ހަބަރު

ސަރުކާރު ކުންފުނިތަކުގެ ފައިދާ ދަށްވެ، ދައުލަތުގެ އާމްދަނީ އަށް އަސަރުކޮށްފި

Jun 9, 2019
11

ސަރުކާރު ކުންފުނިތަކުގެ ފައިދާ ފުރަތަމަ ކްއާޓަރުގައި ދަށްވުމާއެކު، ދައުލަތުގެ އާމްދަނީއަށް އޭގެ އަސަރު ކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކުރި މި އަހަރުގެ ފުރަތަމަ ކްއާޓަރުގެ ކްއާޓަލީ އިކޮނޮމިކް ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ، ނަމަވެސް މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާ ކިޔާނަމަ 71 މިލިއަން ރުފިޔާ ދަށްވުމެކެވެ.

އެމްއެމްއޭ އިން ބުނެގައިވާ ގޮތުގައި އާމްދަނީ ދަށްވުމުގެ މައިގަނޑު އެއް ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެގެން ދިއުމެވެ. އަނެއް ސަބަބެއް ކަމަށް ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނިތަކުގެ ފައިދާ އިން ދައުލަތަށް ދައްކާ މިންވަރު ދަށްވެފައިވުމެވެ.

މި ރިޕޯޓުގައިވާ ގޮތުގައި ޓެކްސް ފިޔަވައި އެހެނިހެން ގޮތް ގޮތުން ލިބުނު އާމްދަނީ އިން ފުރަތަމަ ކުއާޓަރުގައި ހިއްސާ ކުރަނީ 17 ޕަސެންޓެވެ. މި ގޮތުން ލިބުނު އާމްދަނީ ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ބަލާނަމަ 94.4 މިލިއަން ރުފިޔާ މަދުވެފަ އެވެ.

ސަރުކާރު ހިއްސާވާ 21 ކުންފުނި ރާއްޖޭގައި ހިންގަ އެވެ. ނަމަވެސް މީގެ ތެރެ އިން އެކަށީގެންވާ ގޮތެއްގައި ރަނގަޅު އާމްދަނީއެއް ހޯދައިގެން އަމިއްލައަށް ހިންގެނީ މަދު ކުންފުންޏެކެވެ.