ލައިފްސްޓައިލް

ދުވާލު ނިދަނީ ކައްނެތް މީހުނެއް ނޫން!

ދުވާލުގަޑީގައި ނިދުމަކީ ކަންނެއް މީހުންކޮށް އުޅޭ ކަމަކޭ ބުނާ އަޑު އަހަން ހެއްޔެވެ؟ އާއްމުކޮށް ދުވާލު ގަޑީގައި ކިރިޔާ ތާކު ޖައްސާލާ އިރަށް ބުޅަލެއް ނިދާހެން ނިދަނީއޭ ކިޔާ ދިމާކޮށް ވެސް ހަދައެވެ. މި ހުރިހާ ކަމަކަށް ދޭންވީ ބީރުކަންފަތެވެ. ދުވާލު ގަޑީ އިރުކޮޅަކަށް ޖައްސާލާ ނިދާލުން ނުވަތަ "ޕަވާ ނެޕް" އެއް ނަގައި ގައިގަ ވަރުބަލިކަން ފިލުވާލުމަކީ މީހާ ތާޒާ ވާނެ ކަމެއްކަން ޔަގީނެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މީހާ ތާޒާކޮށްލަން ކޮފީއެއް ވެސް ހަމަ ބަރާބަރެވެ. ކޮންމެހެން ނިދާކަށް ނުޖެހެ އެވެ. ނިދުން އެއީ ކަންނެއް މީހުންގެ ގޮތެކެވެ. އެހެންނަމަވެސް ފަހުގެ ދިރާސާތަށް ދައްކާ ގޮތުން ދުވާލުގަޑީގައި މި ނަގާ ޕަވާ ނެޕަކީ މީހާގެ ސިކުނޑި ތާޒާކޮށްލަން ކޮފީއަށްވުރެ ވެސް މާ ސަޅި ކަމެކެވެ. ދުވާލު ގަޑީގައި ކުޑަ ވަގުތުކޮޅަކަށް ޖައްސާލުމުން މީހާގެ ސިކުނޑީގެ ކަންކަން ދަސްކުރުމުގެ ކެޕޭސިޓީ އިތުރުވެ މީހާގެ ވިސްނުން ތަރައްގީ ކުރުމަށް ފުރުސަތު އޮވެ އެވެ. އަދި މީގެ އިތުރުން މީހާ ކަންކަމަށް ހުށިޔާރު ވުމަށް ވެސް ދުވާލުގަޑީ ޖައްސާލައި ޕަވަނެޕް އިން އެހީވެ ދެއެވެ.

ކާމިޔާބު މީހުން، މަލްޓި މިލިއަން ޑޮލަރުގެ މަލްޓިނޭޝަނަލް ކުންފުނިތަކުގެ ވެރިން ދިރިއުޅުން ބައްޓަންކޮށް ދުވަހުގެ ޝެޑިއުލް ރާވާލާފައި އޮންނަ ގޮތުން މި ނެޕަށް ވަގުތު ދެއެވެ. މީގެ އިތުރުން މުވައްޒަފުންގެ އުފެއްދުންތެރި އާ ހިޔާލުތައް ގެނައުމަށް އޮފީސްތަކުގައި ވެސް މުވައްޒަފުންނަށް ޕަވާ ނެޕެއް ނަގާލުމުގު ފުރުސަތު ހޯދައިދޭން ހާއްސަ ތަންތަން ހަމަޖައްސައި އެކަމަށް ހިތްވަރު ދެއެވެ.

ކުންފުނިތަކަށް ލިބޭ ކުރިއެރުމަކީ އެތަނެއްގެ މުވައްޒަފުން ކަމުގައި ދެކި އެ މުވައްޒަފުންގެ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ފުރުސަތުތަށް ފަހިކޮށް ދެއެވެ.

ދުވާލުގަޑީގައި ޖައްސާލާ ސިކުނޑި ރީފްރެޝް ކޮށްލުމުން މީހާގެ ހަށިގަނޑު ރިލެކްސްޑް ސްޓޭޓަކަށް ފޮނުވާލާ ދުވަހުގައި އޮންނަ ސްޓްރެސް އިންވެސް ދުރުކޮށް ދެއެވެ. ހަށިގަނޑަށް އައިސްފައި ހުންނަ ލޮޑުކަމާއި ވަރުބަލިކަން ފިލުވާލަން ކޮފީތައްޓަކާއި ދިމާލަށް ދިއުމުގެ ބަދަލުގައި ނިދާލަންވީ އެވެ. ރަނގަޅަށް ޕަވާ ނެޕެއް ނަގަން ބޭޏުންނަމަ ކުރަންވީ ބައެއް ކަންކަން ވެސް އެބަހުއްޓެވެ.

އެންމެ ފުރަތަމަ ކަމަކަށް ތަނެއްގައި ޖައްސާލައި ނިދާލުމަށް އެންމެ ރަނގަޅު ވަގުތު ހޯދާށެވެ. ރޭގަނޑު މާ ދަންވަންދެން ހޭލާ ނުހުންނަ ނަމަ ޕަވާ ނެޕެއް ނަގަން އެންމެ ރަނގަޅީ ދުވަހުގެ މެދުގައި ނުވަތަ މެންދުރު 1:00 އިން 3:00 އަކާއި ދެމެދު އެވެ.

މިއީ ހަށިގަނޑު މެލަޓޯނިން ނަމަކަށް ކިޔާ ހޯމޯނެއް މަތިވުވުމުގެ ސަބަބުން މީހާގެ ހަކަތަ މަދުވާ ވަގުތެއް ކަމުގައި ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެހެން ކަމުން މި ގަޑިއަށް ނެޕް ޝެޑިއުލް ކުރުން ބުއްދިވެރި އެވެ. މި ވަގުތު ނިދަން އުނދަގޫ ނަމަ ޕަވާ ނެޕެއް ނެގުމަށް އެންމެ ރަނގަޅީ ރޭގަނޑުގެ ނިދީގެ ތިން ގަޑި އިރު ކުރިއަށެވެ. ރޭގަނޑުގެ ނިންޖާއި މާ ކައިރިކޮށް ޕަވާ ނެޕެއް ޝެޑިއުލް ކުރުމުން އެންމެ މުހިއްމު ކަމެއް ދޭން މިޖެހޭ ރޭގަނޑުގެ އަރާމު ނިދީ ހޯދަން ދަތިވެދާނެ އެވެ.

ދުވާލުގަޑީގައި ވަރުބަލިކަން ފިލުވާލައި ޕަވަނެޕަކަށް ދާނަމަ 30 މިނެޓަށްވުރެ ގިނަ ނުކުރުން ވެސް ރަނގަޅެވެ.

މީހާ ތާޒާވެލުމަށް ކޮފީއަށްވުރެ ނިދި ރަނގަޅުކަމަށް ތަޖުރިބާކާރުން އެއްބަސްވާއިރު އަނެއްބަޔަކު ބުނަނީ ކޮފީއެއް ބޯލައިގެން ނިދި ހޯދުމުން އަދި މާ ސަޅި ކަމަށެވެ. މިއަށް އާއްމުކޮށް "ކެފެއިންނެޕް" ނުވަތަ "ނެޕެޗީނޯ" ކިޔައި އުޅެއެވެ. ދިވެހިބަހުން މިއަށް ކިޔަން ރަނގަޅު ބަހެއް ހޯދުމާއި ގުޅޭގޮތުން ފަހުން ބަހުސެއް ބާއްވަންވީއެވެ.