ކުޅިވަރު

ކުލަބު ލައިސެންސްގެ ފަހު ފުރުސަތު އަންގާރަ ދުވަހަށް

މި އަހަރު ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން ލައިސެންސަށް އެދި ހުށަހަޅަފައިވާ ކުލަބުތަކަށް ލައިސެންސްގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މުއްދަތު އިތުރު ކޮށްދީފި އެވެ.

ލައިސެންސް ލިބޭނީ ލައިސެންސާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުންނެވެ. ބައެއް ކުލަބުތަކުން ހުށަހަޅަން ޖެހޭ ކުޅުންތެރިންގެ މެޑިކަލް ތަފްސީލާއި ފައިނޭންސް ކްރައިޓީރިއާގެ ތަފުސީލު ހުށަހަޅުމަށް އެފްއޭއެމުން ވަނީ އަންގާރަ ދުވަހު މެންދުރު ފަހު 2:30 ގެ ނިޔަލަށް މުއްދަތު އިތުރު ކޮށްފަ އެވެ.

ފައިނޭންސް ކްރައިޓީރިއާގެ ދަށުން ފުރިހަމަ ކުރަން ޖެހޭނީ ފައިސާއާ ގުޅުން ހުރި ކަންކަމެވެ. މި މައްސަލަގައި އެންމެ އުނދަގޫ ހާލަތަކަށް ވެއްޓިފައި ވަނީ ވިކްޓަރީ އެވެ. އެ ޓީމުގެ ދިވެހި ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުން އެ ކުޅުންތެރިންގެ ފަރާތުން ވަނީ އެ މައްސަލަ އެފްއޭއެމް އަށް ހުށަހަޅާފަ އެވެ.

ކުޅުންތެރިޔެއްގެ ފަރާތުން އެކަހަލަ ޝަކުވާއެއް ހުށަހަޅައިފިނަމަ އެކަން ބެލުމަށް ފަހު ފައިސާ ދައްކަން ޖެހޭނަމަ ދެއްކުމުން ނޫނީ، ލައިސެންސް ނުލިބޭނެ އެވެ. އެފްއޭއެމުން ބުނީ ލައިސެންސް ނެތި ފުރަތަމަ ޑިވިޝަންގައި ނުކުޅެވޭ ގޮތް ހެދީ އޭއެފްސީން ހުރިހާ ގައުމުތަކަށް އެންގި އެނގުމަކާ ގުޅިގެން ކަމަށެވެ.

ވިކްޓަރީން މުސާރަ ނުދޭ މައްސަލައިގައި އެ ކުލަބުގެ ކުޅުންތެރިންނަށް 500،000 އެއްހާ ރުފިޔާ އަދާ ކުރަން ދިން މުއްދަތު އިއްޔަ ހަމަވީއިރުވެސް އެ ކުލަބަށް އެކަން ފުރިހަމަ ނުކުރެވުމުން، އެ ކުލަބުން ވަނީ މުއްދަތު އިތުރު ކޮށްދިނުމަށް އެފްއޭއެމްގައި އެދިފަ އެވެ.

އެހެން ކުލަބުތަކުންވެސް ވަނީ މުއްދަތު އިތުރު ކޮށްދިނުމަށް އެދިފަ އެވެ. އަންގާރަ ދުވަހުގެ 2:30 ގެ ކުރިން ވިކްޓަރީން ފައިސާ ނުދައްކައިފިނަމަ އެ ޓީމަށް މި ސީޒަންގައި ނުކުޅެވޭނެ އެވެ.

ވިކްޓަރީގެ ކުރީގެ ވާދަވެރިޔާ ނިއު ރޭޑިއަންޓް މި ސީޒަންގައި ނުފެންނާނެ އެވެ. އެއީ އެ ކުލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން އެ ކުލަބު ސަސްޕެންޑް ކުރުމުގެ އިތުރަށް، ފީފާއިން އެޓީމާ ދެކޮޅަށް އަޅާފައިވާ ޓްރާންސްފާ ބޭންގެ ސަބަބުން އާ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭނެ ތީ އެވެ.