ވާހަކަ

އީޝަލް

(6 ޖޫން 2019 އާ ގުޅޭ)

"ބިރުނުގަނޭ، އަހަރެމެންގެ ކުރިމައްޗަށް ފާޅުވެބަލަ... އަހަރެންނަކީ އުމްމު ޒޮރައިދާ، މި ކުއްޖާފުޅު އުފަންކުރި ފޫޅުމައި، އޭނާގެ މަންމަ، ޖިލައްޔާގެ ޚާދިމާއެއް، ދެން މިހުރީ އިކަރޯސް... އޭނާ އެހުރީ އަހަރެންނާއެކު، ނިކަން މި ކުއްޖާފުޅުގެ ޚަބަރު އަހަރެންނަށް ކިޔައިދީބަލަ" ޒޮރައިދާ އެދުނެވެ. ރައުލްގެ ކަންފަތްތެރޭ ފިލާ ތިބި ޠަލަބްއާއި ސިއްތާ ނުކުތެވެ. އަދި ރައުލްގެ ބޯ ކައިރިން އެ ދެ މީހުން ފާޅުވިއެވެ.

ދެ ޚިޔާލެއްގައި ޠަލަބް ހުރިއިރު އޭނާއަށް ސިއްތާ އެކަނި އެ މުސްކުޅިޔާއާއި ދެން ހުރި އިފްރީތެއް ފަދަ ޒުވާނާއާ ކުރިމަތިލާން ދޫކޮށްނުލެވުނީއެވެ. އެފަދަ ކޮންމެ ވަގުތަކު ޠަލަބްއަށްވުރެ ސިއްތާގެ ހިތްވަރުގަދަކަން ފާޅުވެއެވެ. ޠަލަބްއަށް ވެސް ކަންކަމާ ކުރިމަތިލުމަށް ލިބޭ އެންމެބޮޑު ހިތްވަރަކީ ސިއްތާއެވެ. އެ މީހުން ފެނުމުން އިކަރޯސް ފެށީ ހޭށެވެ. ސިއްތާ ދެއަތް އުރާލައި ހަށިގަނޑު ސީދާކޮށްލަމުން އޭނާއަށް ބަލާލީ ނުރުހުމާއެކުއެވެ.

"ތި ހެނީ ކޮންކަމަކާތަ؟" ޒޮރައިދާ އެއްސެވެ.

"އަހަރެންނަށް މިފެންނަ މަންޒަރު ކަލެއަށް ފެންނަނަމަ ހިނި އަންނާނޭކަން ޔަގީން" އިކަރޯސް ހެމުން ބުންޏެވެ.

"އެމީހުން ފާޅުވީތަ؟" ޒޮރައިދޯ އެނގެން ބޭނުންވިއެވެ.

"އަހަރެން އިނގިއްޖެއްވަރު އެއިން މީހަކު ވަނީ، ޒުވާނުންކަން ޔަގީން، އަންހެނަކާއި ފިރިހެނެއް... ޒޮރައިދާ، އަތުން ޖަގައި ޗިސްކޮށްލެވޭހާ ބަލިކަށި ބައެއް، އެމީހުން ކިހިނެއް މިއޮތް ޒުވާނާގެ ހަށިފާރަވެރީންނަށްވާނީ، އެމީހުން ތިބިގޮތް ކަލެއަށް ވެސް ފެންނަނަމަ އަހަރެން މިބުނާ އެއްޗެއް ޔަގީންވާނެ" އިކަރޯސް ބުންޏެވެ.

