ފައިންޕުޅު ޖެއްސެވުމުގެ ކުރިން މުޅި ދަތުރުފުޅުގެ ރޫހު ސީދާ މޯދީ ކުރެއްވި ޓްވީޓަކުން ސިފަކޮށްދެއްވި އެވެ. ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރުގެ ފުރަތަމަ ދަތުރު ރާއްޖެއަށް ކުރެއްވުމުން ދައްކުވައިދެނީ ރާއްޖެއާއެކު ތަފާތު ރޮނގުތަކުން ގުޅުން ބަދަހި ކުރަން ބޭނުންވާ މިންވަރު ކަމަށް ވިދާޅުވަމުންނެވެ.

ޖުމްހޫރީ މައިދާނުގައި ދިވެހި ސިފައިން ދިން 21 ބަޑީގެ ސަލާމާއެކު، އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ކުރިއަށް ދިޔަ ހަރަކާތްތައް ބައްލަވަމުން، ރައީސް ސޯލިހާއެކު މަޑުމަޑުން ހިންގަވާފައި މޯދީ ވަޑައިގެންނެވީ ރައީސް އޮފީހަށެވެ. ހަމަ އެޖެންޑާއާ އެއްގޮތަށް ރަސްމީ މަޝްވަރާތައް ނިންމަވައި ދެގައުމުގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުންތައް ބަދަލުކުރި ރަސްމިއްޔާތު ބައްލަވައިލައްވަން އިންނެވީ އެވެ.

އިންޑިއާއިން ދިން ރާޑަރު ސިސްޓަމާއި ކޮމްޕެސިޓް ޓްރެއިނިން ސެންޓަރު އިފްތިތާހުކުރުން

އެއަށްފަހު އިންޑިއާގެ އެހީގައި ރާއްޖޭގައި ގާއިމު ކުރި ރާޑަރު ސިސްޓަމްތަކާއި ދިވެހި ސިފައިންނަށް ކޮމްޕެސިޓް ޓްރެއިނިން ސެންޓަރު ރައީސް ސޯލިހާއެކު އިފްތިތާހުކޮށްދެއްވި އެވެ.

ރިމޯޓު ލިންކު ބޭނުން ކުރައްވައިގެން އެ ދެ މަޝްރޫއު އިފުތިތާހު ކޮށްދެއްވައި، އިންޑިއާއިން އެންމެ އިސްކަމެއްދޭ އިންޑިއާގެ ކަނޑުގެ ސަރަހައްދު ދިފާއުކުރުމުގެ މަސައްކަތަށް ވަރުގަދަ ބޮޅެއް އިތުރުވެގެން ދިޔައީ އެވެ. ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން އިންޑިއާއިން ހަދިޔާކޮށްފައިވާ 10 ރާޑަރު ސިސްޓަމުން އެއް ވިއުގައަކުން އިންޑިއާ، ސްރީލަންކާ، އަދި މޮރިޝަސްގެ އިތުރުން ސީޝެލްގައި ގާއިމުކޮށްފައިވާ ސިސްޓަމުތަކާއި ގުޅާލުމާއެކު އެވެ.

ނިޝާން އިއްޒުއްދީން އިއްޒަތް

ރައީސް އޮފީހުގައި ކުރިއަށްދިއަ ހަރަކާތްތަކުގެ ތެރެއިން އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ މޯދީއަށް ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވުމެވެ. އެޖެންޑާއަށް އެންމެ ފަހު ވަގުތު އެ ނިންމުން އިތުރުކޮށްފައިވަނީ، މޯދީގެ ދަތުރުފުޅަށް ހާއްސަ ކަމެއް ހިމެނުމުގެ ނިޔަތުގައި ކަން އެކަށީގެންވެ އެވެ.

މޯދީއަށް އެ އިއްޒަތް އެރުވުމަށް ރައީސް ނިންމެވީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހި ކުރައްވައި، ދިވެހި ގައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އެމަނިކުފާނު ދެއްވާ ހާއްސަ އަހަންމިއްޔަތާއި ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކޮށެވެ.

މޯދީއަކީ ދިވެހި ދައުލަތުގެ ދެވަނަ އަށް އެންމެ މަތީ އިތްޒަތް އެރުވުނު ހަ ވަނަ ބޭރުގެ އިއްޒަތްތެރި އަށެވެ.

ތެދުވެރި އެކުވެރިޔާ

ދިވެހި ދައުލަތުގެ ދެވަނަ އަށް އެންމެ މަތީ އިތްޒަތް މޯދީއަށް އެރުވުމުގެ އިތުރުން، ގިނަ ދިވެހިން އިންތިޒާރުކުރީ ރައީސް ސޯލިހާއެކު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓަށެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ މުސްތަގުބަލުގެ މިސްރާބު ހާމަވެގެންދާނެ އުއްމީދުގަ އެވެ. އިންޑިއާ އިން އިތުރު އެހީތަކެއް އިއުލާނުވެގެންދާ އަޑު އަހާށެވެ.

