ހަބަރު

މަޖިލިސް ކޮމިޓީތަކުގެ މުގައްރިރުންނަށް އޮފީސް ހަދަނީ

Jun 13, 2019
ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީންއާންމު ނިއުޝާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މަޖިލިސް
0%
0%
0%

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މުގައްރިރުން މަޖިލީހުގެ އިދާރާގައި މަސަައްކަތް ކުރެއްވުމަށް އޮފީސްތަކެއް ގާއިމް ކުރަން ނިންމައިފި އެވެ.

މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ 17 ދާއިމީ ކޮމިޓީގެ މުގައްރިރުން ރައްޔިތުންގެ މަޖިލީހުގައި ދާއިމީ ގޮތެއްގައި ތިއްބަވައިގެން މަސައްކަތް ކުރައްވާނެ ވޯކް ސްޓޭޝަންތަކެއް ގާއިމް ކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ.

"ކޮމިޓީތަކުގެ މުގައްރިރުންނަށް ވޯކް ސްޓޭޝަންތަކެއް ގާއިމް ކުރަން މަޖިލީހުގެ ރައީސް ބޭނުންފުޅުވޭ، އެ މަސައްކަތްތައް އަންނަ ހަފުތާގައި ފަށަން ވަނީ ނިންމާފަ،" އަމީންއާންމު ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ، މަޖިލީހުގެ ދާއިމީ 17 ކޮމިޓީގެ މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދާއިރު ޖާގައިގެ ދަތިކަން ދިމާވާ ކަމަށާއި އެހެންވެ ކޮމިޓީތަކުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށްޓަކައި ވަގުތީ ކޮމިޓީ ރޫމެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރާ ކަމަށެވެ.

މަޖިލީހުގެ އިދާރާގައި މިހާރު ހުންނަނީ ތިން ކޮމިޓީ ރޫމެވެ. ހުރިހާ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ އެ ތިން ރޫމްގައި އެވެ.

ކޮމިޓީތަކުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން އަމީންއާންމު ވިދާޅުވީ، ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން އައްޔަން ކުރެވުނު ހިސާބުން ފެށިގެން ކޮމިޓީތަކުގެ މަސައްކަތްތައް ހަލުވިކަމާއެކު ބާރަށް ކުރިއަށްދާ ކަމަށެވެ.

"މިއަދުވެސް ޖެންޑާ އަދި ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައިވޭ، މިހާރު ޖުޑީޝަރީ ކޮމިޝަންގެ މަަސައްކަތްތައް ވެސް ދަނީ ކުރިއަށް، އަދި އިތުރު މަސައްކަތްތައް ވެސް ރޭވިފައިވޭ، އެ ކޮމިޓީއަށް ޖުޑީޝަރީ ކޮމިޝަނުން ހާޒިރުވާން ވެސް ވަނީ އަންގާފައި،" އަމީންއާންމު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345