ހަބަރު

ފަނޑިޔާރުން ފިޔަވައި ޝަރުއީ އެހެން ކަންކަން ބެލުމުގެ ބާރު ޖުޑިޝަރީ ކޮމިޓީއަށް

ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންގެ ކަންކަން ފިޔަވައި ޝަރުއީ ދާއިރާއާ ގުޅުން ހުރި ކަންކަން ބެލެވޭ ގޮތަށް ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތައް ވަގުތީ ކޮމިޓީން ކަނޑައަޅއިފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހުވާކުރި އާ ރައްޔިތުންގެ މަޖިލީހުގައި ދާއިމީ އާ ފަސް ކޮމިޓީއެއް އެކުލަވައިލަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ޖުޑިޝަރީއަށް ހާއްސަ ކޮމިޓީއެއް ވެސް ހިމެނެ އެވެ. މީގެ ކުރިން ޖުޑިޝަރީގެ މުއައްސަސާތަކުގެ މައްސަލަތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބެލި ނަމަވެސް އެ ކަމަށް ވަކި ހާއްސަ ކޮމިޓީއެއް އެކުލަވަލައި ތަފުސީލުކޮށް އެކަމުގެ މަސްއޫލިއްޔަތުތައް ކަނޑައަޅާފައެއް ނުވެ އެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން އެކުލަވައިލި ވަގުތީ ކޮމިޓީން މިއަދު ބޭއްވި ބައްދަވުލުވުމުގައި ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތައް ވަނީ ކަނޑައަޅައިފަ އެވެ. އެ ގޮތުން ގާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ ޝަރުއީ މުއައްސަސާތަކުގެ މައްސަލަތައް ބެލުމުގެ މަސްއޫލިއްޔަތު ވަނީ ކޮމިޓީއަށް ދީފަ އެވެ. ނަމަވެސް އެއްވެސް ޝަރުއީ ކޯޓެއް އަދި ފަނޑިޔާރެއްގެ މައްސަލައެއް ނުބެލޭނެ އެވެ.

އެ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަން އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ކަންކަން ބެލުން ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިިމަނާފައި ވެއެވެ.

މި މުއައްސަސާތަކުގެ މެންބަރުން ޖަވާބުދާރީ ކުރުވުމާއި މުއައްސަސާތަކުގެ އަހަރީ ރިޕޯޓަށް މަޖިލީހަށް ހުށަހަޅާތޯ ބެލުމާއި އެ ރިޕޯޓު ދިރާސާ ކުރުން ވެސް ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ. މުއައްސަސާތަކާ ގުޅޭ ގޮތުން އާންމުންނާއި އެހެން ފަރާތްތަކުން ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް ބަލައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ލަފާ ދިނުން ވެސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މުއައްސަސާތަކަށް އައްޔަން ކުރާ ފަރާާތްތަކުގެ ތެރެއިން މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ފަރާތްތަކަށް ރުހުން ދިނުމުގެ ކުރިން ކުރަން ޖެހޭ ހުރިހާ ދިރާސާތަކުގެ މަސްއޫލިއްޔަތު ވެސް މަތިކޮށްފައި ވަނީ ޖުޑިޝަރީ ކޮމިޓީއަށެވެ. އެ ގޮތުން އެ ފަރާތްތައް އިންޓަވިއު ކުރުމުގެ ބާރު ވެސް ކޮމިޓީއަށް ވަނީ ދީފަ އެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާއާ ގުޅުން ހުރި ބލުތައް ދިރާސާކޮށް ފުރިހަމަ ކުރުމަށް މަޖިލީހަށް ރިއާޔަތް ކޮށްދިނުން ވެސް ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ވަގުތީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ޖުޑިޝަރީ ކޮމިޓީގެ އިތުރުން ހުރިހާ ކޮމިޓީއެއްގެ މަސްއޫލިއްޔަތުތައް ކަނޑައަޅައިފަ އެވެ. ވަގުތީ ކޮމިޓީން ދާއިމީ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅި ނަމަވެސް މަޖިލީހުގެ ތަޅުމުން އެ ކަމަށް ވަކި ގޮތެއް ނިންމަން ޖެހެ އެވެ. އެނގިފައިވާ ގޮތުގައި، މާދަމާ ބާއްވާ ޖަލްސާގައި މަޖިލީހުގެ ތަޅުމަށް ދާއިމީ ކޮމިޓީތަކުގެ ރިޕޯޓު ހުށަހަޅައި ވޯޓަށް އަހާނެ އެވެ.