ނަމަވެސް، އެންމެ ފުރަތަމަ ސްޓޭޓްމަންޓް އިއްވެވި ރައީސް ސޯލިހު ވެސް އަލިއަޅުވާލެއްވީ މިހާރު އިއާދަކުރެވިފައިވާ ދެގައުމުގެ ގުޅުމުގެ މައްޗަށެވެ. މޯދީއާއެކު ކުރެވުނު މަޝްވަރާތައް ވެސް ވިދާޅުވެއްދެވީ ވަރަށް ތިލަކޮށެވެ. ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާ އިން ދީފައިވާ މާލީ އަދި ފަންނީ އެހީތެރިކަމުގެ ވާހަކަފުޅެވެ. އެކަމުން ރާއްޖެއަށް ކުރާނެ ފައިދާތަކަށް އިންޑިއާއަށް ޝުކުރުއަދާކުރައްވަމުންނެވެ. އިންޑިއާއިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް ވަރަށް އަވަހަށް ފަށިގެންދާނެކަމުގެ ވައުދެވެ.

ދެން ރައީސްގެ ވާހަކަފުޅުގެ މިސްރާބު އަނބުރާލެއްވީ ޖުމްހޫރީ މައިދާނުން ފެނިގެންދިއަ އެކުވެރިކަމާއި ރަހުމަތްތެރިކަމުގެ މައްޗަށެވެ. ދެ ގައުމުގެ ދެމެދުގައި ކުރެވިފައިވާ މަތީ ފަންތީގެ ދަތުރުތަކުގެ ސަބަބުން، ދެ ގައުމުގެ ގުޅުމަށް އިތުރު ދިރުމެއް ލިބިފައިވާކަމެވެ.

"ދިވެހިރާއްޖެ އަބަދުމެ ދެމިއޮންނާނީ، އަޅުގަނޑުމެންގެ ދެގައުމާއި ސަރަހައްދުގެ ތަރައްގީއާއި ސުލްހައަށް މަސައްކަތްކުރާ، އިންޑިއާގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައި،" ވާހަކަފުޅު ނިންމަވައިލައްވަމުން ރައީސް ވިދާޅުވި އެވެ.

ރާއްޖެއާ އިންޑިއާގެ ރަހުމަތްތެރިކަން އަބަދަށް

މޯދީގެ ވާހަކަފުޅު ފެއްޓެވީ ދިވެހި ސަރުކާރުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފްދަށް އަދާކުރި މެހެންމާންދާރީއަށް ޝުކުރު އަދާކުރައްވަމުންނެވެ. ނަމަވެސް، އެއަށްފަހު މޯދީގެ ސްޓޭޓްމަންޓުގައި ވެސް މުޅީންހެން ދެއްކެވީ އިންޑިއާއަށް ރާއްޖެ މުހިންމުކަމުގެ ވާހަކަފުޅެވެ. އިންޑިއާއިން އެންމެ އިސްކަމެއްދޭނެ އެއް ކަމަކީ ރާއްޖެއާ އޮތް ގުޅުން ދެމެހެއްޓުން ކަމެވެ. އަދި އެކަމަށް އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ރާއްޖެއަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ކުރީސަފުގައި އަބަދުވެސް އިންޑިއާ އޮންނާނެ ކަމުގެ ޔަގީންކަމެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވިފަހުން ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގައިވާ ކަންކަން ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯދީ ތަކުރާރުކުރެއްވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނަށް އެރުވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބަކީ މުޅި އިންޑިއާ އަށް ދެއްވި ޝަރަފެއް ކަމަށާއި އެޝަރަފު އިންޑިއާގެ ރައްޔިތުންގެ ނަމުގައި ބަލައިގަންނަ ކަމަށެވެ.

މޯދީގެ މުޅި ސްޓޭޓްމަންޓުގައި އެންމެ ފާހަގަކޮށްލެވޭ ވާހަކަފުޅެއް ވިދާޅުވީ ނިންމާލައްވަމުންނެވެ. މޯދީގެ ވާހަކަފުޅު ނިންމާލައްވާފައިވަނީ ދިވެހި ބަހުންނެވެ. މޯދީ ވިދާޅުވީ "ދިވެހިރާއްޖެ އާއި އިންޑިއާގެ ރަހުމަތްތެރިކަން އަބަދަށް" ކަމަށެވެ.

ސަރަހައްދު ފުޅާކުރުމުގެ ސިޔާސަތު

ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުތައް ނިމުމުން، މޯދީ ދެން މިސްރާބު ޖެއްސެވީ ރައްޔިތުންގެ މަޖިލީހަށެވެ. މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ޝަރަފު ލިބިވަޑަައިގަތުމަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ކުރިން ލަފާކުރެވުނު ގޮތާ ހިލާފަށް، މޯދީގެ ފަރާތުން ތަފާތު ވާހަކަފުޅެއް އަޑުއިވިގެން ދިޔައީ ހިންދީ ބަހުން ދެއްވި ތަގުރީރުންނެވެ. އާންމު އުސޫލުގެ ދަށުން ވާހަކަފުޅު ފެއްޓެވީ ދެ ގައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށެވެ. ދެގައުމުގެ އެއްގޮތްކަންކަން ތަފްސީލްކޮށްދެއްވަމުންނެވެ. ބަހުގައި ހުންނަ އެއްގޮތްކަމެވެ. ރައްޔިތުންގެ އާދަކާދައާއި ދިރިއުޅުމުގެ ވައްޓަފާޅީގެ ގުޅުން ވިދާޅުވެ ދެއްވި އެވެ. ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން ބިނާވެފައިވަނީ ސަރުކާރުތަކުގެ މައްޗަށް އެކަނި ނޫން ކަމަށާއި، އެ ގުޅުމުގެ ލޭނާރަކީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަންކަމަށް ފާހަގަކުރައްވަމުންނެވެ. އަދި ކާރިސާތަކުގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް ޒަމާނުއްސުރެ ވެދެމުން އަންނަ އެހީތެރިކަމަކީ އިންޑިއާއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ވިދާޅުވަމުންނެވެ.

ދެން އެމަނިކުފާނުގެ ވާހަކަފުޅު ގެންދެވީ ސަރަހައްދީ ގުޅުމުގެ މިސްރާބަށެވެ. އިންޑިއާގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދެނީ މި ސަރަހައްދަށް ކަމަށާއި، އަވަށްޓެރި ގުޅުމުގައި އެންމެ އިސްކަމެއް ދޭނީ ރާއްޖެއަށް ކަމަށް ވިދާޅުވި އެވެ. ނަމަވެސް، ދެކުނު އޭޝިއާގެ އިތުރުން އިންޑޯ-ޕެސިފިކްގެ މުހިންމުކަން މޯދީ ފާހަގަކުރައްވައި، ސަރަހައްދު ފުޅާކުރަން އިންޑިއާއިން ހިފާފައިވާ އަމާޒުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. މި ސަރަހައްދުގެ ހުރިހާ ގައުމެއްގެ މުސްތަގުބަލު ގުޅިފައިވަނީ އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިގެން ކަމަށް މޯދީ ވިދާޅުވި އެވެ.

އެގޮތުން، މި ސަރަހައްދުގެ ހުރިހާ ގައުމުތަކަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި އިންޑިއާ ފަސްނުޖެހޭނެ ކަމަށްވެސް މޯދީ ތަކުރާރުކުރެއްވި އެވެ. އިންޑޯ-ޕެސިފިކް ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމުގެ ރޯލު އަދާކުރެވޭނީ އިންޑިއާގެ ކުރިއެރުމާއި ގާބިލުކަން އިތުރުވެގެންކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ. އަދި އެކަން ހާސިލްކުރުމުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. ރާއްޖެއަކީ ރަހުމަތްތެރިއެއް ކަމަށާއި، ރަހުމަތްތެރިކަމުގައި ކުޑަ ބޮޑުމިނަށް ބަލަންނުޖެހޭކަމަށް ވިދާޅުވަމުންނެވެ.

މޯދީގެ ތަގުރީރުގައި ޗައިނާއަށް ނުސީދާކޮށް އެއްޗެއް ވިދާޅުވި އެވެ. ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމުގެ މާނައަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށާއި، ގައުމުތަކާއި ރައްޔިތުންގެ ބޮލުގައި ދަރަނިތަކެއް އަޅުވައިގެން ބަލިކަށިކޮށްލުން ނޫން ކަމަށް ވިދާޅުވެ އެވެ. މި ސަރަހައްދުގެ ކުރިއެރުމާއި ތަރައްގީގެ ބިންގަލަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުކަން ފާހަގަކުރައްވަމުންނެވެ.

މޯދީ ފާހަގަކުރެއްވި ފަދައިން މި ދަނޑިވަޅަކީ މި ސަރަހައްދުގެ އިތުރުން މުޅި ދުނިޔެއަށްވެސް ވަރަށް ގިނަ ގޮންޖެހުންތަކާއި އުނދަގޫތައް ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. އެހެނަސް އެމަނިކުފާނު ވިދާޅުވީ ގޮންޖެހުންތަކުގެ ތެރެއިން ފުރުސަތުތަކެއް ލިބޭ ކަމަށެވެ.

"އިންޑިއާއާ ރާއްޖެއަށް ވެސް މިވަނީ ފުރުސަތެއް ލިބިފައި. އަވަށްޓެރި ގުޅުމާއި ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު،" މޯދީ ވިދާޅުވި އެވެ.