ހަބަރު

ބީއެމްއެލް ޑެޕިއުޓީ ސީއީއޯ މައްސަލަ މަޖިލީހުން ފުލުހަށް ފޮނުވަނީ

Jul 21, 2019
5
ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި: އޭނާގެ މައްޗަށް ތުހުމަތުތަކެއްކޮށް މައްސަލަ ޕޮލިހަށް ވަނީ ފޮނުވާފައި -- ފޮޓޯ: މަޖިލިސް
0%
0%
0%

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގު ކުރަން ފުލުހަށް ހުށަހަޅަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ބީއެމްއެލް ޝަރީފް ސައްހަ ނޫން މައުލޫމާތު ދެއްވާފައިވާ ކަމަށް އެ ކޮމެޓީގެ މުގައްރިރު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދަންނަވާފައިވާ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯއަށް ތުހުމަތުކުރެވޭ މި މައްސަލަ ތަހުގީގު ކޮށްދެއްވައި އެ މައްސަލައިގައި ދައުވާ ކުރަން ކަމާބެހޭ މުއައްސަސާއަށް ސިޓީއެއް ފޮނުވަން ނިންމާފައި ވަނީ، ސިޓީއެއް މިއަދުގެ ވަގުތެއްގައި ފޮނުވޭނެ،" އަމީންއާންމު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ ނުވަނަ މާއްދާގެ ހ. ގައި ވާގޮތުން ކޮންމެ މީހަކަށްމެ ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުވެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ގެންގޮސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުން ކޮންމެ ލިޔުމެއް ހުށަހެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި ކޮމެޓީތަކަށް ލިބިގެންވެ އެވެ. އަދި ރައްޔިތުން މަޖިލީހުގެ ކޮންމެ މީހަކަށްކުރާ ކޮންމެ ސުވާލަކަށް އެމީހަކަށް އެނގިގެންވާ އެންމެ ތެދު ބަހަކުން ޖަވާބުދާރީވާންވާންޖެހެ އެވެ.

ޝަރީފް ދޮގު މައުލޫމާތު ދެއްވި ކަމަަށް ތުހުމަތުކޮށް ތަހުގީގެއް ކުރަން ހުށަހަޅަން ނިންމާފައިވާއިރު، މީގެ ކުރިން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ކޮމިޓީތަކުން އަންގައިގެން ވަޑައިގަންނަވާ ބައެއް މުއައްސަސާތަކުގެ ބޭފުޅުން ސާފު ބަހުން ވާހަކަ ނުދައްކަވާ އިތުރުފުޅު ހައްދަވާ ކަމަށް ޝައްކު ކުރެވޭ ކަމުގެ ޝަކުވާތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގައި ދޮގު ހެދުމަކީ ޖިނާއީ ކުށެއް ކަމަށާއި މީގެ ފަހުން އެފަދަ ކަމެއް ކުރައްވާކަން ޝައްކު ކުރެވިއްޖެ ނަމަ އެކަން ތަހުގީގުކޮށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345