ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ހޮންގްކޮންގްގެ ހޮސްޕިޓަލް ސްޓާފުން މަސައްކަތް ހުއްޓާލައިފި

Feb 3, 2020

ހޮންގްކޮންގް (ފެބްރުއަރީ 3) - ޗައިނާއިން ފެތުރެން ފެށި ކޮރޯނާ ވައިރަހާ ގުޅިގެން ހޮންގްކޮންގާއި ޗައިނާ ގުޅޭ ބޯޑަރު ބަންދު ކުރުމަށް ގޮވާލައި، ހޮންގްކޮންގްގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ހުއްޓާލައިފި އެވެ.

ވައިރަސް ފެތުރުން ހުއްޓުވުމަށް، ހޮންގްކޮންގް އާއި ޗައިނާ އާދެމެދު ފެރީގެ އިތުރުން ރޭލު ދަތުރުގެ ހިދުމަތް ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް، މުޅި ބޯޑަރު އެއްކޮށް ބަންދު ކޮށްގެން ނޫނީ އެ ވައިރަސް ހޮންގްކޮންގްގައި ފެތުރުން ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ދަނީ ބުނަމުންނެވެ.

ނަމަވެސް، ހޮންގްކޮންގްގެ ކަމާބެހޭ އިދާރާތަކުން ބުނަނީ ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ އެންގުމާ ހިލާފަށް ބޯޑަރު ބަންދު ނުކުރެވޭނެ ކަމަށެވެ.

އެ ޑިމާންޑާއެކު، ހޮސްޕިޓަލުތަކުގެ މަސައްކަތް ކުރާ ގިނަ އަދަދެއްގެ ސްޓާފުން މިއަދު ވަނީ މަސައްކަތް ހުއްޓާލައިފަ އެވެ. އަދި މާދަމާއާ ހަމައަށް ބޯޑަރު އެއްކޮށް ބަންދު ނުކޮށްފިނަމަ، ޑޮކްޓަރުންނާއި ނަރުހުން ވެސް އެ އިހުތިޖާޖުގައި ބައިވެރިވުމަށް މަސައްކަތް ހުއްޓާލާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. ހޮންގްކޮންގްގައި އެ ވައިރަސް ޖެހިފައިތިބި 15 މީހަކު މިހަތަނަށް ފެނިފައިވެ އެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅު އެ ވައިރަސް ފެތުރެން ފެށި ފަހުން ޗައިނާގައި އެކަނި މިހާތަނަށް 17،000 އަށް ވުރެ ގިނަ މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، އޭގެ ތެރެއިން 360 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ޗައިނާއިން ބޭރުވެ، ގިނަ ގައުމުތަކަށް އެ ވައިރަސް މިހާރު ވަނީ ފެތުރިފަ އެވެ. އެގޮތުން، އެކި ގައުމުތަކުން 150 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާއިރު، އެ ވައިރަސް ޖެހުނު މީހަކު އިއްޔެ ވަނީ ފިލިޕީންސްގައި މަރުވެފަ އެވެ. މިއީ ވައިރަސް ޖެހިގެން ޗައިނާ ނޫން ގައުމެއްގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

އެ 44 އަހަރުގެ ޗައިނާ މީހާ ފިލިޕީންސަށް އައިސްފައިވަނީ، އެ ވައިރަސް ފުރަތަމަ ފެނުނު ހޫބޭ ސަރަހައްދުންކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުންޏެވެ. އަދި އޭނާ ބަލިވެގެން، މަނީލާގައި ހުންނަ ހޮސްޕިޓަލެއްގައި އެޑްމިޓްކުރި ފަހުން، ނިއުމޯނިއާޖެހި އޭނާގެ ފުރާނަ ސަލާމަތްކުރެވޭވަރަށްވުރެ އޭނާގެ ހާލު ސީރިއަސްވީކަމަށް، ފިލިޕީންސްގެ ސިއްހަތާބެހޭ އިދާރާއިން ބުނެފައިވެ އެވެ.

އެ މީހާ ފިލިޕީންސަށް އައިސްފައިވަނީ، ހޮންކޮންގް މަގުންނެވެ.

ކޮރޯނާ ވައިރަސްގެ ބިރުވެރިކަން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާއިރު، ފިލިޕީންސްގައި މަރުވި މީހާއާ ގުޅިގެން އިތުރަށް ކަންބޮޑުވާންޖެހޭ ސަބަބެއްނެތް ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފަ އެވެ.

"މިއީ ޗައިނާ ނޫން ގައުމެއްގައި ވައިރަސް ޖެހުނު މީހަކު މަރުވި ފުރަތަމަ ފަހަރު ނަމަވެސް، އެ މީހާއަށް ބަލި ޖެހުނީ ވައިރަސް އުފެދުނު ސަރަހައްދުން،" ފިލިޕީންސްގައި ހުންނަ ޑަބްލިއުއެޗްއޯގެ މަންދޫބު ރަބިންދުރަ އަބޭސިންހަ ވިދާޅުވި އެވެ.

އެ މީހާއާއެކު އެއް ފްލައިޓެއްގައި ދަތުރުކުރި ފަސިންޖަރުން ހޯދައި، އެ މީހުން ކަރަންޓީނު ކުރުމުގެ މަސައްކަތް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ވަނީ ފަށައިފަ އެވެ.

އެ މީހާ މަރުވެފައިވަނީ، ޗައިނާ އިން އަންނަ އެހެން ގައުމުތަކުގެ މީހުން ފިލިޕީންސަށް ވަނުން މަނާކޮށްފައިވަނިކޮށެވެ.

ފިލިޕީންސްއެކޭ އެއް ފަދައިން، ސީދާ ޗައިނާ އިން އަންނަ އެހެން ގައުމުތަކުގެ މީހުން އެތެރެވުން ގިނަ ގައުމުތަކުން އަންނަނީ މަނާ ކުރަމުންނެވެ.

ނަމަވެސް، އެ ފަދަ ފިޔަވަޅެއް އަދި ނޭޅުމަށް ޑަބްލިއުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި އެ ފަދަ ފިޔަވަޅެއް އެޅުމުން، އެ ވައިރަސް އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ. ސަބަބަކީ އެތެރެވުން މަނާކުރުމުން، ގަވައިދާ ހިލާފަށް ގައުމުތަކަށް މީހުން ވަންނަން ފެށޭނެ ކަމަށާއި، އެއާއެކު ވައިރަސް ޖެހިފައިވާ މީހުން ދެނެގަންނަން ކުރާ މަސައްކަތަށް ހުރަސްއެޅިގެންދާނެ ކަމަށެވެ.

ސީދާ ޗައިނާ އިން އަންނަ އެހެން ގައުމުތަކުގެ މީހުން އެތެރެވުން އެމެރިކާ، އޮސްޓްރޭލިއާ، ޖަޕާނު އަދި ރަޝިއާ ފަދަ ގައުމުތަކުން މިހާރުވެސް ހުއްޓުވާފައިވާއިރު، ޑަބްލިއުއެޗްއޯގެ ލަފަޔާ ހިލާފަށް އެފަދަ ފިޔަވަޅެއް އަޅާފައިވާތީ، ޗައިނާ އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.