ދުނިޔެ

ވެސްޓް ބޭންކް ބައެއް އިޒްރޭލަށް ހައްގު: އެމެރިކާގެ މަންދޫބު

އިޒުރޭލުން ހިފާފައިވާ ބިންތަކުގެ ތެރޭގައި ހިމެނޭ ފަލަސްތީނުގެ ވެސްޓްބޭންކްގެ އެއްބައި ނަމަވެސް އަމިއްލަ ތަނެއްގެ ގޮތުގައި ހެދުން އިޒްރޭލަށް "ހައްގު" ކަމަށް އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ މަންދޫބު ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން ފަލަސްތީނާއި އިޒްރޭލަށް އެކުލަވާލި ސުލްހައިގެ ކޮންމެ އެއްބަސްވުމެއް އާންމު ކުރުމުގެ ކުރިން ވެސް ފަލަސްތީނުގެ ރައްޔިތުން ވަނީ އެ އެއްބަސްވުމަކާއި ދެކޮޅު ހަދާފަ އެވެ.

އެމެރިކާއިން އެއްބަސްވުންތައް އެކުލަވާލަމުން ދާއިރު އިޒްރޭލަށް އެންމެ ފައިދާވާނެ ގޮތަށް ނިންމާފައިވާ ކަމަށް ބުނެ ފަލަސްތީނުގެ ރައްޔިތުން އެއްބަސްވުންތަކާއި ދެކޮޅު ހަދަމުން ދާއިރު އެ މުޅި ދުނިޔޭގެ ފާޑުކިއުންތައް ވެސް އެ އެއްބަސްވުންތަކަށް ވަނީ ރައްދުވެފަ އެވެ.

އެންމެ ފަހުން އެމެރިކާގެ މަންދޫބު ވިދާޅުވި ވާހަކައެއްގެ ސަބަބުން ސުލްހައިގެ އެއްބަސްވުމަކާއި ހަމައަށް ދިއުމަށް ކުރާ މަސައްކަތަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން މިހާރު ވިދާޅުވެ އެވެ.

ނިއުޔޯކް ޓައިމްސް ނޫހަށް އެމެރިކާގެ މަންދޫބު ފްރައިޑްމަން ދެއްވި އިންޓަވިއުއެއްގައި ވެސްޓް ބޭންކުގެ ބައެއް އިޒްރޭލުގެ އަމިއްލަ ތަނަކަށް ހުދުން "ހައްގު" ކަމަށް ވިދާޅުވުމާ ގުޅިގެން އެ ވާހަކައިގެ ރައްދުގައި ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ އެގްޒެކެޓިވް މެމްބަރު ހަނާން އަޝްރަވީ ވިދާޅުވަނީ އެމެރިކާއިން އެގޮތަށް ބުނެ ބައެއްގެ ހައްގުތައް ފޭރިގަނެ ބައެއްގެ ބިމެއް ވަގަށް ނެގުމުގެ ކުށުން ބަރީއަވާން މަސައްކަތް ކުރަނީ އެވެ.

އެމެރިކާގެ މަންދޫބު ފާޅޫކޮށްފައިވާ ހިޔާލަކީ އިޒްރޭލުން ދެކޭ ގޮތްތޯ ނޫނީ އެމެރިކާއިން ދެކެމުން އަންނަ ގޮތްތޯ ސާފު ނުވާކަމަށް ވެސްޓުބޭންކުގައި ވެރިކަން ކުރާ ހަމާސްއިން ނެރެފައިވާ ބަޔާނެއްގައި ވާކަމަށް އަލްޖަޒީރާގެ ނޫސްވެރިޔާ ނިދާ އިބްރާހިމްގެ ރިޕޯޓެއްގައި ބުނެފައި ވެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރުތަކުގެ ދަށުން ވެސްޓް ބޭންކްގައި ޔަހޫދީންގެ ސަރަހައްދުތައް އިތުރުކުރަމުން ގޮސް މިހާރު ވެސްޓް ބޭންކްގައި 600،000 އަށްވުރެ ގިން ޔަހޫދީން ދަނީ ދިރިއުޅެމުން ނެވެ. އަދި ބައިނަލް އަގްވާމީ ދުނިޔެއިން ގަބޫލުކުރާ ގޮތުގައި ޔަހޫދީން އާބާދުވެފައިވާ ކޮންމެ ސަރަހައްދަކީ ގާނޫނާ ހިލާފަށް އާބާދުވެފައިވާ ތަންތަނެވެ. އަދި ސުލްހައަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެސް އެއީ އެވެ.