ޕޯޗްގަލް

ނޭޝަން ލީގްގެ ޗެމްޕިއަންކަން ޕޯޗުގަލް އަށް

ނެދަލޭންޑްސްގެ މައްޗަށް 1-0 ގެ ނަތީޖާއިން ކާމިޔާބު ހޯދައި، ޔޫއެފާ ނޭޝަން ލީގްގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ޕޯޗުގަލް ހޯދައިފި އެވެ.

ޕޯޗުގަލްއަކީ އެންމެ ފަހުގެ ޔޫރޯގެ ވެސް ޗެމްޕިއަނުންނެވެ. ޕޯޗުގަލްގެ ޕޯޓޯގައި ކުޅުނު މެޗުގައި، ހޮލެންޑުން އެޓީމުގެ ރަސްމީ ޕާސިން ގޭމް ކުޅެން މަސައްކަތް ކުރި ނަމަވެސް، ހަމަލާ އުފެއްދުމުގައި ޕޯޗުގަލް ވަނީ ކުރި ހޯދާފަ އެވެ.

ޕޯޗުގަލްގެ ލަނޑު، މެޗުގެ 60 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގުއިޑޭސް އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބެނާޑޯ ސިލްވާ އޭރިއާ ތެރެއިން ހުރަސް ކޮށް ދިން ބޯޅަ، ގުއިޑޭސް ޖެހީ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އެވެ. ހޮލެންޑްގެ ކުޅުންތެރިން ހީކުރީ ގުއިޑޭސް އެ ބޯޅަ ދޭނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކަމަށެވެ.