ލައިފްސްޓައިލް

ސްޓްރެސް ފިލަނީ ހަދިޔާދަޅުގެ މަތި ނަގައިގެން!

އާންމު ގޮތެއްގައި ދިމާވާ ފޫހި ކަމާއި ސްޓްރެސް ފިލުވައިލާނެ ގޮތެއް މީހަކު ބުނެދިނެވެ: "ހާސްކަން ފިލުވުލައިން ބަނބުކެޔޮ ފޮއްޗެއް ހަފާލައި އައްޑޫ ބޮޑިއެއް ކާލީމާ އެކަންކަން ހިނގައިދާނެ!"

އީދު ބަންދުގައި ރަށްރަށަށް ދިޔަ މީހުން އީދު ނިންމާފައި އެނބުރި މާލެއަށް އަންނަ އިރު ދަޅު ދަޅާއި ފޮށިގަނޑުގަނޑުގައި ގެންނަ ފާޑު ފާޑުގެ ހަދިޔާތައް ގިނަ ބަޔަކަށް ވެފައި އޮންނަނީ "ކޮމްފޯޓް ފުޑް" އަކަށެވެ. ދަޅުދަޅުގައި އެންމެ ގިނައިން މި ލިބެނީ ތެލުލި ބަނބުކޭލާާއި އަލަ އާއި ކުޅިރޮއްޓާއި އުޅާއްޔާއި ބޮނޑި އާއި އަތުޖެހި ފަދަ އެތައް ބާވަތެކެވެ. މިހެން އަންނަ ހަދިޔާތައް ކޮމްފޯޓް ފުޑަކަށް ވަނީ ސްޓްރެސްވެ، ހާސްކަމެއްގެ ތެރޭގައި އުޅެވޭ ވަގުތުގައި ވެސް ކޮމްފޯޓް ފުޑާއި ދިމާލަށް ދެވޭ ގޮތްވާތީ އެވެ.

ކޮމްފޯޓް ފުޑަކީ އަހަރެމެން އެ އެއްޗެއް ކައިލުމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމުގެ އިހުސާސެއް ގެންނަ ކަހަލަ ކާނާ އެވެ. އާއްމުކޮށް ކޮމްފޯޓް ފުޑަށް ވަނީ ގޭގައި ތައްޔާރުކޮށްފައިވާ ކޮންމެވެސް އެއްޗެއް ނުވަތަ ކުޑައިރުގެ ފޮނި ހަނދާންތަކާއި ގުޅިފައިވާ ކޮންމެވެސް ކަހަލަ ކާއެއްޗެކެވެ.

ކަމަކާއި ކަންބޮޑުވެ މާޔޫސްވުމުން ގިނަ ފަހަރަށް ގޭތެރެގައި ހުންނަ މިފަދަ ކާއެއްޗެއްސާ ދިމާލަށް ދެވޭ ގޮތްވާނެ އެވެ. ޓެސްޓަށް ކިޔަވާއިރު ވެސް ބަނބުކެޔޮ ދަޅެއް ކައިރީގައި ބަހައްޓައިގެން ހެފޭނެ އެވެ. ލޯބިވެރިޔާ އާއި މައްސަލައެއްޖެހި ހިތްހަލާކު ވެގެން އުޅޭނަމަ އައިސް ކްރީމް ޓައްޕަކާއި ދިމާލަށް ދިއުން މިއީ ފިލްމްތަކުގެ ދިރިއުޅުމުގައި ވެސް ފެންނަ ކަމެކެވެ.

"ވިއްސާރަ ދުވަހެއް ނަމަ ވަޅޯމަސް ނޫޑްލްސް އާއި މަސްރޮއްޓާއި ކަޅުސައި ވަޅޯ މަހާއި ކައްޓާއި ނޫނީ ކަދުރާ ކާއްޓާ، ވަރަށް ހަމަހައަކަށް އަޅުވައިދޭ،" މީހަކު ބުންޏެވެ.

ބޭރުކޮށްލައި ނުބުނެވުނަސް މިއީ އެންމެނަށް ވެސް އެނގޭ ކަމެކެވެ. ކަމެއް ދިމާވުމުން ކައިރީގައި ހުންނަނީ ހަދިޔާ ދަޅެވެ. އެކި އެކި ބާވަތްތަކުގެ ކާނާއިން ހުރިހާ ކަމެއް ރަނގަޅުވުމުގެ އިހުސާސް ކުރެވެނީ ވެސް އަދި ހޯދުމަށް ބޭނުންވަނީ ވެސް އެހެންވެ އެވެ.

