އިޒްރޭލަށް ފަލަސްތީނުގެ ވެސްޓް ބޭންކުން ބައެއް ހައްގުކަމަށް ވިދާޅުވި އެމެރިކާގެ ސަފީރުގެ މައްޗަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި ދައުވާ އުފުލަން ވިސްނަވާކަމަށް ފަލަސްތީނުގެ ފޮރިން އެފެއާޒް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ފްރެއިޑްމަން އިއްޔެ ނިއުޔޯކް ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުގައި އެހެން ވިދާޅުވުމުން ފަލަސްތީނަށް އަރައިގަނެގެން އުޅޭ އިޒްރޭލަށް އެމެރިކާ ހުސްވެފަ އޮތްވަރު ވަރަށް ރަނގަޅަށް ދޭހަ ވާކަމަށް އެ މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ވެއެވެ.
ފަލަސްތީނާއި އިޒްރޭލާއި ދެމެދު ސުލްހައިގެ މަޝްވަރާތައް ހުއްޓިފައިވަނީ ފަލަސްތީނުގެ ސަބަބުން ކަމަށް ފްރެއިޑްމަން ދިން އިންޓަވިއުގައި ވިދާޅުވެފައި ވާއިރު ފަލަސްތީނުގެ އިސް އޮފިޝަލުންނާއި އެ ގައުމުގެ ރައްޔިތުން ދަނީ އެ އިބާރާތްތައް ކުއްވެރި ކުރަމުން ނެވެ.
އަދި ފްރައިޑްމަންގެ ވާހަކަތަކުން އޭނާއަކީ އެއްވެސް ވަރަކަށް އިންސާފަށް ލޯބި ކުރައްވާ ބޭފުޅެއް ނޫންކަން ސާފުވެއްޖެ ކަމަށް ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ)ގެ ތަރުޖަމާން އިބްރާހިމް މިލްހަމް ވިދާޅުވެފައި ވާއިރު އެމެރިކާއިން ބައެއްގެ ބިމެއް ފޭރިގަނެ އަމިއްލަ ބިމަކަށް ހެދުން ރަނގަޅުކަމަށް ދެކޭ ދެކުމަކީ ބައިނަލް އަގްވާމީ ގާނޫނުގެ ދަށުން ހަނގުރާމަ މަތީ ޖަރީމާއެއް ކަމަށް ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ސެކްރެޓަރީ ޖެނަރަލް ސައެބް އެރަކާތު ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.
އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ހަދާ އެމެރިކާއިން އެކަން އާންމުކޮށް އިއުލާންކޮށް އިޒްރޭލުގެ އެމަބަސީ ގުދުސްއަށް ބަދަލުކުރި ހިސާބުން ޕީއޭއާއި ޕީއެލްއޯއިން ވަނީ އެމެރިކާ ބޯއިކޮޓް ކޮށްފަ އެވެ.
އެއާއި ވިދިގެން އެމެރިކާއިން ވަނީ ވޮޝިންގްޓަންގައި ހުންނަ ޕީއެލްއޯގެ އޮފީސް ބަނދުކޮށްފަލަސްތީނު ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ އދ.ގެ އެޖެންސީއަށް ދެމުންދާ އެހީ މެދުކަނޑާލާފަ އެވެ.