ސްރީލަންކާ

ލަންކާގެ މެޗު ފީފާއިން ކެންސަލް ކޮށްފި

ވޯލްޑް ކަޕު ކޮލިފިކޭޝަންގެ ޕްރިލިމިނަރީ ބުރުގައި، އަވަށްޓެރި ޝުރީލަންކާ އާއި މަކޯއޯ މިއަދު ކުޅެން ހަމަޖެހިފައިވާ މެޗު ފީފާއިން ކެންސަލް ކޮށްފި އެވެ.

ފީފާއިން މެޗު ކެންސަލް ކުރީ، މިދިޔަ އޭޕްރީލް މަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ ގައުމުގެ ގެ ހާލަތާ މެދު ޔަގީން ކަން ނެތް ކަމަށް ބުނެ ލަންކާއަށް ދަތުރު ކުރެވެން ނެތް ކަމަށް މަކޯއޯ އިން ފީފާއަށް އެންގުމުންނެވެ.

ކުރިން މަކޯއޯ އިން ވަނީ، މިއަދު ކުޅެން ހަމަޖެހިފައިވާ ދެ ވަނަ ލެގް މެޗު އެހެން ގައުމެއްގައި ކުޅެން ހުށަހަޅާފަ އެވެ. އެހެންނަމަވެސް، ލަންކާގެ ފުޓްބޯލް ފެޑްރޭޝަނުން ބުނެފައި ވަނީ، ލަންކާގެ ހާތަލަތު އާދައިގެ ލެވަލަކަށް އަތުވެއްޖެ ކަމަށާއި މެޗު ލަންކާގައި ކުޅެވޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ލަންކާގެ ފެޑްރޭޝަނުން ބުނީ، މެޗާ ގުޅިގެން ސަލާމަތީ ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

"އަހަރެމެން ބޭނުންވޭ ލަންކާގެ ހާލަތު އާދައިގެ މިންވަރަކަށް އަތުވެއްޖެ ކަން ހާމަކޮށްދޭން،" ލަންކާގެ ފުޓްބޯލް ފެޑްރޭޝަނުން ބުނެފައި ވެއެވެ. "ބައިނަލްއަގްވާމީ ކޮންމެ އިވެންޓެއްވެސް ބޭއްވުމުގައި ލަންކާގެ ހުރިހާ ކޮމިޔުނިޓީއެއް ތިބީ އެކުއެކީގައި."

މަކާއޯގައި ކުޅުނު ފުރަތަމަ ލެގް މެޗު މަކޯއިން ކާމިޔާބު ކުރީ، 1-0 ންނެވެ. ލަންކާގެ މެޗު އަލުން ކުޅޭނެ ތާރީހެއް ފީފާއިން އިއުލާން ކޮށްފައެއް ނުވެ އެވެ.

މިއަދު ކުޅޭ މެޗުތަކަށް ފަހު، ކޮލިފިކޭޝަން ބުރުގައި ވާދަ ކުރާ ޓީމުތައް އެނގިގެން ދާނެ އެވެ.