"އަހަރެމެންނަށް މަލާމާތް ކުރަނީތަ؟ ކަލެއަށް ދުނިޔެ ފެނިފައިނުވާހެން އަހަރެންނަށް ހީވަނީ، ތަފާތު ނަސްލުތަކަށް އެކި ސިފަތަކަށް އަހަރެމެން ފެތުރިފައިވާކަން ކަލެއަށް ނޭނގޭތަ؟ ޒޮރައިދާއޭ ކަލޭ ތިކިޔާ މުސްކުޅިޔާއާއި ކަލެއާ ދެ މީހުންގެ ސިފައިގައި ހުރި ތަފާތުކަން ކަލެއަށް ފާހަގަނުވޭތަ؟ އެހެންވެއްޖެނަމަ އޭނާއަށްވުރެ ވެސް ކަލޭގެ ހާލު ބޮޑުތާ... އޭނާގެ ވާހަކަތަކުން އެނގޭ ހަޤީޤަތުގައި ވެސް އޭނާގެ ލޮލަށް ނުފެންނަނީކަން، އެކަމަކު ކަލޭ... ހުރިހާ ކަމެއް ފެންނައިރު ވެސް ކަނުމީހަކަށް ތިވީ" ސިއްތާ ރައްދު ދިނެވެ. އިކަރޯސްގެ ހުނުން ވަގުތުން ކަނޑައިގެން ހިނގައްޖެއެވެ. މިފަހަރު އިވުނި ޒޮރައިދާގެ މަޑު ހީނލުމެއްގެ އަޑެވެ.

"އިކަރޯސް... ސިފައަށް ބަލައި އެމީހެއްގެ ކުޅަދާނަކަން ދެނެއެއް ނުގަނެވޭނެ، އޭނާގެ ވާހަކަތަކާ މެދު ހިތްބަރުނުކުރޭ، އޭނާގެ ގަސްދަކީ ކަލޭމެންނަށް މަލާމާތް ކުރުމެއްނޫން، އޭނާއަކީ ވެސް މިތަނުގައިވީ ބަދުނަސީބު ނަފްސެއް، ކަލޭމެން ފަދަ މިނިވަނެއްނޫން، އޭނާގެ ހަތަރެސްފައިގައި ހިލިހިލާގަނޑެއް ނެތްނަމަވެސް އެއީ މިތަނުގައިވާ ޤައިދީއެއް، ނޭނގުމުގެ ތެރޭ އަހަރެމެން ކޮންމެ މީހަކަށް ވެސް ގޯސް ހެދޭ، އޭނާގެ ފުށުން އަހަރެން ކަލޭމެންގެ ގާތުން މަޢާފަށް އެދެން" ޒޮރައިދާ ބުންޏެވެ.

"އަހަރެންމީ ސިއްތާ، ދެން ހުރީ އަހަރެންގެ ބޭބެ، ޠަލަބް..." ސިއްތާ ވާހަކަދެއްކިއެވެ. ޒޮރައިދާ އެދުނީ އެ ހުރަގެއަށް ރައުލް އަންނަން ޖެހުނު ގޮތް ކިޔައިދިނުމަށެވެ. ޠަލަބްއާއި ސިއްތާއާ ރައުލް ބައްދަލުވި ވަގުތުން ފެށިގެން ހިނގައިދިޔަ ކަންކަން ސިއްތާ ކިޔާދިނެވެ.

"އަނތްބަކު ވެސް ހޯދީތަ؟... ތި ސިފަކޮށްދިނީ އަހަރެމެންގެ ތެރެއިންވާ އަންހެންކުއްޖެއް، ރަސްމަތިފުށުގެ ޢިއްޒަތް އެ އަންހެންކުއްޖާއާ ގުޅިފައިވާކަން ޔަގީން، އަހަރެންގެ ސާހިބު ކަމަނާ ސަލާމަތްވީތަ؟ އެމީހުންގެ ތެރެއިން ކުއްޖަކަށް އެ އަންހެންކުއްޖާ ވެދާނެބާ؟ ރައުލްގެ އޭނާގެ އަހުލުންގެ ގާތަށް ދިއުމުން ވެސް އެކަން އެމީހުންނަށް ނޭނގުނުތަ؟... ޖިލައްޔާ!... އޭނާގެ ދުޢާ އިޖާބަކުރައްވައިފި، އޭނާ އެދުނު ފަދައިން އެ ދަރިފުޅު އޭނާގެ އަހުލުންގެ ގާތަށް އަނބުރާ ރައްދުކޮށްދެއްވައިފި" ހެމުން ރޮމުން ޒޮރައިދާ ވާހަކަދެއްކިއެވެ.

