ހަބަރު

ޓީޓީއެމް ފެއާގައި ބޭރުގެ ތަޖުރިބާކާރުން ބައިވެރިވާނެ

އަންގާރަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ފަށާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގައި ބޭރުގެ ގިނަ ތަޖުރިބާކާރުންތަކެއް މި ފަހަރުވެސް ބައިވެރިވާނެ ކަމަށް ފެއާ އިންތިޒާމުކުރާ ކުންފުނިން ބުނެފި އެވެ.

ޓީޓީއެމް ފެއާގައި މި އަހަރު "ޓީޓީއެމް ޓްރެވަލް ސަމިޓް" ގެ ނަމުގައި ހާއްސަ ބައެއް ވަނީ ހިމަނާފަ އެވެ. މިބައި އޮންނާނީ ފެއާ ހުޅުވަން އަންގާރަ ދުވަހު ބަނޑޮސް އައިލެންޑު ރިސޯޓުގަ އެވެ.

މިބައިގައި ޓްރެވަލް އެންޑް ޓޫރިޒަމް ސެކްޓާގެ ބޭރުގެ މާހިރުން ބައިވެރިވެ އެމީހުންގެ ތަޖުރިބާ ހިއްސާ ކުރާނެ އެވެ. މި އަހަރުގެ ޓީޓީއެމް ސަމިޓުގައި ބައިވެރިވާ ބޭރުގެ ތަޖުރިބާކާރުންގެ ތެރޭގައި އޮންލައިން ބުކިން ސައިޓްތައް ކަމަށްވާ އެކްސްޕީޑިއާ އާއި ބުކިން ޑޮޓްކޮމް ފަދަ ޓޫރިޒަމާ ގުޅުންހުރި ގިނަ ފަރާތްތައް ހިމެނެ އެވެ.

މި ސަމިޓުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ. ފެއާގެ ބައިވެރިންނާ ޕްރޮފެސަރު އުގެއިލް ވެސް މުހާތަބު ކުރައްވާނެ އެވެ.

މި އަހަރުގެ ޓީޓީއެމް ފެއާގެ ޓައިޓަލް ސްޕޮންސާ އަކަށް އުރީދޫ މޯލްޑިވްސް ވަނީ ހަމަޖައްސާފަ އެވެ. މި އަހަރުގެ ފެއާގެ ތީމަކީ "ޓްރެވަލް ޓެކްނޮލޮޖީ އަދި އެނެލެޓިކްސް" އެވެ.

ޓީޓީއެމް ފެއާ ކުރިއަށް ދާނީ 11 ޖޫން އިން ފެށިގެން 13 ޖޫން އަށެވެ.