ދިރިއުޅުމުގެ ސްޓްރެސް ބޮޑުވާ ފަހަރުތަކުގައި މިކަހަލަ ކޮމްފޯޓް ފުޑުން ހަގީގަތުގައި ވަގުތީ ގޮތުން ނަމަވެސް ސްޓްރެސް ލެވެލް ތިރިއަށް ވައްޓާލަ އެވެ. މި ކަމަށް ތަޖުރިބާކާރުން ވެސް އެއްބަސްވެވަޑައިގަންނަ އެވެ. އެފަދަ ބޭފުޅުން ވިދާޅުވާ ގޮތުގައި އޭގެ ސަބަބަކީ މިފަދަ ކާނާ އަކީ އޭގައި ކާބޯހައިޑްރޭޓް އާއި ފެޓް ގިނަ އެއްޗެއްސަށްވެފައި އެ ބާވަތްތައް ކެއުމުން މީހާ ވަރަށް ބޮޑަށް ފުރެނީ އެވެ. ސްޓްރެސްގެ އިތުރުން ރުޅި އާއި ބިރާއި ފޫހިވުމާއި ދެރަވުން އަދި އެކަނިވެރިކަމުގެ އިހުސާސްތައްފަދަ ނެގަޓިވް ކަންކަމާއި ދުރުވުމަށް ކާނާއަށް ބަރޯސާވެވޭ ފަހަރު ގިނަ ވަނީ އެހެންވެ އެވެ.

މި ގޮތް އެކޮޅު ކޮޅުން ޖެހީމާ މީގެ އަނެއް ކޮޅަކީ ކަންކަމާއި ދެރަވެ މާޔޫސްވާ ކޮންމެ ފަހަރަކު މިގޮތަށް ހަދިޔާ ދަޅުތަކުގެ މަތި ނަގައިގެން ކާން ދިމާކޮށްފިނަމަ ހަށިގަނޑަށް ކުރާ އޭގެ ނޭދެވޭ އަސަރެވެ.

އިމޯޝަންސް ނުވަތަ ޖަޒުބާތުތަކާއި ގުޅިގެން ކެއުމަކީ އަންހެނުނާއި ފިރިހެނުންނަށް ވެސް ދިމާވާ ކަމެކެވެ. ހެސްކިޔާފައި ހަދިޔާ ދަޅުން ކެއުމާއި ދުރުވާން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެއްޗަކުން މަތާލައިގެން ޑަބިޔަލުގެ މަތި ނައްޓައި މުއްޖަހާފައި ނަގައިގެން ކެއުންތޯ ނޫނީ ކެވެނީ އަސްލު ބަނޑުހައިކަން އިހުސާސްވެގެންތޯ ނަފުސާ ސުވާލު ކުރާނީ އެވެ. މިގޮތަށް ސުވާލު ކުރުމަށްފަހު އަމިއްލަ ނަފްސަށް ތެދުވެރިވުމުން ކެއުމާއި ނެގެޓިވް މޫޑުތަކާއި ދުރުވެވޭނެ އެވެ.

ކޮމްފޯޓް ފުޑްގައި އޮންނަ އެހެން ކަމެއްވެސް އެބަ އޮވެއެވެ. މި ޒަމާނުގައި ކޮމްފޯޓް ފުޑެއް ގޮތުގައި ބޮޑަށް ބިސްކޯދާއި، ޗިޕްހާއި ޕިއްޒާ އަދި އައިސް ކްރީމް ހިނގި ކަމުގައިވިއަސް އެ އެއްޗިހިން އަސްލު އެމީހަކު އެ ހޯދާ ހުރިހާ ކަމެއް ރަނގަޅުވުމުގެ އިހުސާސް ނުލިބިދާނެ އެވެ. ކުޑައިރުގެ ފޮނި ހަނދާންތަކުގެ ތެރެއަށް މީހާ ގޮވައިގެން ނުދާނެ އެވެ.

ބިޓް ކަޓައިގެން އެހެންނާ ކަމަކާއި ދެރަވެގެން އުޅޭއިރު ނުވަތަ ކިޔަވަން އިންނަ އިރު ނޫނީ ރޯގާ ޖެހިގެން އުޅޭ އިރު އެހެން މީހަކު އައިސް ހާލު ބަލައި ހެދުމުގެ ބަދަލުގައި މިހާރުގެ އެހީ ހޯދަނީ ކޮމްފޯޓް ފުޑުންނެވެ.