"މި ހިލިހިލާއިން އޭނާ މިނިވަން ކޮށްދެވިދާނެތަ، އަހަރެމެންނަށް ރައުލް ގޮވައިގެން އީޝަލްގެ ގާތަށް ދެވޭނީ އޭރުން، ޒަގަން އެނބުރި އައުމުގެކުރީން ރައުލް ގެންދަން ބޭނުން" ހުރިހާ ވާހަކައެއް ދެއްކީ ސިއްތާއެވެ.

"ޒަގަން... އެއީ... އެއީ ކަސްދިޔާ!... ބޭރީތުގެ އެންމެ އިސް އަނބިމީހާގެ ދޮށީ ދަރިފުޅު، ރައުލް އުފަންވީއިރު ބޭރީތުގެ އެންމެ އަރިހުގައި އުޅުނު ފިރިހެންކުއްޖާ، ޖިލައްޔާއަށް ރައުލް ލިބުނުއިރު ކަސްދިޔާއަށް ވެސް އިތުރު ފިރިހެން ކުއްޖަކު ލިބުނު، ރައުލް ބޮޑުވީ ކިހިނެއްކަމެއް ވެސް ނޭނގޭ، އެކަމަކު ޔަގީންވާ ކަމަކީ ކަސްދިޔާ އެ ކުއްޖާ ހަމަޖެހިގެން އުޅުނަކަށް ނުދޭނެކަން، ޒަގަން ގަސްދު އެކުރީ ބޭރީތު ހިންގި ފަދަ ނުބައި ޢަމަލެއް ހިންގުމަށް... އަހަރެންނާ ހަމައަށް ރައުލް އައިސް އެކުއްޖާފުޅުގެ ފުރާނަ މިތަނުގައި ވަކިވެގެން ދިއުމަށް ދޫކޮށްލާކަށް ހިތަށް ކުޅަދާނައެއްނުވާނެ، ސިއްތާ... އިކަރޯސް، މީނާ ހޭއަރުވަން އެބަޖެހޭ، އޭނާގެ ހަށިގަނޑަށް ލިބިފައި ހުރި ޒަޚަމް ވީ އެންމެ އަވަހަކަށް ފަސޭހަވާނޭ ގޮތް ހަދަން އެބަޖެހޭ، ކަލޭމެންގެ އެހީ އަހަރެންނަށް ބޭނުންވޭ" ޒޮރައިދާ އެދުނެވެ.

"މީ... މީ ރަސްގެފާނުގެ ދަރިކަލެއްތަ؟" ވާނުވާ ނޭނގިފައި ހުރި ފަދައަކުން އިކަރޯސް އެއްސެވެ. ސިއްތާއާއި ޒޮރައިދާގެ ދެމެދުގައި ދެކެވުނު ވާހަކަތައް އިކަރޯސް ހުރީ ކަނުލާ އަޑުއަހާށެވެ. އޭނާއަށް ހަމައެކަނި ފަހުމްވީ ރައުލްއަކީ ބޭރީތާއި ޒޮރައިދާ މެންގެ ތެރެއިން ޖިލައްޔާ ކިޔާ ޖިންނިއަކަށް ލިބުނު ދަރިއެއްކަމެވެ. އަދި އެއީ ރަސްކަމުގެ ގަނޑުވަރުގައި ދިރިއުޅުނު މާތް ރަސްދަރިކަލެއްކަމެވެ. ބޭރީތުގެ ތަޚުތުގެ ވާރިޘެއް ކަމެވެ. އެ ޚަބަރުން އޭނާއަށް ލިބިފައިވާ ހައިރާންކަން ފިލައިނުދެއެވެ. ރައުލްއާ ދެކޮޅަށް ނުބައި ރޭވުމެއް ރޭވިގެން ނޫނީ މިހާރު އެ އޮތް ހާލުގައި އޭނާ ނޯންނާނޭ އިކަރޯސްގެ ޟަމީރު ވެސް އެވަގުތު އެއްބަސްވިއެވެ.

* * * * *

ބޭސްގަނޑުގައި ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ހޭދަވެގެން ދިޔައިރު އީޝަލްގެ ވަރައިން ގުޅުވި ބައިގެ ދިރުން މަޑުމަޑުން ނެތެމުންދާކަން ޒިޔަޒެލްއަށް ފާހަގަވިއެވެ. އޭރު އެ މީހުންގެ ތެރެއަށް އައިޒަންއާއި ޖޫދާގެ ބައްޕަ ބިންޔާމީން ވެސް ހުރީ ފައިބައެވެ. އައިޒަންގެ އަރިސް ޙަކީމު ޒިޔަޒެލްއާއެކު ހަރަކާތްތެރިވަމުންދެއެވެ. ދުރުން ތަފާތު އެކި ޙަކީމުން ގޮވައިގެން މީކާޢިލްއާއި ޖޫދާ އައެވެ. އެއްވެސް ބޭހަކަށް އީޝަލްގެ ވަރަ ސަލާމަތް ނުކުރެވުނުތާ އޭނާ ހެއެއް ވެސް ނޭރުވުނެވެ. ގަދަ ހުމެއް އައިސްފައިވާހެން އެ ހަށިގަނޑުގެ އައީ ހޫނުވަމުންނެވެ. ފިނި ކުރުމަށް ފެންގަނޑެއްގެ ތެރެއަށް ލުމުން ވެސް ހަށިގަނޑު ފިނިވުމުގެ ބަދަލުގައި ފެންގަނޑު ހޫނުވެ ބޮކި ޖަހާ ކެކިގަންނަނީއެވެ. ބަހީރާގެ ލޮލުން ކަރުނަ ނުހިކެވެ.

"އައިޒަން!... ބޭރީތު މިފަހަރު އެ ގެންދިޔައީ ކަލޭގެ ކާފަދަރިފުޅުގެ ދިރިއުޅުން، ކައިވެނީގެ އުފާވެރިކަން ނުލިބި އެކުއްޖާ ހުވަފަތްކުރީ އެ ނުބައި ބޭރީތު، އަހަރެންގެ ފުރާނަ ދިޔަޔަސް ވަރިހަމަ... އޭނާ ހަމަބިމަށް ތިރިކުރަން އެބަޖެހޭ" ބިންޏާމީން ބުންޏެވެ. ނަމަވެސް ކަނޑުގެ ސަތަހައަށް ނަޒަރު ހުއްޓާލައިގެން ހިމޭނުން އައިޒަން ހުރީ އެވެ. އޭނާގެ ނަފްސުގެ ހަމަޖެހުންގެއްލި ހިތަށް ލިބިފައިވާ ހިތްދަތިކަން އޭނާ ފޮރުވައިލައިގެން ހުރީ އެ ހިމޭންކަމުގެތެރޭ އެވެ.

"އިންސީންގެ ތެރެއިން ބޭހެއް ގެންނަންވީނު، އެ ހަށިގަނޑަކީ މިޝަލްގެ އެއްބައި" ހަދާނޭ ގޮތް ހުސްވެފައިވާ މީހަކު ފަދައިން ބަލްޤިސް އޭނާގެ ބޭބެގެ ގާތުގައި އެދުނެވެ.

"އެމީހުންގެ ތެރެއިން ވެސް ބޭސް ގެނެވިއްޖެ، ލާމިއާ އެ އައީ އެ މީހުންގެ ތެރެއިން ފަރުވާއެއް ވޭތޯ އެމީހުންގެ ތެރޭގައި ދިރިއުޅުނު މަޚުލޫޤެއް ގޮވައިގެން، އޭނާ އެނބުރި އެ ދިޔައީ އޭނާއަށް ކުރެވޭނޭކަމެއްނެތޭ ޒިޔަޒެލް ގާތު ބުނެފައި، އެންމެން ބުނަނީ އެކުއްޖާފުޅުގެ ވަރައިގެ ބިނދިފައިވާ ބައި ވަކިކޮށްލުމަށް، އެއީ އެ ހަށިގަނޑުގެ އެއްބައި... އެކަމަކު... އެބައި މަރުވަނީކަމަށް.... އެ ދަރިފުޅަށް ޓަކައި ކޮށްދޭނޭކަމެއް އަހަރެންނަކަށް ނޭނގުނު، ބަލްޤިސް... އަހަރެންގެ ހިތްވަރުއެލެންފަށައިފި، އުންމީދު ކަނި ނިވެންފަށައިފި، އަލިމަގެއް ދުށުމަށް ބޭނުންވި ނަމަވެސް އެ އަލިކަން މަޑުމަޑުން އެ ދަނީ ފަނޑުވަމުން" ނިތްކުރީގައި ކަނާއަތްތިލައިން ހިފަހައްޓާލައިގެން މީކާޢިލް ހުރީ އިސްޖެހިފައެވެ.

