ދުނިޔެ

ހޮންގްކޮންގް މުޒާހަރާގެ ތާއީދު އުއިގޫރު މުސްލިމުންނަށް

Dec 23, 2019

ޗައިނާ ސަރުކާރުން ޑިޓެންޝަން ޖަލެއްގައި ބަންދުކޮށްގެން ގެންގުޅޭ އުއިގޫރު ދަރިކޮޅުގެ މުސްލިމުންނަށް ހޮންގްކޮންގުގައި ކުރަމުންދާ މުޒާހަރާތެރެއިން ތާއިދުކޮށްފި އެވެ. އުއިގޫރު މުސްލިމުންނަށް ޗައިނާއިން ލާ އިންސާނީ އަނިޔާ ދެމުންދާކަމަށް ގިނަ ގައުމުތަކުންނާއި އިންސާނީ ހައްގުތަށް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.

ހޮންގްކޮންގުގައި މުޒާހަރާ ކުރަމުންދާތާ މިހާރު މިއީ ފަސް ވަނަ މަހެވެ. މިއީ ޗައިނާ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކެވެ. ހޮންގްކޮންގުގައި އިއްޔެކުރި މުޒާހަރާގައި އުއިގޫރް މީހުންގެ ދިދައާއި އެމީހުނަށް ތާއިދުކުރާ ކަމުގެ ލިޔުންތަށް ގެންގުޅުނެވެ. އެކި އުމުރުގެ ހާހެއްހާ މީހުން ބައިވެރިވި މުޒާހަރާގައި ގޮވަމުން ދިޔައީ ޗައިނާ ސަރުކާރުން ދީފައިވާ "ފޭކް އޮޓޮނޮމީ"ގެ ސަބަބުން މަގުފަހިވަނީ ގަތުލު އާންމުތަކަށް ކަމަށެވެ.

ފުޓްބޯޅަ ކުރުންތެރިޔާ އަދި ޖަރުމަނުގެ ތަރި މެސުތު އޮޒިލް އުއިގޫރު މުސްލިމުންނާ އެއްކޮޅަށް ޓުވީޓެއް ކުރުމުން ޗައިނާއިން ގެންދަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެހެންކަމުން މުޒާހަރާތެރެއިން އުއިގޫރު މުސްލިމުންނަށް ތާއިދުކުރާ ކަމަށް ދެއްކީ ޗައިނާގެ ބެލުމުގެ ދަށުން ހޮންގްކޮންގު މިނިވަންކުރުމަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައި ކަމަށް ބެލެވެ އެވެ.

ތުރުކީ ދަރިކޮޅަކަށް ނިސްބަތްވާ މުސްލިމެއް ކަމަށްވާ އޮޒިލް ވަނީ ޗައިނާ އިން އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ޒިންޖިއާންގައި އިހުޒަމާނުއްސުރެ އުޅެމުން އަންނަ މުސްލިމުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މުސްލިމް ގައުމުތައް ހަނުތިބޭތީ ފާޑުކިޔައިފަ އެވެ. އޮޒިލްގެ ޓުވީޓުގައި އިތުރަށް ބުނެފައިވަނީ، ގުރުއާން އަންދައި މިސްކިތްތައް ބަންދުކޮށް މުސްލިމް ސްކޫލްތައް މަނާކޮށް ފަހަރަކު މީހެއްގެ މަގުން ދީނީ އިލްމުވެރިން މަރައި ފިރިހެނުންތައް މަޖުބޫރުން ކޭމްޕްތަކަށް ފޮނުވަމުންދާ ކަމަށެވެ.

ހޮންގް ކޮންގްގައި މުޒާހަރާކުރި މީހުން، އުއިގޫރު މީހުން މިނިވަންކުރަން ގޮވާލާ ލިއުންތަކާ އެކު އެ ދިދަ ވެސް އުފުލި އެވެ. އިނގިރޭސިންގެ ބެލުމުގެ ދަށުގައި އޮތް ހޮންގް ކޮންގް މިހާރު ވަނީ ޗައިނާގެ ދަށަށް ގޮސްފަ އެވެ. އެކަމަކު ޗައިނާގެ އެހެން ސަރަހައްދުތަކަށް ދީފައިނުވާ މިނިވަންކަން ހޮންގް ކޮންގް ރައްޔިތުންނަށް ލިބިފައިވެ އެވެ