ދުނިޔެ

ލަންކާގެ އިންޓެލިޖަންސްގެ ވެރިޔާ މަގާމުން ދުރުކޮށްފި

ލަންކާގެ ރައީސް މައިތިރިޕާލާ ސިރީސެނާ އެ ގައުމުގެ ޗީފް އޮފް ނެޝަނަލް އިންޓެލިޖަންސް ސިސީރާ މެންޑިސް މަގާމުން ވަކިކޮށްފި އެވެ.

މެންޑިސް މަގާމުން ވަކިކޮށްފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން ލަންކާއަށް ދީފައިވާ ނުރައްކާތެރި ބޮމުގެ ހަމަލާތައް ދޭން އުޅޭ ކަމުގެ މައުލޫމާތު ސިރީސެނާއަށް އެނގި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމާއި ގުޅިގެން ނެވެ.

ލަންކާއަށް ހަމަލާތަކެއް ދޭން އުޅޭކަމަށް އެ މައުލޫމާތު އެ ގައުމުގެ ކަމާބެހޭ އިދާރާތަކަށް ދީފައިވާނެ ކަމަށް އިންޑިއާގެ އިންޓެލިޖަންސް އެޖެންސީއިން ބުނެފައިވާއިރު އެކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ލަންކާގެ ރައީސާއި އެ ގައުމުގެ ބޮޑުވަޒީރު ވެސް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އެޕްރިލް މަހުގެ 21 ވަނަ ދުވަހު ލަންކާގެ ފައްޅިތަކަކާއި ހޮޓާތަކަކަށް ދީފައިވާ ނުރައްކާތެރި ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އެ ހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ.

އައިއެސް އިން އެ ގައުމަށް ހަމަލާތަކެއް ދޭން އުޅޭ ކަމަށް މައުލޫމާތު ލިބި އެ މައުލޫމާތު ކަމާބެހޭ އިދާރާތަކާއި ހިއްސާ ނުކުރެވުނު ސަބަބު ހޯދުމަށްޓަކައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާއަށްތާއީދު ކުރައްވާ ބޭފުޅުން ހިމެނޭ ޕާލަމެންޓަރީ ކޮމިޓީއަކުން ދަނީ ތަހުގީގު ކުރައްވަމުން ނެވެ.

ލަންކާގެ އިންޓެލިޖަންސްގެ އިސް ވެރިޔާ ސިސީރާ މެންޑެޒް މެއި މަހުގެ 29 ވަނަ ދުވަހު ޕާލަމަންޓްގައި ވިދާޅުވެފައި ވަނީ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށް ގެންދާލެއް ދޯދިޔާ ކަމުން އެ ގައުމު ދިފާއު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

އަދި އެޕްރީން ނުވަނަ ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ވާހަކަ ދެކެވުމުން ރައީސް ސިރީސެނާއަށް އެފަދަ މައުލޫމާތު ހިއްސާ ކުރައްވަން ހާއްސަ ކޮށްފައި ހުންނަވާާ އެ ގައުމުގެ ސްޓޭޓް އިންޓެލިޖަންސް ސާވިސްގެ ޑިރެކްޓަރު ނިލަންތާ ޖަޔާވަރްދެނާ ވިދާޅުވެފައި ވަނީ އެކަމާބެހޭ މައުލޫމާތު ސިރީސެނާއަށް ދެއްވާފައިވާ ކަމަށެވެ.

ތަހުގީގު ކުރާ ކޮމިޓީއަށް އޭގެ ފަހުން ދީފައިވާ އިތުރު ދެ ބަޔާނަށް ފަހު މިދިޔަ ހުކުރު ދުވަހު މެންޑެޒް މަގާމުން ވަކި ކޮށްފި ކަމަށް ސިރީސެނާ އިއުލާން ކުރެއްވުމުން އެ ގައުމުގެ ސިޔާސީ މަޝްރަހު ގޯސްވެގެން ދާނެކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުން ނެވެ.

ލަންކާގެ މިނިސްޓަރެއް އަލްޖަޒީރާ ނޫހަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހަމަލާތަކާާއި ގުޅިގެން ކުރަމުންދާ ތަހުގީގު ހުއްޓުވާނެ ކަމަށް ައީސް ސިރީސެނާ އިންޒާރު ކުރައްވާފައި ވެސް ވެއެވެ.