ވާހަކަ

ބޭނުންވަނީ ޔާރާ

(5 ޖޫން 2019 އާ ގުޅޭ)

ދާއިންގެ ޖީބުން ނެގި ތަޅުދަނޑިފަތިން މަންހާއަށް ޚާއްޞަކުރެވިފައިވާ އެޕާރޓްމެންޓުގެ ދޮރު ހުޅުވާލިއެވެ. އެތަނުގައި އެއްވެސް އެއްޗެއް ނުވެއެވެ. މިއިން ޒަމާނެއްގައި އެތަނުގައި މީހަކު އުޅުނުހެންވެސް ހިއެއްނުވެއެވެ. މަންހާ ހައިރާންކަމާއިއެކު ދާއިންއަށް ބަލާލިއެވެ.

"ހެ ހެ ހެ ހެ ހެ......މާ ހުހީ ދޯ......އަހަރެން އެކަން މިދޫކޮއްލަނީ މަންހާއަށް، މިތަން މަންހާ ބޭނުންގޮތަކަށް ތައްޔާރުކުރަންވީ....." ދާއިން އެތެރެއަށް ހިނގައިގަންނަމުން ވާހަކަދެއްކިއެވެ. ދާއިންގެ ވާހަކައިން މަންހާ ހިތްހަމަޖެހުނެވެ. އެ އެޕާރޓްމެންޓުގައި ހުރި ނިދާކޮޓަރި މަންހާ ހުޅުވާލިއެވެ. ބޮޑު ކޮޓަރިއެކެވެ. ތުނި ތުނި ފަރުދާތަކާއިއެކު ކޮޓަރީގައި ވާ ބޮޑުއެނދު ނުހަނު ހިތްގައިމެވެ. ފާރުތަކުގައިވާ ކުލަ އާއި ކޮޓަރީގައި ހުރި ފަރުނީޗަރާއި ނުހަނު ގުޅެއެވެ. އެއީ ދާއިންގެ މަސައްކަތެއްކަން މަންހާއަށް އެނގުނެވެ. ދާއިންއަށް ބަލާލަމުން މަންހާ ހިނިތުންވެލިއެވެ. ހަމައެއާއިއެކު ދާއިންވެސް މަންހާއަށް ބަލަންހުރެ ހިނިތުންވެލިއެވެ.

"އެތާ އޭނދި ދޮރަކީ އަލަމާރީގެ ދޮރެއް، އެތަނުގެ ތެރޭ މަންހާގެ ބޭބެމެން ގެނައި ފޮށިތައް ހުންނާނެ.......އަހަރެން އެބަ އަންނަން އިރުކޮޅަކުން" ދާއިން މަންހާގެ ކޮތާފަތުގައި ފިރުމާލިއެވެ. މަންހާއަށް ދާއިންގެ އަތްތިލާގައި އަތްޖައްސާލެވުނެވެ. އެހެންނަމަވެސް ދާއިން ނުކުމެގެން ދިޔަތަން ބަލަން ކޮޓަރީގައި ހުރެވުނީއެވެ. އޭނަ މަޑުމަޑުންގޮސް އެނދުގައި އިށީނެވެ. އިރުކޮޅަކު މަޑުންއިނުމަށްފަހު މަންހާ ތެދުވިއެވެ. ދާއިން އާއިމެދު ވިސްނިވަރަކަށް އޭނައަށް ލިބޭނީ އިތުރު ހާސްކަމެއްކަން އެނގުމުންނެވެ. ދާއިން އަލަމާރިކަމުގައި ބުނި ދޮރުފަތް މަންހާ ގޮސް ހުޅުވާލިއެވެ. އެތަނެކޭ ކުޑަކޮޓަރިއެކޭ އެއްވަރެވެ. މެދުގައި މަންހާގެ ސާމާނުތައް އަޅާފައިވާ ފޮށިތަށް ހުއްޓެވެ. އަރިމަތީގައި ދަމާދޮރުފަތްތަކެއް ހުއްޓެވެ. އެތަނުން ދޮރުފަތެއް ކަހާލުމާއިއެކު ކަޅުކުލައާއި ރަތްކުލައިގެ ނިދާހެދުމެއް ކޮނޑެއްގައި އަޅުވާފައި އިންތަން ފެނުނެވެ. މަންހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެހިނދު އެނިދާހެދުމުގައި މަންހާ އަތްލިއެވެ. މަޑުސެޓިންއަކާއިއެކު ތުނި ލޭސް ފޮތިގަނޑެކެވެ. ދާއިން ބޭނުންވަނީ މަންހާ އެނިދާހެނދުމުގައިކަން އޭނައަށް ނަގައިގަނެވުނެވެ. ފޮށިތަށް ހުޅުވާލަމުން އޭގައިވި ހެދުންތައް އެކިބައިބަޔަށް އަޅަމުން ކޮނޑުތަކުގައި އަޅުވަމުންދިޔައެވެ. ފައިވަންތަކާއި ބޫޓުތައް އެއަށް ޚާއްޞަކުރެވިފައިވާ ވަތްގަނޑުތަކާއި ހަރުގަނޑުތަކަށް ލާންފެށިއެވެ.

ހުރިހާ ކަމެއްކޮއް ނިންމާލާފައި މަންހާ ގަޑިން ވީއިރެއް ބަލާލަން ބޭނުންވިއެވެ. އެހެންވެ ދާއިން އާއި ވާހަކަދެއްކުމަށް ގެންގުޅޭ ފޯނު ހޯދާލިއެވެ. އޭނަގެ ލެޕްޓޮޕް ދަބަހުގެ ތެރެއިން އެފޯނު ފެނުނެއްކަމަކު ފޯނު އޮތީ ނިއްވާލާފައެވެ. އެހެންވެ ހުޅުވުން އެހާ މުހިއްމު ކަމަކަށް ނުދެކުނެވެ. ދާއިން ދިޔަތަނަކާއިމެދު ކޮންމެވެސް ވަރަކަށް މަންހާ ކަންބޮޑުވަމުންދިޔައެވެ. އެހެންނަމަވެސް ސިކުނޑި ހާސްކުރުމުގެ ބަދަލުގައި އަނެއްކާވެސް އޭނަ އިތުރުކަމަކަށް އެނބުރިގަތެވެ. ލައިގެން ހުރި ދިގު ބޮޑު ހެދުން ބޭލުމަށްފަހު ފާހާނާވަދެ ފެންވަރާލިއެވެ. އެތެރެ ފެންނަ ގޮތަށް ބިއްލޫރިން ހަދާފައިވާ ދޮރުން ފާހާނާއަށް މަންހާ ވަނުމުން އެތަނުގެ ފުރިހަމަކަން ފެނުނެވެ. އަދި ބިލިގާގައި އެތަށްއިރެއްވަންދެން ނުތެދުވެ އޮވެލުމަށް އޭނަ ބޭނުންވިއެވެ.

ކޮޓަރީގެ ފަނޑުއަލިކަމުގެ ތެރެއަށް މަންހާގެ ދެލޯ ކުޑަކުޑަކޮށް ހުޅުވިގެންދިޔައެވެ. އޭނައަށް ފެންވަރައިގެން އައިސް އެނދުގައި ޖައްސާލިތަނާހެން ނިދުނީއެވެ. އޭނައަށް ހޭލެވުނީ ދާދިގާތުން މީހެއްގެ ހިލަމެއްވާތީއެވެ. ކައިރީގައި އިށީނދެލައިގެން އިން ދާއިން މަންހާގެ މޫނުގައި އަނެއްކާވެސް ފިރުމާލިއެވެ. މަންހާއަށް ވަގުތުން ތެދުވެވުނެވެ. ދެން ހަދަންވީ ކިހިނެއްކަމެއް ނޭގިއެވެ. ދާއިންއަށްވެސް އެނދުން ތެދުވެވުނެވެ. މަންހާގެ އެއްވެސް ހަރަކާތެއް ނުފެނުމުން ދާއިންގެ ދެއަތް މަންހާއަށް ދިއްކޮއްލިއެވެ. އެދެއަތުގައި މަންހާ ހިފާލަމުން ދާއިންއަށް ބަލާލީ ލޯބިވެތި ގޮތަކަށެވެ. ދާއިން މަންހާގެ އަތުގައި ހިފާ އެނދުން ތެދުކުރުވިއެވެ. އަދި އޭނަގެ ގާތަށް މަންހާ ގެނެއެވެ. މަންހާގެ ދެއަތްތިލާގައި ވަކިވަކިން ދާއިން ބޮސްދިނެވެ. އަދި އެރީތި މޫނުވެސް ބޮސްދިނުންތަކުން ފުރާލިއެވެ. ދާއިންގެ ހަރަކާތްތަކުން މަންހާގެ ހިތްބާރަށް ތެޅެމުންދިޔައިރު ލަމުންދިޔަ ނޭވާއަށްވެސް ބަދަލު އަތުވެއްޖެއެވެ. މަންހާގެ ހަށިގަނޑަށް ކުރިން އިޙްސާސް ނުކުރެވޭ އާގޮތްތަކެއް ވާންފެށިއެވެ. ދާއިންގެ ގައިގާ އޭނައަށް ހިފަހައްޓާލެވުނީ އެއްވެސް އިޙްތިޔާރަކާއި ނުލާ ވަރަށްވެސް ބާރަށެވެ. އެމަސްތުކަމުންފުރިގެންވި ވަގުތުކޮޅަށް ސިހުންގެނުވީ ރީތިވާ މޭޒުމަތީގައި އޮތް ދާއިންގެ ފޯނު ރިންގުވި އަޑެވެ. މަންހާއަށް ލޯހުޅުވާލެވުނެއްކަމަކު ދާއިންގެ ހާމަވެފައިވާ މޭގައި މޫނު ފޮރުވާލައިގެން ހުރީ ދާއިންގެ އިޝާރާތަކަށް މަޑުކޮއްގެންނެވެ. ދާއިން މަންހާގެ ނިތްކުރީގައި ބޮސްދެމުން އެހަށިގަނޑުގައި ބާރަށް ހިފަހައްޓާލައިގެން ހުއްޓެވެ. ދެމީހުންގެ ހަރަކާތްތަކަށްވެސް ބަދަލުއަތުވެއްޖެކަން ގައިމެވެ. ނަމަވެސް ދާއިން އެގުޅުން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރިއެވެ. މަންހާއަށް ދުރަށްޖެހިލަން މަޖުބޫރުކުރުވީ ތިންހަތަރުފަހަރަށްވެސް ފޯނު ރިންގުވެ އޭގެ އަޑު ކަޑައިގެން ނުދިއުމުންނެވެ. ދާއިންވެސް ދުރަށް ޖެހިލާފައި ގޮސް ރީތިވާމޭޒުމަތީގައި އޮތް ފޯނަށް ބަލާލިއެވެ. ގަޑިން ބާރަގަޑި ބައިވަނީއެވެ. އެގަޑީގައި އޭނައަށް ގުޅަނީ ދެވަނަ މީހެއްނޫނެވެ. ޒާރާއެވެ. ފޯނު ނަގާކަންފަތުގައި ޖަހާލަމުން ހެލޯ އޭ ބުނެލީ މަންހާއަށް ފުރަގަސްދީގެން ހުރެއެވެ.

