ދުނިޔެ

ހޮންކޮންގްގައި މިލިއަނަކަށްވުރެ ގިނަ މީހުން މުޒާހަރާއަށް

ހޮންގްކޮންގްގެ އެކްސްޓްރަޑިޝަން ބިލަށް ގެނައި ބަދަލުތަކާއެކު ގާނޫނުހަދާ މަޖިލީހަށް ފާސްކުރަން ފޮނުވުމާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކޮށް އެ ގައުމުގެ މިލިއަނެއްހާ ރައްޔިތުން ނިކުމެ އިއްޔެ މުޒާހަރާކޮށްފި އެވެ.

މުޒާހަރާ ރޭވުމަށް އިސްކޮށް ތިއްބެވި ސިވިލް ހިއުމަން ރައިޓްސް ފްރަންޓް ގްރޫޕުގެ ބޭފުޅުން މީޑިއާތަކަށް މައުލޫމާާތު ދީފައިވާ ގޮތުގައި އެ ބިލާއިމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ގާތްގަނޑަކަށް 1.3 މިލިއަން މީހުން ހޮންގްކޮންގްގެ މަގުތަކަށް ނިކުމެ އަޑު އުފުލާފައި ވެއެވެ. ނަމަވެސް ހޮންގްކޮންގްގެ ފުލުހުންގެ އިދާރާއިން ވިދާޅުވަނީ މުޒާހަރާކުރަން ނިކުމެފަވާ މީހުންގެ އަދަދަކީ ގާތްގަނޑަކަށް 240،000 ކަމަށެވެ.

އެކްސްޓްރަޑިޝަން ބިލް ފާސްވެއްޖެ ނަމަ އެހެން ގައުމެއްގެ ކުށްވެރިއެއް ހޮންގްކޮންގްގައި ހުރެ އެ މީހަކު ކުށްވެރިކުރާ ސަރުކާރަކުން އޭނައާމެދު ގާނޫނީ ފިޔަވަޅު އަޅަން އެދި އެ ގައުމަކަށް ފޮނުވާދޭން އެދިއްޖެ ހާލަތެއްގައި އެމީހަކު އަނބުރާ އެ ގައުމަކަށް ފޮނުވާލުމުގެ ބާރު ހޮންގްކޮންގްއަށް ލިބިގެން ދެއެވެ.

އޭގެ އިތުރުން ޗައިނާ ސަރުކާރުން އެދެފި ހާލަތެއްގައި ހޮންގްކޮންގް ފަސްގަނޑުގައި ހުރި ކޮންމެ މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބިގެން ދެއެވެ. ހޮންގްކޮންގްއިން 20 ގައުމަކާއެކީ އެކްސްޓްރަޑިޝަން އެއްބަސްވުމަށް ގޮސްފައިވާއިރު އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އެމެރިކާ ވެސް ހިމެނެ އެވެ.

އެފަދަ ބިލެއް ހޮންގްކޮންގްއަށް ބޭނުން ނުވާކަމަށް ބުނެ އެ ބިލަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ބިލް ފާސްވެއްޖެނަމަ ހޮންގްކޮންގްގެ މައްޗަށް ޗައިނާގެ ނުފޫޒު ވަރުގަދަކޮށް އެތައް ބައެއްގެ މައްޗަށް ޗައިނާއިން އަނިޔާވެރި އެތައް އަމަލެއް ހިންގާނެ ކަމުގެ ބިރު އޮތް އިރު ހާއްސަކޮށް އިދިކޮޅު ސިޔާސީ ބޭފުޅުންނަށް ޗައިނާގެ އަނިޔާވެރިކަން މާބޮޑަށް ވެސް އަމާޒުވެގެން ދާނެ ކަމަށެވެ.

ބޭރުގެ އެހެން ގައުމުތަކުން ވެސް މިކަމާމެދު ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ. އެގޮތުން އެމެރިކާގެ ކޮންގްރެސް އިން މޭ މަހު އެ ބިލަށް ހުށަހަޅާފައިވާާ ބަދަލުތަކުގެ ސަބަބުން ހޮންގްކޮންގްގެ މައްޗަށް ޗައިނާގެ ސިޔާސީ ނުފޫޒު ހިންގަން ފަސޭހަވާނެ ދޮރުތައް ހުޅުވިގެން ދާނެކަމަށް ބުނެފައި ވެއެވެ.

ކެނަޑާއާއި އިނގިރޭސި ވިލާތުން ވެސް ހަމަ އެ ކޮންބޮޑުވުން ފާޅުކޮށްފައި ވާއިރު އެ ބިލްގެ ސަބަބުން ހިންގްކޮންގްގައި ތިބި އިނގިރޭސި ރައްޔިތުންނާއި ކެނަޑާގެ ރައްޔިތުންނަށް ކޮށްފާނެ ނޭދެވޭ އަސަރާމެދު ވެސް ކަނބޮޑުވުން ފާޅު ކުރިއެވެ.

ޔޫރަޕިއަން ޔޫނިއަނުން ހޮންގްކޮންގްގެ ޗީފް އެގްޒެކަޓިވް ކެރީ ލެމްއަށް ވަނީ ބިލަށް ހުށަހަޅާފައިވާ ބަދަލުތަކާމެދު ކަންބޮޑުވާކަމަށް ބުނެ ސިޔާސީ ސިޓީފުޅެއް ވެސް ފޮނުވާފަ އެވެ.