"މީކާޢިލް... ލުގަލް... ލުގަލް ހޭ އަރައިފި" މިޒަރެންގެ އަޑު އިވުނެވެ. އެހިނދު ލުގަލްބަންދާ އޮތް ކޮޓަރިއަށް މީކާޢިލްއާއި ޖޫދާގެ އިތުރުން ބަލްޤިސް ވަންނަން އައެވެ.

"މަޑުކުރޭ..." ދޮރުމަތީ ހުރި ޒިޔަޒެލް ބުންޏެވެ.

"ކިހިނެއްވީ؟" ޖޫދާ އެއްސެވެ.

ލުގަލްބަންދާ އެ ކޮޓަރިއަށް ލެވުނީސްސުރެން އޭނާގެ ގާތަށް ވަނުމަށް ޒިޔަޒެލް ހުއްދަ ދިން ބަޔަކީ ހަމައެކަނި މީކާޢިލްއާއި އައިޒަންއެވެ. ލުގަލްބަންދާގެ ބަދަލުވެފައިވާ ސޫރަ އިތުރު މީހަކަށް ފެންނަން ޒިޔަޒެލް ނޭދެއެވެ. ފަހުނޭވާގައި އިތުރު ގޮތެއްނެތް ފަދައިން ލުގަލްބަންދާ ނިންމި ނިންމުމަކަށް އޭނާއަށް އެ އައި ބަދަލު ވެދާނޭ ޒިޔަޒެލްއަށް ހީވަނީއެވެ. އެ މީހުންނާއެކު އެ ހާ ދުވަހު ލުގަލްބަންދާ އުޅުން އިރު އޭނާއަށް ވާހަކަދައްކަން އެނގޭއިރު ވެސް އެކަން އޭނާ ނުކުރުން ޒިޔަޒެލްގެއަށް ހީވާ ހީވުމަށް ބުރަވިއެވެ. ލުގަލްބަންދާއާއި އީޝަލްއާ ދެމެދު އޮންނަ އެ ގުޅުމަކީ ޚާއްޞަ ގުޅުމެއްކަން ޒިޔަޒެލްއަށް މިހާރު ޔަގީންވެއެވެ. އަދި ލުގަލްބަންދާ އެ ވަނީ ވަރަށް މަތީ ދަރަޖައަކަށް އެހާމެ ގާތްކޮށް އީޝަލް ބަލައިގަނެފައިކަން ޒިޔަޒެލްގެ ޟަމީރު ވެސް އެއްބަސްވެއެވެ. މި ހުރިހާކަމެއް އެންމެންނަށް އެންގުމަކީ ލުގަލްބަންދާ ރުހޭނެ ކަމަކަށް ނުވާނޭކަން ޒިޔަޒެލްއަށް ވެސް ވިސްނެއެވެ. ޚުދު އޭނާ ނަމަވެސް ހިތާ ގުޅިފައިވާ އެފަދަ ސިއްރުތަކެއް ފަޟީހަތްވުމަކަށް ނޭދެވޭނެއެވެ.

"އޭނާ... އޭނާ އެދެނީ މީކާޢިލް ވަނުމަށް" ޒިޔަޒެލް ބުންޏެވެ.

"އެކަމަކު..." ބަލްޤިސް ދެކޮޅު ހަދަން އުޅުނެވެ. ނަމަވެސް މީކާޢިލް އޭނާ ހުއްޓުވީއެވެ.

"ބަލިކަށިކަމުގައިވާ ހިނދު މީހުންނާ ކުރިމަތިލުން އެކަކަށް ވެސް ފަސޭހައެއްނުވާނެ، އޭނާގެ ނިންމުމަށް އިޚްތިރާމްކުރޭ ބަލްޤިސް" މީކާޢީލް ބުންޏެވެ. އެވަގުތު ޖޫދާ އައިސް ބަލްޤިސްގެ ކޮނޑުގައި ހިފަހައްޓާލައި ގާތްކޮށްލައިފިއެވެ. މީކާޢިލްގެ ވާހަކަ ޤަބޫލުކުރުމަށް އެދޭ ފަދައަކުންނެވެ.