"ދާން، ޕްލީޒް އާދެބަލަ.......ޒާ އެކަނި ނިދާނީ ކިހިނެއް، އޮފީހަށް ދާނީ ދުވާލުވީމައޭ، ދެން އާދޭ.......އެހެންނޫނީ ޒާއަކަށް ނުނިދޭނެ، މިހާރު ކިތަށްފަހަރު ގުޅައިފިން، ދާން ބުނީމެއްނު ޒާގުޅާލާއިރަށް އަންނާނަމޭ" ޒާރާ ކުދިކިޔާލީ ޝަކުވާކުރާފަދައިންނެވެ.

"ދާން......ވާހަކަ ދައްކަބަލަ، މީ ޒާއެއްނު..........އެހެންނޫނީ ޒާމިދަނީ އޮފީހަށް ވަންނަން، ޒާނިދާނީ ދާން ކައިރީގަ.........." ޒާރާގެ ވާހަކަތައް އަޑުއިވިފައި އެއްޗެއް ބުނަން ނޭގިފައި ދާއިން ހުއްޓެވެ. އެހެންހުއްޓާ ދެވަނަ ފަހަރަށްވެސް ޒާރާ ދާއިންއަށް ގޮވާލިއަޑު ފޯނުން އިވުނެވެ.

"ކޮޓަރިން ބޭރަށް ނުނިކުންނާތި، މިދަނީ" ދާއިން އެނބުރި މަންހާއަށް ބަލާލަމުން ބުނެލިއެވެ.

"އިޓްސް އޯކޭ........" ދާއިންގެ ލޮލުން ފެނިގެންދިޔަ ނުތަނަވަސްކަން މަންހާއަށް ފެނުނު ހިނދުބުނެލިއެވެ. ދާއިން އައިސް މަންހާގެ ކުރިމަތީ ހުއްޓެމުން އެދެއަތުގެ ތެރޭ މަންހާގެ މޫނު ހިފަހައްޓާލިއެވެ. އަދި ރަތްވެފައިވި އެރީތި ތުންފަތުގައި ލޯބިކޮއްލިއެވެ. މަންހާހީވީ ލުއިފަތެއްހެން ބިމުންމައްޗަށް އޭނަ އުފުލިގެންދިޔަހެންނެވެ. އޭނައަށް ކުރެވުނީ އެފަދަ އިޙްސާސްއެކެވެ.

"އައިލް ބީ ބެކް........އިންތިޒާރުކުރައްޗޭ" ދާއިން ނޭވާއަކަށް މަންހާގެ މޫނާ ދުރަށް ޖެހިލަމުން ބުނެލިއެވެ. މަންހާ އަވަސް އަވަހަށް ބޯޖަހާލަމުން ދާއިންގެ ގައިގާ އޮޅުލައިގަތެވެ. އޭނަ ދާއިންއަށް ވަނީ ވަރަށް ބޭނުންވެފައެވެ. އެކަމަކު ދާއިން ގާތުން އެފަދަ އެއްވެސް ކަމަކަށް އެދޭކަށް އޭނައަކަށް ނުކެރޭނެއެވެ. އަނެއްކޮޅުން ދާއިންގެ ހާލަކީވެސް އެއީއެވެ. އޭނަގެ ހަށިގަނޑަށް އެތަށްއަހަރަކަށްފަހު ކުރެވުނު ފޮނިމީރު އިޙްސާސްގެ ރަހަ ކަރުބުޑުގައި ނުލަނިސް އެކަމުން ދުރަށް ދާން ޖެހުނީތީ އޭނަވަނީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. އެހެންނަމަވެސް ހިތްހަމަ ނުޖެހެންވީ ކޮންކަމާހެއްޔެވެ. އޭނައަށް ޒާރާގެ ސަބަބުން އުނދަގުލެއް ނުވާނެއެވެ. މިފަދަ ނާޒުކު ހިނދުކޮޅެއްގަވެސް އޭނަ އަވަސްވެ ގަތީ ޒާރާގެ ކައިރިއަށް ދިއުމަށެވެ. އެކަމަކު މަންހާގެ ގާތުގައި އެނބުރި އަންނާނަން ކަމުގައި ވައުދުވަމުންނެވެ.

