އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބަހޭ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ބާރުގަދަވުމުގެ އިތުރުން ރާއްޖޭގެ ހުޅަނގުއުތުރުން އަރަބި ކަނޑުގައި ކޮޅިގަނޑެއް އުފެދޭނެކަމަށް ލަފާކުރެވޭތީ، މިއަދާއި މާދަމާ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައި ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ، ދެކުނާއި ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށްް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
އެ އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ ކަނޑުތައް އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށައި ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންކަމުން، ހާއްސަކޮށް އުތުރާއި މެދުތެރޭގެ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލު ވުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އީދު ބަންދު ތެރޭގައި އަތޮޅު ތެރެއަށް ދިޔަ ގިނަ ބަޔަކު މޫސުން ގޯސްވުމުގެ ސަބަބުން އެނބުރި މާލެއަށް އައުމަށް ވަނީ ދަތިތަކާކުރުމަތިވެފަ އެވެ. އަދި ރާއްޖޭއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ބައެއް ރަށްތަކަށް ދަނީ ފެންބޮޑުވެ ގެއްލުންތައް ވަމުންނެވެ. އެގޮތުން، ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން 16 ރަށެއްގައި 300 އަށް ވުރެ ގިނަ ގެތަކަށް ފެން ވަދެ ގެއްލުންވެފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ މައުލޫމާތުދީފަ އެވެ.