ޒިޔަޒެލްއާއެކު މީކާޢިލް އެތެރެއަށް ވަދެ އެ ކޮޓަރީގެ ދޮރު ބަންދުކުރިއެވެ. ފޮތިގަނޑަކުން އުނަގަނޑުން ތިރި ނިވާ ކުރެވިފައި އޮތް ލުގަލްބަންދާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. މީހެއްގެ ސިފަ ޖެހިފައި ވިޔަސް އޭނާގެ ގައިގާ ހުންނަ ކަޅުހަމާއި އެ ހަމުގައި ޖަހާފައި ހުންނަ ލައްތަ ފާޅުވޭވޭ ހުއްޓެވެ. އަޖައިބުވާ ފަދަ ރީތިކަމެއްވާ އޮފުއަރައަރާ ހުންނަ ދެ އަގީދު ފަދަ ދެ ކަޅި މަޑުމަޑުން ހުޅުވާލި ލޮލުގެ ތެރެއިން ވިދައިގަތް ކަހަލައެވެ. ބޮލުގައި ފެންނަން ހުންނަ ދެ ދަޅުވަނީ އޮބިފައެވެ. އަދި ހައިވާނެއްގެ ގޮތަށް އޮންނަ އިރު ފެންނަ މަހުމާފަދަ ދިހުން އަރާ ބޯ ކެހެރިގަނޑުވަނީ ދިގު އިސްތަށިގަނޑަކަށް ބަދަލުވެފައެވެ. ދެފަރާތުން ތަންކޮޅެއް ބޮޑުކޮށް ކޮޅަށް އޫކޮށް މައްޗަށް އުފުލިފައި ދެ ކަންފަތް ހުއްޓެވެ. ކުރުއަތް މައްޗަށް ލުގަލްބަންދާ ތެދުވެލަން އުޅުނެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި އެހާ ވަރެއްނެތްކަން އިޙްސާސްވީ އަރިއަޅާލުމުންނެވެ. މީކާޢިލްއާއި ޒިޔަޒެލްއަށް ހަލުވިކޮށް އެދިމާއަށް އާދެވުނެވެ.

"އީޝަލް..." ތަންމައްޗަށް އުއްޑުން ވެއްޓުނު ލުގަލްބަންދާ ބުންޏެވެ. އެއާއެކު ނިކަން އަވަހަށް އީޝަލްގެ ޚަބަރު މީކާޢިލް އޮޅުން ފިލުވައިދީފިއެވެ. އެ ޚަބަރު ލިބުނު ހިނދު ލުގަލްބަންދާ ދެ ލޯ މަރާ ބާރުކޮށްލިތަން އެ މީހުން ދުށްޓެވެ. އޭނާގެ މޭގައި ކަނާއަތް ޖައްސާލައި އަތްތިލަ މުއްކަވާލިއެވެ.

"ރައުލް... އެ ކުރުމީހުން..." އިރުކޮޅަކު ހިމޭނުން އޮތުމަށްފަހު ލުގަލްބަންދާ ވާހަކަދައްކަން ފެށިއެވެ. ނަމަވެސް އޭނާ ބުނަން އުޅުނު އެއްޗެއް ފުރިހަމަނުކުރެވެނީސް ޒިޔަޒެލް ވާހަކަދެއްކިއެވެ.