އެތަށް އިރެއްވަންދެން އިންތިޒާރު ކުރި މަންހާއަށް އަނެއްކާވެސް ނިދުނީއެވެ. ދާއިންގެ ޚަބަރެއް ނުވެ އޮއްވައެވެ. އޭނައަށް ހޭވެރިކަންވީ ފަތިހުއެވެ. ހޭވިފައި ހުރި އިސްތަށިގަނޑާއި ރޫޖެހިފައިވާ ނިދާހެނދުމާއިއެކު އޭނަ ތެދުވެ އުޅާހަށް ދެމިލިއެވެ. ނިދާކޮޓަރިން ނުކުމެވެންހުރި ބެލްކަންޏަށް ލޯއުނގުޅަމުން ކަހަލަ ގޮތަކަށް މަންހާ ނުކުތެވެ. އޭރު ދުނިޔެމައްޗަށް ކޮންމެވެސް ވަރަކަށް އަލިވެއްޖެއެވެ. ދާއިން ފެންނަން ނެތުމުން އޭނަ ރޭގަ ދިޔަގޮތަށް އަދިވެސް ނާންނަނީކަން މަންހާއަށް އެނގުނެވެ. އެގޭގައި މަންހާ އުޅެންވީ ކިހިނެއްކަމެއްވެސް އަދި އޭނަގެ ދުވަހުގެ ޕްލޭން ރޭވިފައިވަނީ ކިހިނެއްކަމެއް ހުދު މަންހާއަށްވެސް ނޭގެއެވެ. ކައިވެންޏަށްފަހުވެސް ދާއިން އާއި މާގިނަ ވާހަކަތަކެއް ނުދެއްކެއެވެ. ނޫނީ ދާއިން ވާހަކަދައްކަން ޖެހިލުންވަނީބާއެވެ. ފުންހިޔާލުތަކަކަށް ގެނބެމުންދިޔަ މަންހާ ދެފަރާތަށް ބޯހޫރުވާލިއެވެ. ހުރިހާ ހިޔާލެއް ބޮލުން ނެރިލަން ބޭނުންވެގެންނެވެ. އޭނަ ތަންކޮޅެއް ހަރަކާތްތެރިވެ އުޅެން ބޭނުންވިއެވެ. ދާއިންގެ އަންބަކު ކުރަންޖެހޭ ހުރިހާ ކަމެއްގެ ޒިންމާ ނެގުމަށް ތައްޔާރުވެލިއެވެ. ފެންވަރާ ތާޒާވެލައިގެން ކޮޓަރި ތެރެ ރީތިކޮއްލިއެވެ. އަދި ރީތިވާ މޭޒުމަތީގައި އެޕާރޓްމެންޓުގެ ތަޅުދަނޑި ރޭގައި ދާއިން ބޭއްވިގޮތަށް އޮތެވެ. މަންހާ އެތަޅުދަނޑިފަތި ހިފައިގެން ހިނގައިގަތީ ޒާރާ އާއި ދާއިންގެ އާއިލާ އުޅޭ އެޕާރޓްމެންޓަށް ދިއުމަށްޓަކައެވެ. ދޮރުހުޅުވާލިއިރު ދޮރުމަތީގައި ހުރި ދާއިން ފެނުމުން މަންހާ ސިހުނެވެ. އެއާއިއެކު ދެމީހުންގެ ގާތަށްވެސް ހިނިއަތުވެއްޖެއެވެ.

"ހާދަ ސިއްރު ސިއްރުން ނުކުމެގެން ދާން ތިއުޅެނީ" ދާއިން ދޮރުފަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.

"ހެނދުނު ދާއިންއަށް ސައިހަދާދޭންވެސް ވާނެއެއްނު، އަނެއްކޮޅުން އޮފީހުން ޗުއްޓީއެއް ނެގިކަމެއްވެސް ނޭގެ، އެހެންވެއްޖެޔާ އޮފީހަށް ދާއެއްޗެހިވެސް ތައްޔާރު ކުރަންވާނެއެއްނު........." މަންހާ ހިނިތުންވެލަމުން ބުނެލިއެވެ.

"އެކީއްކުރަން އެހުރިހާ ކަމެއް ކުރަނީ" ދާއިން ދޮރުން އެތެރެއަށް ވަންނަމުން ބުނެލިއެވެ. އަދި ދޮރު ތަޅުލިއެވެ.

"މިހާރު އަހަރެންނަކީ ދާއިންގެ އަންބަކަށް ވާތީ........ދެން ކީއްކުރަން ދޮރުތަޅުލީ، ސައިބޯން ދާކަށް ނުވޭތަ" މަންހާ ދާއިންއަށް ބަލާލަމުން ބުނެލިއެވެ.

"ހޫމް، އަދި ސައިބޯވަރަށްވުރެ މާހެދުނު، ކިރިޔާ ދުނިޏެމައްޗަށް އަލިވެލީ........އާދެބަލަ އަހަންނާއިއެކު" ދާއިން މަންހާގެ އުނަގަނޑުގައި ހިފާގާތްކޮއްލަމުން ބުނެލިއެވެ.

"ދާއިންވެސް ފަތިހު ހޭލަންތަ؟" މަންހާ ސުވާލުކޮއްލިއެވެ.

"ކޮންމެ ރެއަކު ނޫން........ބައެއްރޭރޭ...............އަހަންނާ ވާހަކަ ދައްކާލަން މިތާ އަހަރެންކައިރީ އޮށޯވެލައިގެން އޮވެދީފާނަންތަ؟" ދާއިން އެނދުގައި އުއްޑުން އޮށޯވެލަމުން ބުނެލިއެވެ. މަންހާ އިތުރު އެއްވެސް އެއްޗެއް ނުބުނެ ދާއިން އެދުނު ކަންތައް ކޮއްދިނެވެ. ދާއިންގެ އަތުގެ ތެރޭ މަންހާ އޮތެވެ. ދާއިންގެ މޭގައި ބާއްވާލި އަތުގެ އިނގިލިތަކުގެ ދޭތެރެއަށް އޭނަގެ އިނގިލަތައްވެސް މަހާލައިގެންނެވެ.

"ޒާރާއަކަށް ނުވިސްނޭ އަހަރުމެން ދެމީހުން މިއުޅެނީ ކައިވެނިކޮއްގެން ކަމެއް، ވަރަށް ދެރަވި ކައިވެނީގެ ރޭގަ މަންހާ ދޫކޮއްލާފަ ދާންޖެހުމުން........ފަހުން އަންނަން ހުއްޓަ އަހަންނަށްވެސް ނިދުނީ..........އަހަންނަށް މާފުކުރާނަންތަ؟......ކައިވެނި ކޮށްގެން ފުރަތަމަރޭވެސް އަހަންނަށް މަންހާ އެކަނިކޮއްލެވިއްޖެ" ދާއިން މަންހާގެ އަތްތިލާގައި ބޮސްދިނެވެ.

