ވީއޭއެމް

ތިންވަނަ މެޗުގައި ނޭޕާލް އަތުންވެސް ރާއްޖެ ބަލިވެއްޖެ

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން އިންތިޒާމުކޮށްގެން ސްރީލަންކާގެ ކޮލޮމްބޯގައި ކުރިއަށްދާ 20 އަހަރުން ދަށުގެ ފިރިހެން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުންވެސް ބަލިވެއްޖެ އެވެ.

އިއްޔެ ކުޅުނު މެޗުގައި ރާއްޖެ ވާދަކުރީ ނޭޕާލްގެ ޓީމާ ދެކޮޅަށެވެ.

މި މެޗު ނިމުނީ ނޭޕާލްގެ ޓީމު ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު ނަމަވެސް ފަހު ދެ ސެޓުގައި ރާއްޖޭގެ ޒުވާން ޓީމުން ކުޅުން ރަނގަޅު ކުރި އެވެ. ނަމަވެސް ނޭޕާލްގެ އަތުން ސެޓެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

މެޗުގެ ސްކޯ:

  • ފުރަތަމަ ސެޓު: 25-5 (ނޭޕާލް)
  • ދެވަނަ ސެޓު: 25-12 (ނޭޕާލް)
  • ތިންވަނަ ސެޓު: 25-20 (ނޭޕާލް(

ފުރަތަމަ ސެޓުގައި ނޭޕާލްގެ ޓީމުން ފަށައިގަތުމާއެކު ރާއްޖޭގެ ޓީމުގެ މައްޗަށް ލީޑު ނަގައި، ބޮޑު ތަފާތަކުން މި ސެޓު ކާމިޔާބު ކުރި އެވެ. ދެވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިން ކުޅުން ރަނގަޅުކޮށް، ނޭޕާލަށް ޕްރެޝަރު ދިނުމަށް މަސައްކަތްކުރި ނަމަވެސް މި ސެޓުވެސް ނޭޕާލުން ކާމިޔާބުކުރި އެވެ. ތިންވަނަ ސެޓުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ނޭޕާލަށް މެޗު ކާމިޔާބުކުރުމަށް ހުރަސްއެޅޭ ވަރަށް ނުކުރެވުނެވެ.

މި މުބާރާތުގައި ރާއްޖެއިން ދެން ކުޅޭނީ އުޒްބަކިސްތާނާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ލަންކާ ގަޑިން މެންދުރުފަހު 2:00 ގައެވެ.