ދުނިޔެ

"ބްރިޓިޝް އޯވަސީސް ޕާސްޕޯޓް ބަލައެއް ނުގަންނަން: ޗައިނާ

"ބްރިޓިޝް ނެޝަނަލް އޯވާސީޒް" ޕާސްޕޯޓަކީ ސައްހަ ޓްރަވެލް ޑޮކިއުމަންޓެއް ކަމަށް ގަބޫލު ނުކުރާނެ ކަމަށް ޗައިނާއިން ބުނެފި އެވެ. ޗައިނާއިން މިހެން ބުނީ ހޮންގް ކޮންގްގައި ދިރިއުޅޭ މީހުނަށް އިނގިރޭސިވިލާތުން ހުޅުވާލަން އުޅޭ ފުރުސަތަކާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުން ހުޅުވާލާ މި ފުރުސަތަކީ ބްރިޓިޝް ނެޝަނަލް އޮވާސީޒް ޕާސްޕޯޓް އޮންނަ ހޮންގް ކޮންގް މީހުންނަށް ގައުމުން ބޭރުވެވޭނެ ގޮތެކެވެ.

ހޮންގް ކޮންގް ދޫކޮށް އިނގިރޭސިވިލާތަށް ދާން އެދޭ ނަމަ އޮންލައިންކޮށް ވިސާއަށް އެދުމަށް އާދީއްތަ ދުވަހު ފުރުސަތު ހުޅުވާލާނެ އެވެ. އެގޮތުން ޝަރުތުހަމަވާ މީހުނަށް އިނގިރޭސިވިލާތުގައި ދިރިއުޅުމާއި އާމްދަނީ ހޯދަން ޖާގަ ލިބޭނެ އެވެ. އަދި ފަސް އަހަރަށް ފަހު އިނގިރޭސިވިލާތުގެ ރައްވެއްސަކަށް ވުމަށް އެއިން ކޮންމެ މީހަކަށް ވެސް ފުރުސަތު ދެވޭނެ އެވެ.

ޗައިނާއިން މިކަމާ ގުޅުވައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖެނުއަރީ 31 ން ފެށިގެން ބްރިޓިޝް ނެޝަަނަލް އޯވާސީޒް ޕާސްޕޯޓަކީ ސައްހަ ޓްރެވަލް ޑޮކިއުމަންޓެއް ކަމަށް ބަލައި ނުގަންނާނެ ކަމަށާއި އިމިގްރޭޝަން ހުރަސް ކުރަން ހުއްދަ ނުދޭނެ ކަމަށެވެ.

ހޮންގް ކޮންގްގައި އުޅޭ މީހުން ޗައިނާއަށް ދަތުރު ކުރުމަށް ބްރިޓިޝް ނެޝަަނަލް އޯވާސީޒް ޕާސްޕޯޓް އައީ ބޭނުން ކުރަމުންނެވެ. މި އަމުރާއެކު މި ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ދެން އޮތީ ކޮން އިހުތިޔާރެއްކަން ޗައިނާއިން އަދި ސާފުކޮށެއް ނުދެ އެވެ.

މަޝްރަހު ދަންނަ މީހުން ބުނާ ގޮތުން ޕާސްޕޯޓް ކެންސަލްކުރި ނަމަވެސް ވިސާއަށް އެދި އެތައް ބަޔަކު ހުށަހަޅާނެ އެވެ. މިއީ ޗައިނާއަށް ހިފެހެއްޓޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެ އެވެ. އަދި އޮންލައިން ފޯމް މެދުވެރިކޮށް ވިސާއަށް އެދެނީ ކޮންބައެއްކަން އޮޅުންފިލުވާނެ ގޮތެއް ވެސް ނޯންނާނެ އެވެ. އެއީ ބްރިޓިސް ކޮންސިޔުލޭޓުން މި މައުލޫމާތު ހާމަ ނުކުރާނެތީ އެވެ.