"ހޫމް...........މާފުކޮއްފިން، އަބަދުވެސް މާފުކުރާންނަން..........އަހަންނަށް އެނގޭ ޒާރާގެ ހާލުވެސް، އޭނައަށް އަހަރުމެން ހުރިހާ އެންމެންގެ ސަމާލުކަން ބޭނުންވާނެކަން، އައި ވިލް އަންޑަރސްޓޭންޑް، އެކަމާ ދާއިން ކަންބޮޑުނުވެބަލަ......" މަންހާގެ މޫނު ދާއިންގެ ކަންފަތާއި ކުރިއަށްވުރެ ގާތްކޮއްލިއެވެ. އޭނަގެ ހޫނު ނޭވާ އިޙްސާސްވާނޭހާ ކައިރިއަށެވެ.

"އަހަރެންދެކެ އަބަދުވެސް ތިހާ ލޯބިވާނަންތަ؟" ދާއިން މަންހާއަށް ބަލާލަމުން އަހާލިއެވެ.

"ހޫމް..........މުޅި އުމުރަށްވެސް، އެކަމަކު މިހާރު...........އަހަރެން ބޭނުންވަނީ ލޯތްބަށްވުރެ ވަފާތެރި އަންބަކަށްވެވޭތޯ.........." މަންހާގެ ލޮލުގައިވި ވިދުން ދާއިންގެ މުޅި ޖާނު ބަލިކަށިކޮއްލިއެވެ. އަދި އެލޯބިވެތި ބަސްތަކުން މަންހާ އެއަތުގެތެރޭ ފޮރުވާލަން ބޭނުންވިއެވެ.

ދާއިންގެ އަތުގެތެރޭ ފިތިބާރުވަމުންދިޔަ މަންހާގެ ދެލޯވަނީ މަރާލެވިފައެވެ. އެފިރިހެންވަންތަ ތުންފަތް މަންހާގެ މޫނުގެ އެތަންމިތަނުގައި ބީހެމުން ދިޔައިރު މަންހާވެސް ބޭނުންވެފައިވަނީ ދާއިންގެ ހަށިގަނޑާއި އޭނަގެ ހަށިގަނޑު ގުޅި ލާމެހި އެއްހަށިގަނޑަކަށް ވުމަށެވެ. މަންހާއަށް ކުރެވެމުންދިޔަފަދަ އިޙްސާސްއެއް މީގެ ކުރިން އޭނައަށް ދުވަހަކުވެސް ކުރެވިފައެއް ނުވެއެވެ. ދާއިން ހުއްޓުވުމުގެ ބަދަލުގައި އޭނަގެ މުޅި ހަށިގަނޑުވެސް ވަނީ ދާއިންއަށް ދޫކޮއްލެވިފައެވެ. ކުރެވެމުންދިޔަ އިޙްސާސްގެ އޮއެވަރު ގަދަވެ މަންހާވެސް ވަނީ ދާއިންގެ ބީހުންތަކަށް ބޭނުންވެފައެވެ. އިރުއިރުކޮޅާ އަވަސްވެފައިވާ ނޭވާއަކާއިއެކު ދާއިންގެ ނަން ދުލުން ބުނެލައެވެ. ދާއިންގެ ހަށިގަނޑު ހާމަވެގެން ދިޔައީ ކިހިނެއް ކޮންވަގުތަކު ކަމެއް މަންހާއަކަށް ނޭގެއެވެ. ދެމީހުންވެސް ހީވަނީ އެތަށްދުވަސްތަކެއްވަންދެން ކަރުހިއްކައިގަނެފައިވާ ދެމީހުންހެންނެވެ.

"ޝިޓް......ޝިޓް.....އައި ހޭޓް މައި ފޯން......." ކުއްލިއަކަށް ރިންގުވި ފޯނުގެ އަޑުއިވުމާއިއެކު ދާއިން ބުނެލިއެވެ.

"ހެ ހެ ހެ ހެ ހެ......" މަންހާއަށް ލުއިގޮތަކަށް ހީލެވުނެވެ. އަދި ދާއިންގެ ކައިރިން ދުރަށް ޖެހިލަމުން ތެދުވިއެވެ. ދާއިން އެއްފަރާތަކަށް އެނބުރިލަމުން އުއްޑުން އެނދުގައި އޮށޯވެލިއެވެ. އަދި ބޮލާއިއެކު މޫނުގައި ދެއަތް ހާކާލެވުނެވެ. އޭނަ މަންހާ އާއި ގާތްވާ ކޮންމެ ވަގުތަކު އެދެމެދަށް ފޯނު ހުރަސްއަޅައެވެ. އޭނަ މަންހާއަށް އިންތިހާއަށް ބޭނުންވެފައިވިއެއް ކަމަކު ހަށިގަނޑު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. އޭނަގެ ގާތުގައި އެނދުގައި އިށީނދެލައިގެން އިން މަންހާ އޭނަގެ ހޭވިފައިވާ އިސްތަށިގަނޑު ރީތި ކުރަމުން ތެދުވެގެންގޮސް ދާއިންގެ ފޯނު ނަގާ ބަލާލިއެވެ.

"މަންމަ މިއޮއް ގުޅަނީ" މަންހާ ބުނެލިއެވެ.

"ހެލޯ.......މިދަނީ" ދާއިން ހަމައެކަނި މިހެން ބުނެލަމުން ފޯނު ބޭއްވިއެވެ. އަދި ތެދުވެ ރީތިވާ މޭޒުގެ ލޯގަނޑުން އޭނަގެ ސޫރަ ބަލާލިއެވެ. ދަތްދޮޅީގައި އަތްހާކާލާފައި އޭނަގެވެސް ހޭވިފައިހުރި އިސްތަށިގަނޑު ރީތިކޮއްލިއެވެ. އެވަގުތު މަންހާ އެނދުމަތީގައި އޮތް ދާއިންގެ ކުރުތާނަގާ އޭނައަށް ދިއްކޮއްލިއެވެ.

