ވިޔަފާރި

ކޮނޮއްޓާ ހުޅުވުން އަންނަ މަހު، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

Jul 19, 2015

މިއީ ގއ. އަތޮޅުގެ ރައްޔިތުން ނަށް އުފާވެރި ހަބަރަކަށް ވާނެ އެވެ. އެ އަތޮޅުގައި މުޅިން އާ ރިސޯޓެއް އަންނަ މަހު ހުޅުވާނެ އެވެ. އެމެރިކާގެ ކުންފުނިންޏަކުން މެނޭޖުކޮށް ބަލަހައްޓާ "އައުޓްރިގާ ކޮނޮއްޓާ" ހުޅުވުމާ ދިމާކޮށް މިވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ.

ރާއްޖޭގެ އައިމާ ކޮންސްޓްރަކްޝަން އާއި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން ހިއްސާ ވެގެން ބޮޑުބައި ތަރައްގީކުރުމަށްފަހު، އެމެރިކާގެ ހަވާއީ އަށް ނިސްބަތްވާ އައުޓްރިގާ ހޮޓެލް އެންޑް ރިސޯޓުން ވިއްކާލާފައިވާ މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ. މި ރިސޯޓު އެ ކުންފުނިން ގަތީ 40 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށެވެ.

އެމެރިކާގެ އައުޓްރިގާ ކުންފުނިން މެނޭޖުކޮށް ބަލަހައްޓާ މި ރިސޯޓު ހުޅުވުމާ ދިމާކޮށް ފަށާފައިވާ، މި ޕްރޮމޯޝަންގައި ހާއްސަ ރޭޓެއްގައި ދަނީ ރޫމްތައް ވިއްކަމުންނެވެ. މި ޕްރޮމޯޝަންގައި ބީޗް ޕޫލްވިލާ އިން ރޫމެއް 516 ޑޮލަރު (ގާތްގަނޑަކަށް 7،956ރ.) އަށް ލިބެ އެވެ. އަދި އޯޝަން ވިލާއިން ރޫމެއް 726 ޑޮލަރު (1،1194ރ.) އަށް ލިބޭއިރު، ދެ ކޮޓަރި ހުންނަ ޕޫލްވިލާ ރޫމެއްގެ އަގު އުޅެނީ 898 ޑޮލަރު (13،847ރ.) އަށް ލިބެ އެވެ. މި އަގަށް 10 ޕަސެންޓްގެ ސާވިސް ޗާޖާއި 12 ޕަސެންޓް ޖީއެސްޓީ އެޑްވާނެ ކަމަށް އެ ރިސޯޓުން ބުނެ އެވެ.

މި ޕްރޮމޯޝަންގައި ހަތަރު ރެއަށް ވުރެ ގިނައިން އެ ރިސޯޓުގައި މަޑުކުރާ ޓޫރިސްޓުންނަށް ހާއްސަ އިނާޔަތް ތަކެއް ލިބެ އެވެ. މީގެ ތެރޭގައި ހާއްސަ އަގުތަކެއްގައި އެކްސްކާޝަން ލިބުމާއި ހާއްސަ އަގުތަކެއްގައި ސްޕާ ޓްރީޓްމަނެޓް ލިބުން ހިމެނެ އެވެ. މީގެ އިތުރުން ހަނީމޫނަށް އަންނަ ޓޫރިސްޓުންނަށް ވެސް ހާއްސަ އަގުތަކެއް ލިބެ އެވެ.

ކާޑެއްދޫ އެއާޕޯޓުން 30 މިނެޓު ސްޕީޑް ލޯޗުގައި ދެވޭ ރާސްތާގައި އޮންނަ މި ލަގްޒަރީ ރިސޯޓުގައި 82 ފޫޓުގެ ހިތްގައިމު ސުވިމިން ޕޫލަކާއި ފިޓްނަސް ސެންޓަރެއްގެ އިތުރުން ސްޕާ ފަދަ ގިނަ ވަސީލްތައް ހުރެ އެވެ. މި ރިސޯޓުގައި 29 ބީޗް ޕޫލް ވިލާ އާއި 21 އޯޝަން ވިލާ އާއި ދެ ލެގޫނާ ޕޫލްވިލާ ވެސް ހުރެ އެވެ.