ވިޔަފާރި

ބޮލީވުޑްގެ ތަރި ވިވެކްއާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރަން މަޝްވަރާކޮށްފި

Jun 10, 2019

ބޮލީވުޑްގެ ތަރި ވިވެކް އޮބެރޯއީއާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރަން ކުރެވިދާނެ ކަންކަމާމެދު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

މިދިޔަ މަހު ރިލީޒް ކުރި އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައޮގްރަފިކަލް ފިލްމުގައި މޯދީގެ ބައި ކުޅެފައިވާ ވިވެކް ރާއްޖެ އައިސްފައިވަނީ ޗުއްޓީ ހޭދަ ކުރުމަށެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން ގެންދަނީ އަދާރަންއިން އެންމެ ފަހުން ހުޅުވި ރ. ހެރިޓެންސް އާރަށުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ވިވެކްއާއެކު މިނިސްޓަރު ކުރިއަށް ގެންދެވި ބައްދަލުވުމުގައި އިންޑިއާގައި ރާއްޖެ ޕްރޮމޯޓް ކުރަންކުރެވޭނެ ކަންކަމާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އިންޑިއާގެ ފިލްމީ ސިނާއަތު ބޮލީވުޑްގެ ތަރިން ގިނަ އަދަދަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރެ އެވެ. އަދި އިންޑިއާއަކީ ރާއްޖެ އަށް އެންމެ ގިނަ އިން ޓޫރިސްޓުން އަންނަ ހަތް ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އެ ގައުމުން 48,876 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 25,023 މީހުންނާ އަޅާބަލާއިރު 7.6 ޕަސެންޓް އިތުރުވުމެކެވެ.