ސުދާންގެ ސަލާމަތީ ބާރުތަކުން އެ ގައުމުގައި ކުރިއަށްދާ މުޒާހަރާތަކުގައި ތިއްބެވި އިދިކޮޅު ލީޑަރުން ހައްޔަރު ކޮށްފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސުދާންގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމުގެ ބޭނުމުގައި އެބޭފުޅުންނާއި އިތިއޯޕިއާގެ ބޮޑުވަޒީރު އަބިއްޔު އަހްމަދު އާއި ބައްދަލު ކުރެއްވިތާ ކުޑަ އިރުކޮޅެއް ފަހުން ނެވެ.
މުޒާހަރާ ކުރަން ތިބި މީހުންނަށް ސުދާާންގެ އަސްކަރިއްޔާއިން އެންމެ ފަހުން ދީފާއިވާ ހަމަލާތަކާއި ގުޅިގެން އެފްރިކާ ބައްރުގައި ފާހަގަ ކޮށްލެވޭ ލީޑަރެއްގެ ގޮތުގައި ހުންނެވި އިތިއޯޕިއާގެ ރައީސް އަބިއްޔު ސުދާންގެ މިލިޓަރީ ކައުންސިލްގެ ބޭފުޅުންނާއި އިދިކޮޅު ފަރާތްތަކާއި ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ.
އެގޮތުން އިދިކޮޅު ފަރާާތްތަކުން އެ މަނިކުފާނު ބައްދަލު ކުރެއްވީ ޕޮލިޓިޝަންއެއް ކަމަށްވާާ މުހަންމަދު އެސްމަތު އަދި ސުދާން ޕީޕަލްސް ލިބަރޭޝަން މޫވްމަންޓް (އެސްޕީއެލްއެމް)ގެ އުތުރު ބަރާާންޗްގެ އިސްމާއިލް ޖަލާބްއާ އެވެ.
އޭގެ ތެރެއިން އެސްމަތު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އަބިއްޔުއާއި ބައްދަލުކޮށް ނިމުނުތާ ކުޑަ އިރުކޮޅެއް ފަހުން ނެވެ. އަދި ޖަލާބް ހައްޔަރު ކުރީ އޭނާ ދިރިއުޅުއްވާ ގެއިން ކަމަށާއި އޭނާ ހައްޔަރު ކުރި އިރު އެއްވެސް ސަބަބެއް ބަޔާން ކޮށްފައި ނުވާކަމަށް ވެސް އެބޭފުޅުންގެ އެއިޑުން އޭއެފްޕީ ނިއުސްއަށް މައުލޫމާތު ދެއްވި އެވެ. ޖަލާބް ހައްޔަރުކޮށްފައި ވާއިރު އެސްޕީއެލްއެމްގެ ޑެޕިއުޓީ ލީޑަރު ވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ.
ސުދާންގެ މަޝްރަހު ދިރާސާކުރައްވާ ފަރާތެއް ކަމަށްވާ އެރިކް ރީވްސް ހާމަކުރައްވާ ގޮތުގައި މި ހައްޔަރުތަކުގެ ސަބަބުން އެ ގައުމުގެ މަޝްރަހު އިތުރަށް ގޯސްވެގެން ދާނެ އެވެ.
އަދި ސުދާންގައި ބާރު ނަންގަވައިގެން ތިއްބެވި މިލިޓަރީ ކައުންސިލުން އާންމުންނާއި މަޝްވަރާކުރަން ބޭނުން ނުވާކަން އެ ފަރާތުން ކަންތައް ކުރަމުން ދާގޮތުން ވަރަށް ރަނގަޅަށް ދޭހަވާކަން ވެސް އެރިކް ފާހަގަ ކުރެއްވި އެވެ.
ސުދާންގެ ވެރިރަށް ޚަރްތޫމްގައި މުޒާހަރާކުރަންތިބި ބަޔަކަށް މިދިޔަ ހޯމަ ދުވަހު ސިފައިން ދިން ހަމަލާގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު އެ ގައުމުގެ ހެލްތު މިނިސްޓްރީއިން ބުނަނީ މަރުވި މީހުންގެ އަދަދަކީ 61 ކަމަށެވެ. އެ ހަމަލައަށް ފަހު ފިތުރު އީދުގައި އެހެން ގައުމުތަކުގެ މުސްލިމުން އީދު ފާހަގަ ކުރަމުން ދާއިރު ޚަރްތޫމްގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.