ރައްޔިތުންގެ މަޖިލީހަށް ކުރީގެ ސަރުކާރުން ނެގި ހަތަރު ލޯނެއްގެ މައުލޫމާތުތައް އޭރުގެ ސަރުކާރުގެ ދުވަސްވަރު ފޮނުވި ކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވި ނަމަވެސް އޭގެ މައުލޫމާތެއް ހިމެނޭ އެއްވެސް ލިޔެކިއުމެއް ފެނިފައިނުވާ ކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އަމީންއާންމު މި ގޮތަށް ވިދާޅުވީ، ފިނޭންސް މިނިސްޓްރީން މަޖިލީހަށް މިދިޔަ ޖޫން މަހު ފޮނުވި ސިޓީގައި ހިމެނޭ ކުރީގެ ސަރުކާރުން ނެގި ހަތަރު ލޯނެއްގެ މައުލޫމާތުތައް މަޖިލީހުގައި ކުރިން ނެތް ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަ ނާޝިޒް ދޮގު ކުރެއްވުމުންނެވެ.
މުޅި މަޖިލީހުގެ ކޮމިޓީއަކުން ރައީސް ނަޝީދު ހުށަހެޅުއްވި އެ މައްސަލަ ދިރާސާކުރަން ފާސްކުރުމުން މުޅި މަޖިލީހުގެ ކޮމިޓީގެ ވަގުތު އެމަނިކުފާނު ފެއްޓެވި އެވެ. އެ ކޮމިޓީގެ ބައްދަލުވުން ފަށްޓަވަމުން ނަޝީދު ވިދާޅުވީ ލޯނުގެ މައުލޫމާތުތައް ލިބިފައިވާ ކަމަށް ނާޝިޒް ވިދާޅުވުމުން އެ ކަމުގެ ހަގީގަތް އަމީންއާންމު ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
އަމީންއާންމު ނިއުޝާއަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ އެ ހަތަރު ލޯނަކީ 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ދެމެދުގައި ނެގި ލޯނުތަކަށް ވާތީ އެ މުއްދަތުގެ ތެރޭގައި އެފަދަ ލިއެކިއުމެއް ލިބިފައިވޭތޯ ބެލުމުން ވެސް އެފަދަ އެއްވެސް ލިޔެކިއުމެއް ފެނިފައި ނުވާ ކަމަށެވެ.
އަމީންއާންމު ނިއުޝާ އެހެން ވިދާޅުވުމުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ނާޝިޒަށް ފާޑުވެސް ވިދާޅުވި އެވެ. އޭގެ ފަހުން ނާޝިޒް ވެސް ވާހަކަ ދެއްކެވި އެވެ. ނާޝިޒް ވިދާޅުވީ އެއީ އޭނާއަށް ލިބިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.
ނާޝިޒް އެހެން ވިދާޅުވުމުން އެ ވާހަކަ މެދުކަނޑާލެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ އަމީންއާންމު އާއި އިދާރާގެ މުވައްޒަފުން މަސައްކަތް ކުރައްވަނީ އިހުލާސްތެރި ކަމާ އެކުގައި ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންގެ މަސައްކަތަށް ފާޑުވިދާޅުވާ އުސޫލުން ވާހަކަ ނުދެއްކެވުމަށް ނަޝީދު އެދިވަޑައިގަތެވެ.
މަޖިލީހުގައި ނެތް ކަމަށް ނަޝީދު ވިދާޅުވާ ލޯނުތައް
- ބްރިޖްގެ ޕްރޮޖެކްޓަށް ބޭންކް އޮފް ޗައިނާއިން ނެގި 455 މިލިއަން ޔުއާންގެ ލޯނު
- ސަނީ ސައިޑް ބޮންޑްއަށް ބޮންޑް ހޯލްޑާސްއިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނު
- ޕްރޮޖެކްޓް އިސްރަގާއަށް އަބޫދާބީ ބޭންކްއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު
- ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕްރޮޖެކްޓްތަކަކަށް ސިލޯން ބޭންކް އިން ނެގި 16.1 ޑޮލަރުގެ ލޯނު
މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރު ކަން ކުރެއްވި ބޭފުޅުންނަށާއި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ވެސް ނުރުހުން ފާޅުކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ދަރަންޏެއް ނަގާތާ 30 ދުވަހެއްގެ ތެރޭގައި މަޖިލީހަށް އެ މައުލޫމާތު ފޮނުވުމަކީ މިނިސްޓަރުގެ ޒިންމާއެއް ކަމަށާއި ދަރަނި ބެލެހެއްޓުމުގެ ޒިންމާ ސީރިއަސްކޮށް މިނިސްޓަރުން ނަގާފައި ނުވާ ކަމަށެވެ.
ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގެ މެންބަރުން ބަހުސް ކުރެއްވުމަށް އެއް ގަޑިއިރުގެ ވަގުތެއް އެމަނިކުފާނު ހުޅުވާލެވި އެވެ. މި މައްސަލައަށް ބަހުސް ކުރައްވަމުން ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރެވިފައިވެ އެވެ.