ހެނދުނު ސައިބުއިމަށް މޭޒުކައިރީ މޫމިނާގެ ހުރިހާ ކުދިން ތިއްބެވެ. މަންހާގެ ގާތުގައި ޒާރާ އިނެވެ. ކާމޭޒުމަތީ އެކިއެކި ވާހަކަތައް ދެކެވެމުންދިޔައިރުވެސް މަންހާ ވާހަކައެއް ނުދައްކައެވެ. އޭނަ ދާއިންގެ އާއިލާއަށް އަދި ބީރައްޓެހީއެވެ. އެހެންވެ ދައްކާނެ ވާހަކަތަކެއް އަދި ނެތީއެވެ. އެހެންނަމަވެސް އެންމެވެސް މަންހާ އާއި ވަރަށް ރައްޓެއްސެވެ. ހެނދުނުގެ ސަޔަށްފަހު ދާއިން މަންހާގެ ގާތުގައި ޝޮޕިންއަށް ދިއުމަށް އެދުނެވެ. އޭނަގެ އެޕާރޓްމެންޓަށް ބޭނުންވާ ފަރުނީޗަރާއި އެހެނިގެން ސާމާނު ގަތުމަށެވެ.

"ޒާރާ ގޮވައިގެން ދޯ ދާނީ" މަންހާ އެދުނެވެ.

"މައްސަލައެއްނެތް، މަންހާ ބޭނުންވާގޮތެއް" ދާއިން ސޯފާގައި އިށީންނަމުން ބުނެލިއެވެ. އަދި ދުފާތަބަކުން ފޯއްފޮއްޗެއް އަނގަޔަށް ލަމުން މަންހާއަށްވެސް ތައްބަށް ދިއްކޮއްލިއެވެ.

"އަހަރުމެންވެސް ގޮވައިގެން ދާންވީނު" މާކިން ސަމާސާ ރާގަކަށް އައިސް ދާއިންގެ ގާތުގައި އިށިންނަމުން ބުނެލިއެވެ.

"ހަމަ ދާންވީ، އެހެންނު ދާއިން" މަންހާ ހިނިތުންވެލަމުން ބުނެލިއެވެ.

"ދޮންބެ ދާހިތަކުން ނޫނޭ އެހެން އެބުނީކީ، ރައްޔާން ދިޔައީތަ؟" ދާއިން އަހާލިއެވެ.

"އާން، ބުދަދުވަހުން ފުރަންކަމަށް މިއުޅެނީ، ރައްޔާން ހީވަނީ ފޫހިވެގެން މަރުވެދާނެހެން މާލެ އައީމަ، ރޭގަ ވަރަށް ހެއްވާ ވާހަކައެއްވެސް ދެއްކިއޭ، ބުނަނީ ދާންބެގެ ނިއުވައިފް ހާދަ ރީތި ދޯ ޔޯ، އަދި އަހަނީ ވަރަށް ޔަންގުވާނެ ހެންވެސް ހީވެޔޯ، މަންހާގެ އުމުރަކީ ކިހާވަރެއްހޯ..........އަހަރެން ބުނާނެކަމެއްނެތް، ދާއިން ކަލޭގެ އަންހެނުން ފޮރުވައިގެން ގެންގުޅޭތި، އެހެންނޫނީ ގެއްލިދާނެ" މާކިންގެ ކައިރީ އައިސް ހުއްޓިލި އަފްޝީން އޭނަގެ ކޮނޑުގައި ޖަހާލިއެވެ.

"ސާބަސް، ކޮންމެފަދަ އެއްޗެއްވެސް ބުނެދާނެ" އަފްޝީން ކައިރިއަށް ހިނިއައިކަމުގައި ވިޔަސް ނުހޭން މަސައްކަތް ކުރަމުން ބުނެލިއެވެ.

"އެބަ އަންނަން ޒާރާ ކައިރިއަށް ވަދެލާފަ" މަންހާ ތެދުވަމުން ބުނެލިއެވެ. ދާއިން ބޯޖަހާލުމާއިއެކު އާއެކޭ ބުނެލިއެވެ. މަންހާ އޭނަ ގެނައި ކޮތަޅު ސޯފާއިން ނަގައިގެން ޒާރާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

ކައިވެންޏަށްފަހު މަސްދުވަސް ހޭދަވެގެން ހިނގައްޖެއެވެ. މަންހާގެ މަންމަ ވަސީމާގެ އެއްވެސް ހަބަރެއް ނުވެއެވެ. އާއިލާގެ ދެންތިބި މެމްބަރުންނާއި މަންހާ ފޯނުން ގުޅައި ވާހަކަދައްކާ ހަދައެވެ. ވިޝާލްއަށްވެސް ދެފަހަރަކު ގުޅައިގެން ވާހަކަދެއްކިއެވެ. ގާތް އެކުވެރިން ކަމުގައިވާ އަލީޝާ އާއި އަމާނީގެ ފޯން ކޯލެއް ނާންނަ ދުވަހެއް މަދުވާނެއެވެ. މަންހާއަށްވެސް ގިނަފަހަރަށް އެކަނިވެވޭ އިރަށް ގުޅެނީ އޭގެން މީހަކަށެވެ. ދާއިން އާއި މަންހާގެ ދިރިއުޅުމުގެ ހުރިހާ ވާހަކައެއް މަންހާ އޭނަގެ އެންމެ ގާތް އެކުވެރިންނާވެސް ހިއްޞާއެއް ނުކުރެއެވެ. އެންމެނަށްވެސް އެނގޭ އެއްކަމެއް ވެއެވެ. އެއީ ދުވަހަކުވެސް އުފާނުވާވަރަށް މަންހާ މިހާރު ހުންނަނީ އުފާވެފައިކަމެވެ. ހިތްހަމަޖެހިފައި ހުންނަކަމެވެ.