"ރާވިންއާއި ރައުލްއެއްނެތް، އެމީހުން ޒަގަންގެ އަތްދަށުވީ... ޠަލަބްއާއި ސިއްތާއެއް ވެސް ނުފެނުނު" ޒިޔަޒެލް ބުންޏެވެ. އެއާއެކު ލުގަލްބަންދާ އިޝާރާތްކުރީ މީކާޢިލްއަށެވެ. އޭނާގެ ގާތުގައި އެނދުގެ މަގަތުން އިށީނުމަށެވެ. އަނގައިން ވާހަކަދައްކަން އާދަވެފައި ނެތް ލުގަލްބަންދާއަށް އެކަންވީ އިތުރު ވަރުބަލިކަމެއް ލިބޭ ކަމަކަށެވެ. އެހެންވެ މީކާޢިލް އައިސް އިށީނުމުން އޭނާ މީކާޢިލްގެ އަތުގައި އަތްލިއެވެ. އަދި އޭނާ ތުންތެޅުވުމެއްނެތި މީކާޢިލްއާ ނަޒަރު ހަމަކޮށްލައިގެން އޮވެ އެ ދެއްކި ހުރިހާ ވާހަކައެއް މީކާޢިލްއަށް ސާފުކޮށް އިވުނެވެ. މީކާޢިލްގެ މޫނަށް އަރައި ފޭބި އަސަރުތައް ދެނަގަނެވޭތޯ ޒިޔަޒެލް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަށް އެކަން ނުވުމުން މަޑުކޮށްގެން ހުރީ މީކާޢިލް އަނގައިން ބުނާނޭ ވަގުތަކަށެވެ.

"ކަލޭ އީޝަލްއާ ވާހަކަދައްކަނީ ތިހެންތަ؟ އަހަރެން ކުރީން ހިޔެއްނުކުރަން އީޝަލް ކަލެއާ ވާހަކަދައްކާއިރު އެކުއްޖާގެ ވާހަކަތަކަށް ކަލޭ ރައްދުދޭކަމެއް" ލުގަލްބަންދާ އަތް ދުރަށް ޖައްސާލުމުން އޭނާއަށް ބަލަން އިން މީކާޢިލް ބުންޏެވެ. އެކަމަށް ލުގަލްބަންދާ އެއްވެސް އެއްޗެއް ނުބުންޏެވެ. މީކާޢިލް ދެން ބަލާލީ ޒިޔަޒެލް އަށެވެ. ޠަލަބްއާއި ސިއްތާވީ ރައުލްއާއެކުކަން މީކާޢިލް ބުންޏެވެ. އެ މީހުން ރައުލްއާއެކު ދިއުމަށް ލުގަލްބަންދާ އަމުރުކުރީ ކަމުގައި ބުންޏެވެ. އެ ޚަބަރު ހިފައިގެން މީކާޢިލް އެ ކޮޓަރިން ނުކުތުމުން ޒިޔަޒެލް އައިސް ލުގަލްބަންދާގެ މަގަތުން އިށީނެވެ. ފަރުވާތެރިކަމާއެކު ލުގަލްބަންދާއަށް އޭނާ ބަލާލިއެވެ.

"ލުގަލް!... ކަލޭ ރުހޭކަމަކަށް އީޝަލްއާއި ރައުލް ގުޅުން ނުވޭ، އަހަރެން ހީކުރި ވަރަށްވުރެ ކަލޭ މާ ކުޅަދާނަ، މާ ދުރަށް ކަލޭ ވިސްނާކަން ޔަގީން، އަހަރެންނަށް އެނގޭ ކަލޭގެ ހިތުގައި އީޝަލްއަށް ޓަކައިވަނީ ކޮންކަހަލަ އިޙްސާސެއްކަން، ރައުލް ދިއުމުން މީ ކަލެއަށް ލިބޭ ފުރުޞަތެއްނޫންތަ؟... ކަލެއާގެ ހިތުގެ މުރާދު ހާސިލުކުރުމަށް" ޒިޔަޒެލް މަޑުމަޑުން ބުންޏެވެ. އޭނާ އިނީ ލުގަލްބަންދާގެ މޫނަށް ބަލާށެވެ. ލުއި ހިނިތުންވުމެއް އެ މޫނުން ފާޅުވިއެވެ.

