ހަބަރު

އެޗްއާރްސީއެމްގެ މެންބަރުން އިސްތިއުފާ ދޭން ގޮވާލައިފި

Jun 10, 2019
16

މިހާރުން މިހާރަށް ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) މެމްބަރުން އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުން މެންބަރު ވިސާމް ވިދާޅުވީ އިންސާނީ ކަރާމާތް ނަގާލައި، އިންސާނަކަށްވީތީ ލިބެންޖެހޭ ހައްގުތައް ރައްކާތެރިކުރުމުގައި އެޗްއާރްސީއެމް ގަސްދުގައި އިހުމާލުވެފައިވާ ކަމަށެވެ.

"ގަސްދުގައި އިހުމާލުވެފައިވާ ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރުން ހަމަ މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލަން،" ވިސާމް ވިދާޅުވި އެވެ.

މީގެ އިތުރުން އެޗްއާރްސީއެމުން ފާޑު ކިޔާފައިވާ ޖަލުގެ އޮޑިޓްގެ ރިޕޯޓްގައި ހިމެނޭ ކަންކަންމަށް އިޝާރާތް ކުރައްވާ ވިސާމް ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހާއަށް ވެސް އަމަލު ކުރަމުން އަންނަނީ ޖަލު ހުކުމެއް ތަންފީޒު ކުރަން ބަންދުކޮށްފައިވާ މީހާއާ އެއް އުސޫލަކުން ކަމަށާއި ހާއްސަކޮށް ދޫނިދޫ އާއި މާލޭ ޖަލު ފަދަ ތަންތަނުގައި ކުށްވެރިން ބަންދުކޮށްފައި ތިބެނީ ކެޓަގަރައިޒް ނުކޮށް ކަމަށެވެ.

ވިސާމް ވިދާޅުވީ ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ވޭތެވެދިޔަ ފަސް އަހަރު ޖަލުގައި ހިނގާފައިވާ މަރު ތަކުގެ އެއްވެސް މައުލޫމާތެއް ހިމަނާފައި ނުވާތީ އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި މޭޑޭގެ މުޒާހަރާ އާ ގުޅިގެން ހައްޔަރުކުރި އަބްދުﷲ ރަޝީދު ފަދައިން އިހުމާލާއި އަޅާނުލުގެ ސަބަބުން އާއިލާތަކާ ވަކިވެފައިވާ ކިތަންމެ ބަޔަކު އެބަތިބި ކަމަށެވެ.

"ކުށެއް ކޮށްގެން މީހަކު ބަންދުކުރުން ނުވަތަ ހުކުމެއް ކޮށްގެން ޖަލަށް ލުމަކީ އިންސާނަކަށް ވީތީ ލިބެންޖެހޭ ހައްގުން މަހުރޫމްވާންޖެހޭ، ސަބަބެއް ނޫން، އަދި އެއީ މިކަމުގައި ދެއްކެން އޮތް ހުއްޖަތެއް ވެސް ނޫން،" ވިސާމް ވިދާޅުވި އެވެ. "ޖަލުތަކުގައި ގައިދީންނަށް ބޭސް ފަރުވާ ކުރުމުގެ ނިޒާމު ހަރުދަނާކޮށް، މޫނަށް ކަދުރާއަކަށް ބެލުމެއް ނެތި ހަމަ ކޮންމެ ގައިދީއަކަށް ބޭސްފަރުވާ ކަށަވަރުވާންޖެހޭ. މިއީ ސިޔާސީ މަގުސަދެއްގައި ދައްކާ ވަރަށްވުރެ މުޖުތަމައުގެ މަސްލަހަތު ބޮޑު ކަމެއް،"