ދާއިން އާއި މަންހާގެ ކައިވެންޏަށް ހަފްތާއެއް ނުވެގެން އުޅެނިކޮށް މާކިންމެންގެ ދެމަފިރިން ފުރައިގެން ދިޔައެއްކަމަކު އެމީހުންނަށްވެސް މަންހާއަކީ ކޮންކަހަލަ އަންހެނެއްކަން ދެނެގަނެވުނެވެ. މަންހާ އާއި މޫމިނާގެ ގުޅުން ގާތްވެގެން ދިޔައިރު ޒާރާގެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ. އެންމެންގެ ހިތްހަމަޖައްސާދޭން މަސައްކަތްކުރަމުންދިޔަ މަންހާއަށް އަދިވެސް އަންބެއްގެ ފުރުޞަތު ދާއިންއަށް ދޭނެ ވަގުތެއް ނުލިބެއެވެ. ހަގީގަތުގައި ދާއިންއަށް އޭނަ އާއިއެކު ހޭދަކުރާނެ ވަގުތެއް ނުވަނީއެވެ. ކައިވެނި ކުރިފަހުން އަދި މަންހާގެ ގާތުގައި އޭނަ ރޭނުކުރެއެވެ. އެކަން މޫމިނާއަށް ފާހަގަކުރެވުނީ ކިހިނެއްކަމެއް ދާއިންއަށް ނޭގުނެވެ. މޫމިނާ ދާއިންއަށް ނަސޭހަތްތެރިވީ ކުޑަދުވަސްކޮޅަކަށް މަންހާ ގޮވައިގެން ކޮންމެވެސް ތަނަކަށް ދިއުމަށެވެ. އޭރުން ދެމީހުން އެކުގައި ހޭދަކޮއްލާނެ ފުރުޞަތެއްލިބިގެން ދާނެކަމުގައެވެ. އެހިޔާލު ދާއިން މަންހާ އާއި ހިއްސާކުރިއެވެ. މަންހާ ދާއިންއަށް ފެންނަ ގޮތަކަށް ކަންތައްކުރުމަށް އެދުނެވެ.

ޒާރާގެ އުޅުމަށް ކޮންމެވެސް ވަރަކަށް ބަދަލު އަންނަކަން ފާހަގަ ކުރެވެންފެށުނެވެ. އޭނަ ހިފައިގެން އުޅޭ ބުދު ގެންގުޅޭލެއް މަދުވާންފެށިއެވެ. އެއަށްވުރެ ގިނަވަގުތު އޭނަ މަންހާ އާއިއެކު ހޭދަކުރެއެވެ. މަންހާގެ އެޕާރޓްމެންޓު ޒީނަތްތެރި ކުރުމުގައި އޭނަގެ ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް ހޭދަކުރަމުންދިޔައެވެ. ދާއިން އާއިއެކު އެކަނިވެލާނެ ފުރުޞަތެއް ނުލިބެނީވެސް އެހެންވެއެވެ. ޒާރާ ފެންނަން ހުންނަ ހިސާބުގައި ދާއިން މަންހާއާއި ދުވަހަކުވެސް ގާތެއްނުވެއެވެ. އެކަން މަންހާއަށްވެސް ވަނީ ފާހަގަވެފައެވެ. އެހެންނަމަވެސް އެއީ ޝާކުވާ ކުރާވަރުގެ ކަމެއްކަމުގައި އޭނަ ނުދެކެވެ. ދާއިން ރިސޯޓަކަށް ދިއުމަށް ނިންމި ނިންމުން ޒާރާ އާއި ހަމައަށް އައިއިރު އޮފީސް މަސައްކަތަކަށްވެގެން ހިނގައްޖެއެވެ. ދާއިން މަންހާގެ ގާތުންވެސް އެނދުނީ އޭނަ އާއިއެކު ރިސޯޓަށް ދާކަން ޒާރާއަށް ނޭންގުމަށެވެ. ޒާރާ އެކަނިވެ ފޫހިވާނެތީ ވަރަށް ބޮޑާހޭކި ނަމަވެސް މަންހާގެ އޯގާތެރި ބަސްތަކުން އޭނަ އެންމެފަހުން ގަބޫލުވިއެވެ. ދާއިން އާއިއެކު މަންހާ ދާންފެށުމުން ޒާރާ އެތަށްފަހަރެއްގެ މަތިން މަންހާ ގެނެސްދިނުމަށް ދާއިންގެ ކައިރިން އެދުނެވެ. އަދި ފެންކަޅިވެފައި ދާއިންގެ ކާރާ ދިމާލަށް ބަލަން ދޮރުމަތީ ހުއްޓެވެ. މޫމިނާ ޒާރާގެ ހަރަކާތްތަކަށް ބަލަން ހުރިއިރު އޭނައަށްވެސް ޒާރާ އާއި މަންހާ ގުޅިފައިވާ މިންވަރު ހާމަވެގެންދިޔައެވެ.