"ޒިޔަޒެލް، ކަލޭ ހީކުރަނީ އަހަރެން މީ ޒަގަން ކަމައްތަ؟ އަހަރެންގެ ވަނީ އޭނާގެ ވާފަދަ ދަހިވެތިކަމެއްކަމައްތަ؟... ކަލޭމެންނާ އީޝަލް ތަފާތީ އެހެންވެ... އޭނާގެ ހިތް ފަދަ ސާފު ހިތެއް އަހަރެން ނުދެކެން، އަހަރެންނަށް އީޝަލް ބޭނުންޖެހިފައި ވިޔަސް ރައުލް އެ ހުރި މަޤާމަށް އަހަރެން ބޭނުންވިޔަސް އީޝަލް އެކަމާ އެއްބަސް ނުވާނޭކަން އަހަރެންނަށް އެނގޭ، އޭނާގެ މައުސޫމްކަމާއި އެ ހިތުގައިވާ ތެދުވެރި ލޯބި ގެއްލިގެންދާން އަހަރެން ނޭދެން، އެހެންވެއްޖެނަމަ އީޝަލް ބަދަލުވާނޭކަން ޔަގީން، އޭނާ އެ ދަރަޖައަށް ރައުލްއަށް އެދޭ، އަހަރެންނާއި ރައުލްއާ ދެ މީހުންގެ ޚިޔާލު އެއްގޮތް ނުވިޔަސް، އަހަރެމެން ދެ މީހުންނަށް އީޝަލްއާ މެދު ދެ މީހުންގެ ހިތުގައިވަނީ ކީކޭކަން އެނގޭއިރު ވެސް އަހަރެންނަށް ޔަގީންވާ ކަމަކީ ރައުލް ވެސް ރުހުމުގައި އީޝަލްއާ ވަތްކެއްނުވާނޭކަން، ފަހުނޭވާއާ ހަމައަށް އޭނާ އީޝަލްއަށް ޓަކައި ކޮންމެފަދަ ކަމަކާ ވެސް ކުރިމަތިލާނެ... އަހަރެންގެ ހިތް އެނގިހުރެ އޭނާ އަހަރެންނާ އީޝަލް ހަވާލުކުރީ، އަމާނާތްތެރިކަމާއެކު އޭނާ އެނބުރި އަންނަންދެން އަހަރެން އޭނާގެ އަނބިމީހާ ރައްކާތެރިކުރާނަން، އީޝަލްއާ ބައްދަލުކުރަން ބޭނުން، އެކަމަކު އަހަރެންގެ އެއްވެސް ކަމެއް އީޝަލްނޫން މީހަކަށް ފެންނާކަށް ނޭދެން، އަހަރެންނަށް މި ތަންމަތިން ތެދުވެވެންދެން މިތަނަށް މީހަކު ވަނަ ނުދޭތި، އަހަރެންނަށް ތެދުވެވުނުހާ އަވަހަކަށް އަހަރެން އީޝަލް އެނބުރި ގެންނާނަން، ނިދީގެ އާލަމުން މި ހިތްދަތި ހަޤީޤަތުގެ ތެރެއަށް އޭނާ ގެންނާނަން" ލުގަލްބަންދާ ބުންޏެވެ.

"ކަލޭ އަވަހަށް ގަދަވޭ، އަހަރެންގެ ކުއްޖާފުޅު، މިޒަރެން ކަލޭގެ ބޭސްގަނޑުތައް ބަދަލުކުރަނީ... އޭނާ ފިޔަވާ މިތަނަށް ވަންނާނީ އަހަރެންނާއި މީކާޢިލް.... އަދި ބުނަން، ކަލޭ އީޝަލް ރައްކާތެރިކުރާނެ ކަމާމެދު އަހަރެން ޝައްކެއްނުކުރަން، އެކަމަކު ހިތަށް އަރާ ކަލެއާއި ރައުލް އެ އަންހެންކުއްޖާއަށް ޓަކައި ކުރިމަތިލައިފިއްޔާ ވާނީ ކިހިނެއްބާއޭ" ޒިޔަޒެލް އިންތަނުން ތެދުވަމުން ހިނިތުންވެލިއެވެ. އޭނާ ކޮއްލި ސަމާސާއެއްކަން އެނގި ލުގަލްބަންދާ ވެސް ހިނިތުންވެލިއެވެ. ނަމަވެސް ޒިޔަޒެލް އެ ކޮޓަރިން ނުކުތުމުން ލުގަލްބަންދާގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވިއެވެ.

"އީޝަލް!... ތެދުވޭ އީޝަލް!... މީ ތިހެން އޮންނަންވީ ވަގުތެއްނޫން" ލުގަލްބަންދާ ގޮވާލިއެވެ.

(ނުނިމޭ)