ކުޅިވަރު

ދެވަނަ ލެގު މެޗަށް ފޯކައިދޫ ޓީމަށް މާލެ ނާދެވުނު

މޫސުން ގޯސްވުމުގެ ސަބަބުން ށ. ފޯކައިދޫ ޓީމަށް މާލެ އައުމަށް ހުރަސްތައް ކުރިމަތި ވެއްޖެ އެވެ.

މާދަމާ ކުޅެން އޮތް ޗެރިޓީ ޝީލްޑްގެ ދެ ވަނަ ލެގް މެޗަށް މިއަދު މާލެ އައުމަށް ދަތުރު ކުރަން އޮތް ފޯކައިދޫ ޓީމުގެ ދެ ވަނަ ލޯންޗު ވަނީ ދަތުރު ކެންސަލް ކޮށްފަ އެވެ.

ފޯކައިދޫގެ ޓީމުގެ އޮފިޝަލް އަދި އެ ރަށުގެ ކައުންސިލް ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ، ބައެއް ކުޅުންތެރިންނާއި އަދި ބައެއް އޮފިޝަލުން ހިމެނޭ ގޮތަށް 18 މީހުންގެ ފުރަތަމަ ލޯންޗު ފޮނުވާލެވުނު ކަމަށެވެ. ނަމަވެސް ބާކީ ތިބި ކުޅުންތެރިންނާއި އޮފިޝަލުން ނުފުރި ރަށުގައި އެބަތިބި ކަމަށެވެ.

"ކުޅުދުއްފުށިން އައި ލޯންޗު ފަތިހު އަތުވެއްޖެ، އޭރު މޫސުންވެސް އޮތީ ކޮންމެވެސް ވަރަކަށް ރަނގަޅަށް، ވަރަށް ހެނދުނު 18 މީހުން ފުރުވާލެވުނު،" ރާޝިދު ވިދާޅުވި އެވެ. "ދެ ވަނަ ލޯންޗު ފުރަންވީއިރު މުސުން ވަރަށް ގޯސް ވެއްޖެ އެހެންވެ ބާކީ ތިބި ކުޅުންތެރިންނާއި އޮފިޝަލުންނަށް ފުރޭނެ ގޮތެއް ނުވި."

އޭނާ ބުނީ، ކުރިއަށް އޮތް ތިން ދުވަހަށްވެސް ފުލައިޓްތައް ފުލުވެފައި ވުމުން ޖާގަ ހޯދަން ދަތި ވެފައިވާ ކަމަށެވެ. އެހެންވެއްޖަނަމަ މާދަމާ ކުޅެން ހަމަޖެހިފައިވާ މެޗަށް ފޯކައިދޫ ޓީމު ހަމަ ނުވާނެ އެވެ.

ޗެރިޓީ ޝީލްޑްގެ ފުރަތަމަ ލެގް މެޗުގައި މިދިޔަ ހުކުރު ދުވަހު ކުޅުނީ ފޯކައިދޫގެ ފުޓްބޯޅަ ދަނޑުގަ އެވެ. އެ މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ފޯކައިދޫއިން ޓީސީއާ އެއްވަރު ކުރީ ޓީސީ ލީޑްގައި އޮވެގެން މެޗު ނިމެން ދަނިކޮށް މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ.

ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު މިއަހަރު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ގޮތަށް އެފްއޭއެމުން ހަމަޖެއްސުމުން ފޯކައިދޫއަށް އެ ފުރުސަތު ލިބުނީ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަފު ޓީމުގެ ހައިސިއްޔަތުންނެވެ. ފޯކައިދޫއަށް އެ ފުރުސަތު ގެއްލުނީ، މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން، ތ. ތިމަރަފުށިން ފުރުސަތު ދޫކޮށްލުމުންނެވެ.