ހަބަރު

ދެ ކޮމިޓީއަކަށް މަޖިލީހުގެ ފަރާތުން މެންބަރުން އައްޔަނުކޮށްފި

Jun 10, 2019
3

ކްލެމެންސީ ބޯޑުގެ އިތުރުން މީހުން ޓްރެފިކް ކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ތިއްބަވާނެ މެންބަރުން މިއަދު ކަނޑައަޅައިފި އެވެ.

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑަށް މަޖިލީސް ތަމްސީލް ކުރާ ގޮތަށް މިއަދު ވޯޓުގައި ބައިވެރިވި 81 މެންބަރުން އިއްތިފާގުން އައްޔަނުކޮށްފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

އޭގެ އިތުރުން، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޓްރެފިކް ކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ނަން ވެސް ފާސްކޮށްފައިވަނީ މިއަދު ވޯޓުގައި ބައިވެރިވި 81 މެންބަރުން އިއްތިފާގުންނެވެ.

ކްލެމެންސީ ބޯޑަށް ނަން ހުށަހެޅުމުގެ ބަހުސްގައި އެއްވެސް މެންބަރަކު ވާހަކަ ދައްކަވާފައިނުވި ނަމަވެސް، ޓްރެފިކް ކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ޖީހާންގެ ނަން ހުށަހެޅުމުން އިދިކޮޅު ބައެއް މެންބަރުން ވަނީ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފަ އެވެ.

މަޖިލީހުގައި ވެސް މިހާރު ފެންނަނީ އާއިލީގޮތް ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލާއަށް ނިސްބަތްވާ ޖީހާން މަޖިލީހަށް އިންތިހާބުވެފައިވަނީ ފާއިތުވި 25 ވަރަކަށް އަހަރު ސޯލިހު ދިފާއުކު ރެއްވި ހިންނަވަރު ދާއިރާގެ ގޮނޑިއަށެވެ.

ޖީހާންއަކީ އެޗްއާރްސީއެމްގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅެކެވެ. އެޗްއާރްސީއެމްގެ މެމްބަރެއްގެ ހައިސިއްޔަތުން، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދިނުމުގައި ޖީހާން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން، މިއަދުގެ ބަހުސްގައި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގެވީ އާއިލީ ވެރިކަމެއް ކަމަށް ބުނެ އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދި އެމްޑީޕީ ވެސް އާއިލީ ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.