ހަބަރު

ދެ ކޮމިޓީއަކަށް މަޖިލިސް މެންބަރަކު ކަނޑައެޅުން މާދަމާ

ކްލެމެންސީ ބޯޑަށާއި ޓްރެފިކް ވިލަރެސް ކޮމިޓީއަށް މަޖިލިސް މެންބަރަކު ހޮވުން މާދަމާ ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

މައާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ ދަށުން ކްލެމެންސީ ބޯޑުގެ މެންބަރެއްގެ ގޮތުގައި މަޖިލިސް މެންބަރަކު ކަނޑައަޅަން ޖެހެ އެވެ. އަދި މީހުން ޓްރެފިކް ކުރުން ހުއްޓުމުގެ ގާނޫނުގެ ދަށުން ޓްރެފިކްގެ ކަންކަން ވިލަރެސް ކުރާ ކޮމިޓީއަށް ވެސް މަޖިލިސް މެންބަރަކު ކަނޑައަޅަން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ ދެ ތަނަށް ހަމަޖައްސަން ޖެހޭ ކަމަށާއި، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ކަންތައް އެޖެންޑާކޮށްފައިވާ ކަމަށެވެ.

މިދިޔަ މަޖިލީހުގައި ކްލެމެންސީ ބޯޑުގައި މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން އިންނެވީ ތުލުސްދޫ ދާއިރާގެ އެއިރުގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމެވެ. އަދި ޓްރެފިކް ވިލަރެސް ކުރާ ކޮމިޓީގައި އިންނެވީ ގައްދޫ ދާއިރާގެ އެއިރުގެ މެންބަރު އަހުމަދު ރަޝީދެވެ. މި ދެ މެންބަރުން ވެސް 19 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައެއް ނުވެ އެވެ.

މީގެ އިތުރުން، އެންމެ ފަހުން ބޭއްވި މަޖިލިސް ޖަލްސާގައި ބަހުސް މަރުހަލާ ފެށިފައިވާ ބިލުތަކާއި މައްސަލަތަކުގެ ބަހުސް ކުރިއަށް ގެންދިއުން ވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. އޭގެ ތެރޭގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމުގެ ބިލާއި ވަކީލުން ރެގިއުލޭޓް ކުރުމަށް ބާ ކައުންސިލެއް އުފެއްދުމުގެ ބިލު ހިމެނެ އެވެ.

ނަވާރާ ވަނަ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި މެންބަރު އިބްރާހިމް ރިޒާ މާދަމާ ރާއްޖެ ވަޑައިގަންނަވާތީ އޭނާ ހުވާކުރެއްވުން ވެސް މާދަމާ އޮންނާނެ ކަމަށް ނިއުޝާ ވިދާޅުވި އެވެ. 19 ވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ޖަލްސާއަށް ވަޑައިނުގަނެވުނީ އުމްރާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ.