ދުނިޔެ

މުޒާހަރާތަކަށްފަހު ހޮންކޮންގުގެ މަގުތައް ހުޅުވައިފި

ޗައިނާ ސަރުކާރަށް ގިނަ ބާރުތަކެއް ލިބިދޭ ގޮތަށް ފާސް ކުރަން އުޅުނު އެކްސްޓްރެޑިޝަން ބިލާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހޫނުވުމުގެ ސަބަބުން ބަންދު ކޮށްފައިވާ ހޮންކޮންގުގެ ބޮޑެތި ހައިވޭތައް ހުޅުވާލައިފި އެވެ.

ހޮންކޮންގުގެ މައި ހައިވޭތަކުގައި ފާއިތުވި ތިން މަސް ދުވަހު ދިޔައީ މިލިއަނަކަށްވުރެ ގިނަ މީހުން ކޮންމެ ދުވަހަކު މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތަކާ ގުޅިގެން ހޮންގްކޮންގު ސަރުކާރުގެ އޮފީސްތަކާއި ބޭންކުތަށް ވެސް ވަނީ ބަންދު ކޮށްފަ އެވެ. އަދި އާންމު ދަތުރު ނުކުރެވޭ ވަރަށް ހޮންގުކޮންގުގެ މަގުތަކަށް މުޒާހަރާގެ ބައިވެރިން ވަނީ ގެއްލުންދީފަ އެވެ.

މުޒާހަރާތައް މެދުކަނޑާލާފައި މިވަނީ، ލޯކަލް ކައުންސިލް އިންތިހާބުގައި އެ ގައުމުގެ އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ ލިބުމާއި ގުޅިގެންނެވެ.

ހޮންކޮންގަކީ ވަކި ގައުމެއް ނަމަވެސް އެއީ ޗައިނާ ސަރުކާރުގެ ނުފޫޒާއެކު ހިންގާ ގައުމެކެވެ. ހޮންގްކޮންގުގެ ލީޑަރު ކެރީ ލޭމް އަކީ ޗައިނާގެ ނުފޫޒާއެކު މަގާމަށް އައްޔަން ކޮށްފައިވާ ބޭފުޅެކެވެ. އިންތިހާބުގައި ލޭމްގެ ތާއީދާއެކު ވާދަކުރެއްވި ކެންޑިޑޭޓުން ބަލިވުމުގެ ސަބަބުން، ލޭމްގެ މަގާމު ގެއްލުމުގެ ފުރުސަތު ބޮޑެވެ.