ބިލް ފާސް ކުރުމާއި ގުޅިގެން ހޮންގްކޮންގްގެ ސިޔާސީ މަޝްރަހަށް ވަރުގަދަ ލޮޅުމެއް އައިސްފަވާއިރު ގާނޫނު ހަދާ މަޖިލީސް ތެރޭގައި ތަޅާފޮޅާފައި ވެސް ވެއެވެ. އަދި ހޮންގްކޮންގް ފިޔަވާ އެހެން ގައުމުތަކުގައި ވެސް މި ބިލް ފާސްކުރުމާއި ދެކޮޅުހަދާ މުޒާހަރާތައް ރާވަމުން ދާއިރު އޮންލައިންގައި ސްކޫލް ދަރިވަރުންނާއި ކޮލެޖް ކުދިންގެ އިތުރުން ސިޔާސީ ބޭފުޅުންނާއި ވަކީލުންގެ ޕެޓިޝަންތައް ވަނީ ހުށަހަޅާފަ އެވެ.

ނަމަވެސް ޗައިނާގެ ފޮރިން މިނިސްޓްރީ އިން އެ ހުރިހާ ގައުމަކުން ހޮންގްކޮންގް ސަރުކާރުގެ ޕްރޮޕޯސަލް އެއް ސިޔާސީ ކަންތައްގަނޑަކަށް ހަދަން މަސައްކަތް ކުރާކަމަށާއި، ޗައިނާގެ ދާޙިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށް ބުނެ އެ ބިލުގެ ސަބަބުން ބަޔަކަށް ގެއްލުމެއް ލިބިދާނެކަމަށް ދެކެވޭ ވާހަކަތައް ވަނީ ދޮގުކޮށްފަ އެވެ.

ޗައިނާގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި އެ ބިލްގެ ސަބަބުން އެއްވެސް ކުށެއް ނެތް މީހުންނަށް ވެސް އޭގެ ނޭދެވޭ އަސަރުކުރުން ގާތެވެ. ނަމަވެސް ހޮންގްކޮންގްގެ ލީޑަރު ކެރީ ލެމް ވިދާޅުވަނީ އެ ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށާއި އޭގެ ސަބަބުން ހޮންގްކޮންގް އިން ބައިނަލް އަގްވާމީ ދުނިޔޭގައި އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމަށް ހުރި ހުރަސްތައް ނައްތާލެވޭނެ ކަމަށެވެ.

ހޮންގްކޮންގް އަކީ ޗައިނާގެ ބައެއްކަމަށް ވިނަމަވެސް 1997 ވަނަ އަހަރު ޗައިނާގެ ވެރިކަމުގެ ދަށަށް ދިޔައިރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ގައުމުގައި އޮންނަނީ ޗައިނާއާއި ތަފާތު ވެރިކަމުގެ ސިސްޓަމެކެވެ. އަދި ޗައިނާ ރައްޔިތުންނަށް ލިބިފައި ނުވާ އެތަށް ހައްގެއް ހޮންގްކޮންގް ރައްޔިތުންނަށް ލިބިފައި ވެއެވެ.

އަދި ހޮންގްކޮންގް އިތުރު އެހެން 20 ގައުމާއެކު އެފަދަ އެއްބަސްވުންތައް ވެފައިވިޔަސް ފާއިތުވެދިޔަ ވިއްސަކަށް އަހަރު ކުރި މަސައްކަތުން ވެސް ޗައިނާއާއި އެކު އެފަދަ އެއްބަސްވުމަކަށް ދެވިފައެއް ނުވެއެވެ.

ބިލް ފާސްކުރަން މަސައްކަތް ކުރެވެނީ ކީއްވެ؟

މިދިޔަ އަހަރު ފެބްރުއަރީ މަހު 19 އަހަރުގެ ހޮންގްކޮންގް ފިރިރހެން ކުއްޖަކު އޭނާ ރައްޓެހިވެގެން އުޅޭ 20 އަހަރުގެ ޓައިވާން އަންހެން ކުއްޖާ ކައިރިއަށް ޓައިވާންއަށް ޗުއްޓީއަށް ގޮސް އުޅުމުގެ ތެރޭގައި އެ އަންހެން ކުއްޖާ މަރާލިކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.

އެ ފިރިހެން ކުއްޖާ ޓައިވާނުން ފިލައިގެން ދިޔައީ ހޮންގްކޮންގް އަށެވެ. ޓައިވާންގެ އޮފިޝަލުން އެ ފިރިހެން ކުއްޖާ އެ ގައުމަށް ފޮނުވާދިނުމަށް އެދުމުން ހޮންގްކޮންގް އިން ބުނެފައިވަނީ ޓައިވާނާއެކު އެފަދަ އެއްބަސްވުމެއް ވެފައި ނުވާތީ އެކަން ކޮށްދެވެން ނެތް ކަމަށެވެ.

މިހާރު ޓައިވާނުން ވެސް ބުނަނީ ބިލަށް ހުށަހަޅާފައިވާ ބަދަލުތަކާއެކީ މަރުގެ ތުހުމަތު ކޮށްފައިވާ ކުއްޖާ ޓައިވާނަށް ގެންދަން ބޭނުން ނުވާ ކަމަށާއި އެކަންތަކާމެދު ހޮންގްކޮންގް ވަކިން ފިޔަވަޅު އަޅާ ދިނުމަށެވެ.