ދަނީ ކޮންރިސޯޓަކަށްކަން ދާއިން ނުބުނި ކަމުގައި ވިޔަސް ރިސޯޓުގެ މަލަމަތި ފެނުމާއިއެކު މަންހާއަށް އެނގިއްޖެއެވެ. ލޯންޗުގައި އިނދެފައި މަންހާ ދާއިންއަށް ބަލާލަމުން ހިނިތުންވެލިއެވެ. އެއީ ދާއިންގެ ކޮމްޕެނީގެ އަހަރީ ޕާޓީ ބޭއްވި ރިސޯޓެވެ.

"މިރިސޯޓް ރަނގަޅުތަ؟" ދާއިންވެސް ހިނިއައިސްފައި އަހާލިއެވެ.

"ކީއްވެ މިރިސޯޓް................" މަންހާ ސުވާލު ކޮއްލިއެވެ.

"އަހަރުމެން ދެމީހުންނަށްވެސް ޚާއްޞަވީމަ، މާގިނަ ހަނދާންތަކެއް ނެތަސް، މިރިސޯޓްގައި ހޭދަވި ވަގުތަކީ އަހަންނާއި މަންހާގެ މެދުގައި އުފެދުނު ފުރަތަމަ ހަނދާންތައްކަމުގައި އަހަރެން ދެކޭތީ" ދާއިން މަންހާގެ އަތުގައި ހިފާ އޭނައާއި ކައިރިކޮއްލަމުން ބުނެލިއެވެ.

ލޯންޗުން ފޭބި ދާއިން މަންހާ އަތްދަނޑިމައްޗަށް އުފުލާލައިގެން ޖެޓީގައި ހިނގައިފައި އައިސް ދޮންވެލިގަނޑުމަތީ ބެހެއްޓިއެވެ. ދާއިންގެ އެއަމަލުން މަންހާ ލަދުގަތްކަން އޭނައަށް އެނގެއެވެ. ރިސޯޓްގެ މެނޭޖަރު ދާއިން އަށް މަރުހަބާ ކިޔެވެ. އަދި އެމީހުންގެ ކޮޓަރި ދެއްކުމަށްޓަކައި ކުރިއަށް ހިނގައިގަތެވެ.

ކޮޓަރީގައި ހުރި ގޮނޑިއެއްގެ މަތީ މަންހާގެ ދަބަސް ބަހައްޓާލަމުން މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެއީ އެރިސޯޓުގައި ދާއިން ހުރި ކޮޓަރިއެވެ. މިހާރު އެކޮޓަރީގައި ދާއިން އާއިއެކު މަންހާވެސް ވެއެވެ.

"ފްރެޝް ވެލާނަންތަ؟" ދާއިންވެސް އޭނަގެ އަތުގައި އޮތް ދަބަސް ބަހައްޓަމުން އަހާލިއެވެ.

"ދިގު ދަތުރެއް ނޫންވީމަ އަދި ފްރެޝްވެލާކަށް ބޭނުމެއްނޫން، ދާއިން ފްރެޝްވެލަން ބޭނުންވަނީތަ" މަންހާ ދާއިންއަށް ބަލާލަމުން އަހާލިއެވެ.

"ނޫން، އަހަރެންވެސް ތަންކޮޅެއް ފަސްކޮއްލާފަ ފްރެޝްވެލަން ބޭނުމީ......." ދާއިން އެނދުގައި އިށީނދެލަމުން ބުނެލިއެވެ.

"ބޭރަށް ނުކުމެލާނަންތަ؟" އިރުއޮއްސެމުންދިޔަ ވަގުތަށްވެފައި މަންހާ އެމަންޒަރަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން އަހާލިއެވެ.

ފައިވަން އަތަށް ނަގައިގެން ހުރެ ދޮންވެލިގަނޑުމަތީ ހިނގަމުންދިޔަ މަންހާއަށް ދާއިން ބަލަންހުއްޓެވެ. އޭނައަށް މަންހާދެކެ ލޯބިވެވިދާނެ ބާއޭ ހިތަށް އަރަމުންދިޔައެވެ. ކޮންމެގޮތެއްވިޔަސް އޭނަގެ ހިތުގައި މަންހާއަށްޓަކައި ދެވިފައިވާ މަގާމެއް ކުޑައެއްނޫނެވެ. މަންހާ އޭނަ ދެކެ ވާލޯތްބާއި ޒާރާ އާއިމެދު ބަހައްޓާ އޯގާތެރިކަމާއި ގާތްކަމީ ކޮންމެ އަންހެނެއްގެ ގައިން ފެނިގެންދާނެ ސިފަތަކެއް ނޫންކަން ދާއިންއަށް އެނގެއެވެ. އެހެންނަމަވެސް މަންހާ އާއިމެދު ކުރެވޭ އިޙްސާސްތައް ދުލުން ބަޔާން ކުރުން ދާއިންއަށް ފަސޭހަ ކަމަކަށްނުވެއެވެ. މަންހާއަށް ބޭނުންވާ ބޭނުންވުމަކީ ހިތަށްވުރެ ހަށިގަނޑާ ގުޅިފައިވާ އެނދުންވެރި ކަމަކަށް ވެދާނެތީ ދާއިން ޖެހިލުންވެއެވެ. އަނެއްކޮޅުން ޒާރާގެ އުޅުމަށް އަންނަ ކުދި ކުދި ބަދަލުތަކުން އޭނަ ހުންނަނީ ވަރަށްވެސް އުފަލުންނެވެ. އެކަމާވެސް ގުޅިފައިވަނީ މަންހާއާއި ކަމަށްވެފައި ޒާރާއަށް ހަގީގަތް އެނގުމުން މަންހާދެކެ އިތުރަށް ލޯބިވާނެކަމަށް ދާއިން އަބަދުވެސް ހީކުރެއެވެ.

(ނުނިމޭ)