ވީއޭއެމް

ލަންކާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ

ކޮލޮމްބޯގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި ދިވެހިރާއްޖޭގެ ޒުވާން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ދެވަނަ މެޗުގައި މުބާރާތް ބާއްވާ ސްރީ ލަންކާ އަތުން ބަލިވެއްޖެ އެވެ.

ރޭ ކުރިއަށްދިޔަ މި މެޗުގައި ދިވެހިރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސްކޯރަކީ 25-14، 25-14، 25-11 އެވެ. މިއީ މުބާރާތުގައި ދިވެހިރާއްޖެއިން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ދިވެހިރާއްޖެ ވަނީ ތުރުކުމެނިސްތާން އަތުންވެސް ބަލިވެފަ އެވެ.

މުބާރާތުގައި ހަ ގައުމެއް ވާދަކުރާއިރު މިހާތަނަށް ކުޅުނު ދެ މެޗުންވެސް ދިވެހިރާއްޖެއަށް ޕޮއިންޓެއް ނުލިބި، މިވަގުތު ވަނީ ތާވަލުގެ އެންމެ ފަހަތުގަ އެވެ. މުބާރާތުގެ ޕޮއިންޓް ތާވަލުގައި މިވަގުތު އެއްވަނައިގައި އޮތީ ތުރުކުމެނިސްތާނެވެ. ދެވަނައިގައި އޮތީ އުޒްބެކިސްތާނެވެ.

މުބާރާތް ނިމޭނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ލީގު މަރުހަލާގައި އެއްވަނަ އަދި ދެވަނަ ހޯދާ ދެ ޓީމެވެ.