ކުޅިވަރު

ތުރުކީން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ސިއްސުވާލައިފި

އަންނަ އަހަރު ބާއްވާ ޔޫރޯގެ ކޮލިފިކޭޝަންގައި، ދުނިޔޭގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް 2-0 އިން މޮޅުވެ ތުރުކީން ގުރޫޕު އެޗުގެ އެއް ވަނައަށް ޖެހިލައިފި އެވެ.

ވޯލްޑް ކަޕުގެ ތިން ވަނަ 2002 ވަނަ އަހަރު ތުރުކީއަށް ހޯދައިދިން ކޯޗް ޝިނޯލް ގިނެސް އަލުން އެ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސުމަށްފަހު، އޭނާ އާއެކު އެ ޓީމުން ދަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. ކޮލިފައިންގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، ތުރޫކީން އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު އެވެ.

ބޮޑަށް ޑިފެންސިވް ވިސްނުމެއްގައި ކުޅުނު ނަމަވެސް ތުރުކީން ވަނީ ފްރާންސަށް ވުރެ ގިނައިން ނުރައްކާތެރި ހަމަލާތައް އުފައްދާފަ އެވެ. ތުރުކީ ފުރަތަމަ ލަނޑު ކާން އައިހާން ކާމިޔާބު ކުރީ، އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ތަނަވަސްވި ބޯޅައިންނެވެ. ތުރުކީން ނެގި ހިލޭ ޖެހުން އެ ޓީމުން ނެގީ އޭރިއާގެ ތެރެއަށެވެ. އެ ބޯޅަ ބޮލުން ގޯލް ކުރިމައްޗަށް ހުރަސް ކުރީ މެރިހް ޑެރިމަލް އެވެ. އޭނާ ދިން ބޯޅަ އައިހާންވެސް ގޯލަށް ފޮނުވާލީ ބޮލުންނެވެ.

ތުރުކީގެ ދެ ވަނަ ލަނޑު އޭގެ 10 މިނެޓް ފަހުން ކާމިޔާބު ކުރީ ޗެންގިޒް އުންޑާ އެވެ. އޭގެ އިތުރުން ލަނޑު ޖަހާނެ ރަނުގެ ތިން ފުރުސަތު ތުރުކީގެ ކެޕްޓަން ބުރާކް ޔިލްމާޒްއަށް ލިބިގެން ދިޔަ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ކަޒަކިސްތާންގެ މައްޗަށް ބެލްޖިއަމް މޮޅުވީ 3-0 ންނެވެ. އިޓަލީ ވަނީ ގުރީސްގެ މައްޗަށް 3-0 މޮޅުވެފަ އެވެ. ބެލަރޫސް އަތުން ޖަރުމަން މޮޅުވީ 2-0 ންނެވެ.