ދުނިޔެ

އިންޑިއާ ކަނޑުން ބާނާ ކަންނެލި ގަތުން ހުއްޓާލަން ޖެހޭ: ބްލޫ

އިންޑިއާ ކަނޑުން ބާނާ ކަނޑު މަހުގެ ބާވަތެއްކަމަށްވާ ކަންނެލި (ޔެލޯފިން ޓޫނާ) ގަަންނަ ފަރާތްތަކުން ކަންނެލި ގަތުން ހުއްޓާލުމަށް ޔޫކޭގެ ބުލޫ މެރިން ފައުންޑޭޝަން (ބްލޫ) އިން އިލްތިމާސް ކޮށްފި އެވެ. ބްލޫ އިން އެގޮތަށް އިލްތިމާސް ކުރެއްވީ ކަންނެލި ބާނާ އަދަދު ގިނަވެގެން ގޮސް އެ ބާވަތުގެ ކަނޑުމަހުގެ އާބާދީ މާބޮޑަށް ދަށްވެފައިވާ ކަމަށް ބުނެފަ އެވެ.

އިޔާާދަ ވަނިވި ގޮތެއްގައި މަސްވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރާ ޗެރިޓީ އޯގަނައިޒޭޝަން ބްލޫ އިން ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުން އިނގިރޭސި ވިލާތުގައި ކޮންމެ އަހަރަކު 700 އެއްހާ ޓަނުގެ އައިސް ކުރި އަދި އައިސް ނުކުރާ ކަންނެލި ވިއްކަ އެވެ.

ނަމަވެސް މާދަމާ ކަނޑުގައި ކަންނެލީގެ ސްޓޮކް މަދުވެ ކަންނެލި ބާނަން ދަތިވުމުގެ ސަބަބުން މަސް ގަންނަން ލިބޭގޮތް ނުވުން އެކަށީގެން ވާކަމަށް މަސް ގަންނަ ފަރާތްތަކަކަށް ނާންގަ އެވެ.

ހުޅަނގާއި މެދުތެރޭގެ ޕެސިފިކް ކަނޑުގެ ކަންނެލި ސްޓޮކް އަދި ވަރުގަދަކޮށް އޮތްނަމަ ވެސް މާގިނައިން ބޭނުމުގެ ސަބަބުން އިންޑިއާ ކަނޑުން ބާނާ ކަންނެލީގެ ސްޓޮކް ހުސްވެގެން ދިއުމުގެ ބިރު އޮތްކަމަށް ބްލޫ ފައުންޑޭޝަންގެ ރިޕޯޓުގައި ވެއެވެ.

އިންޑިއާ ކަނޑުގައި ކަންނެލީގެ މަސްވެރިކަން އަންނަން އޮތް ޖީލުތަކާއި ހަމައަށް ދަމަހައްޓަން ބޭނުންނަމަ ހުސްވާން ގާތްވެފައިވާ ކަންނެލީގެ ސްޓޮކް އަލުން އާލާވުމަށް 50-50ގެ ފުރުސަތެއް ދިނުމުގެ ގޮތުން ކަންނެލި ބާނާ އަދަދު 20 ޕަސެންޓު ދަށްކުރަން ޖެހޭނެކަމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ ސައިންޓިސްޓުން މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ.

ބްލޫ މެރިން ފައުންޑޭޝަންގެ އެގްޒެކަޓިވް ޑިރެކްޓަރު ޗާލްސް ކްލޯވާ ވިދާޅުވަނީ އިންޑިއާ ކަނޑުން ބާނާ ކަންނެލި ގަންނަ ފަރާތްތަކަށް އެއްވެސް ދަތިކަމަކާނުލާ އަބަދުވެސް ކަންނެލި ގަންނަން ލިބޭނެކަމުގެ ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން އެ ފަރާތްތަކަށް ވަރަށްް ބޮޑަށް އޮޅުން އަރާފައިވާ ކަމަށެވެ.

"މި ރިޕޯޓުން ހަގީގަތް ސާފުވާނެ. އިންޑީއާ ކަނޑުގެ ކަންނެލި ބާނަމުން ގެންދަނީ ތަނެއް ދޮރެއް ބަލާނުލާ. އަދި ވިއްކަމުންދާ ގިނަ އަދަދެއްގެ ކަންނެއްޔަކީ އީޔޫގެ މަސްބާނާ ބޯޓުފަހަރުން ވަގަށް ބާނާ އެއްޗެހި. މަސް ގަންނަ ފަރާތްތަކުން ވެސް އެބަ ޖެހޭ ފަހުން ވާާނެ ގެއްލުމަށް ވިސްނާފަ މިކަންތައް ހައްލު ކުރަންދެން މިކަމާމެދު ވިސްނާ ކަންނެލި ގަތުން ހުއްޓާލަން" ކްލޯވާ ވިދާޅުވި އެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ނުވަތަ ވޯލްޑް އޯޝަންސް ޑޭ ގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި ވާގޮތުން ކަންނެލި އާލާވުމަށްޓަކައި ފުރުސަތެއް ދޭނަމަ ކަންނެލި ބާނާ އަދަދު މިހާރު 25 ފަސެންޓް ދަށްކުރަން ޖެހިފައިވާއިރު އައިއޯޓީސީގެ ކުރިއަށް އޮތް ބައްދަލުވުމުގައި ވެސް އެކަމަށް ސަމާލުކަމެއް ދޭނެކަމަކަށް ނުބެލެވެ އެވެ.

ލަންޑަންގެ ޔުނިވާސިޓީ އޮފް ޔޯކްގެ ޕްރޮފެސަރު ކޯލަމް ރޮބާޓްސް ވިދާޅުވާ ގޮތުގައި ދަހިވެތިކަމާއި ނުކުޅެދުންތެރިކަމުގެ ސަބަބުން އައިއޯޓީސީ ވަނީ އެފަރާތުގެ މަސްއޫލިއްޔަތުގައި ފެއިލް ވެފަ އެވެ. އަދި ވަގުތީ ފައިދާއަށް ވިސްނުމުގެ ބަދަލުގައި ކަންނެލި އާލާކޮށް އެފަރާތުގެ މަސްއޫލއްޔަތު ރަނގަޅު ގޮތުގައި އަދާ ކުރަން ޖެހެއެވެ.