މިއީ ދިވެހި ކުންފުންޏަކަށް އޮޑިޓް ކުރުމުގެ "އޭ ކެޓަގަރީގެ ޕްރެކްޓިސިން" ސެޓްފިކެޓް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ހުއްދަ ލިބިފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ކުންފުނި ތަކަށެވެ. އެ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ މަޝްހޫރު ކޭޕީއެމްޖީ އާއި ޕްރައިސް ވޯޓާ ހައުސް ކޫޕާގެ އިތުރުން އާނަސްޓް އެންޑް ޔަންގް ފަދަ ކުންފުނިތަކެވެ.
އޮޑިޓް ކުރުމަށް "އޭ" ސެޓްފިކެޓް ލިބުނު އެމްޖޭ އެސޯސިއޭޓްސްގެ ސީނިޔަ ޕާޓްނާ ޑރ. އިބްރާހިމް މަހުފޫޒު ވިދާޅުވީ މިއީ މި ދާއިރާ އިން ރާއްޖެއަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ހުއްދަ ދިވެހި ކުންފުންޏަކަށް ލިބުމަކީ ރާއްޖޭން ބޭރުވާ ބޭރުފައިސާ މަދުވެގެން ދާނެ ކަމަށް ކަމަށެވެ.
"މީގެ ކުރިން އޭ ފާސް ލިބިފައިވަނީ ވަކިވަކި މީހުންނަށް. މީގެ ކުރިން ކުންފުނިތަކަށް ބީ ފާސް ލިބިފައި އެބަހުރި. އެކަމަކު މި ހުއްދަ ދިވެހި ކުންފުންޏަކަށް ލިބުނު މިއީ ފުރަތަމަ ފަހަރު،" އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަން ވެސް، ކުރެއްވި މަހުފޫޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ފާހަގަ ކުރެވޭ ކަމެއް ކަމަށެވެ.
"ރާއްޖެއަށް މިނިވަންކަން ލިބިގެން 50 އަހަރު ފާހަގަ ކުރާ އަހަރު ފާހަގަ ކުރެވޭ ކަމެއް މިއީ. މިއީ ބޮޑު ފަހުރެއް،" އޮޑިޓްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް އެއް ބޭފުޅާ ކަމަށްވާ، މަހުފޫޒު ވިދާޅުވި އެވެ.
ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ޖަމިއްޔާތައް އޮޑިޓް ކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުން ކޮންމެ އަހަރަކު ވެސް އެތަށް ހާސް ޑޮލަރެއް ރާއްޖޭން ބޭރަށް ގެންދެ އެވެ. ނަމަވެސް އޮޑިޓްކުރުމުގެ ހުއްދަ ދިވެހި ކުންފުންޏަކަށް ނުލިބެނީ "އޭ ކެޓަގަރީގެ ސެޓްފިކެޓް" ނުލިބިގެންނެވެ.