ހަބަރު

ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފަށައިފި

މި ސަރުކާރުން ގެނައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ރާއްޖޭގައި ހުރި ހުރިހާ ސަރުކާރު ސްކޫލެއްގައި މިއަދު ފަށައިފި އެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދަން އެޑިއުކޭޝަން މިނިސްޓްރީން މި އަހަރުގެ ފުރަތަމަ ޓާމުގައި ވަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި 25 ސްކޫލެއްގައި ނާސްތާ ފަށާފަ އެވެ.

އަޖުމަ ބަލަން ފެށި އެ ޕްރޮގްރާމަށް ފަހު، ބާކީ 188 ސްކޫލާއެކު މިއަދުން ފެށިގެން 203 ސްކޫލްގައި މިހާރު ހެނދުނު ނާސްތާ ދަރިވަރުންނަށް ލިބޭނެ އެވެ. އެއީ ޖުމުލަ 57816 ދަރިވަރުންނަށެެވެ.

ހުރިހާ ސްކޫލެއްގައި ހެނދުނު ނާސްތާ ދިނުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ހެނދުނު މާލޭގެ ތާޖުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ހެނދުނު ކިޔަވަން ފަށާ ކުދިންގެ ސިކުނޑިތައް ރަނގަޅަށް ހުޅުވާލުމަށްޓަކައި ހެނދުނުގެ ނާސްތާ ލިބުން ވަރަށް މުހިއްމު ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ކަމެއް ވެސް ރަނގަޅަށް ފަށައިފިނަމަ ލިބޭ ނަތީޖާ ރަނގަޅުވާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވީ މިއަދަކީ ރާއްޖޭގެ މަދަރުސީ ހަޔާތުގައި ވަރަށް މުހިއްމު ދުވަހެއް ކަމަށެވެ.

އެކަމަނާ ވިދާޅުވީ ރައީސް ސޯލިހުގެ ރިޔާސީ ވައުދު ތަންފީޒު ކުރަން ފެށި، މިއަދުން ފެށިގެން ދަރިވަރުން ހުސް ބަނޑާ ތިބުން ނިމުމަކަށް އައީ ކަމަށެވެ. މިދިޔަ ޓާމުގައި ހިންގި ޕައިލެޓް ޕްރޮގްރާމްގެ ނަތީޖާއިން ހެނދުނުގެ ނާސްތާއެއް ދަރިވަރުންނަށް ދޭން ފެށުމުން ކުދިންގެ ދުޅަހެޔޮ ކަމަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

"އެ ޕްރޮގްރާމުގެ ނަތީޖާ ދައްކާ ގޮތުން ނާސްތާގެ ސަބަބުން ދަރިވަރުން ފިލާވަޅަށް ދޭ ސަމާލުކަން ވަނީ އިތުރުވެފަ. ސްކޫލަށް ގަޑިެޖހިގެން އަންނަ ދަރިވަރުން ވަނީ މަދުވެފައި. އެސެމްބްލީގައި އަނބުރާ ގަނެގެން ވެއްޓޭ ކުދިންގެ އަދަދު ވަނީ މަދުވެފަ. އަދި ބަނޑާއި ބޮލުގައި ރިއްސާތީ ހެލްތު ރޫމަށް ދާ ކުދިންގެ އަދަދު ވެސް ވަނީ މަދުވެފައި" މިނިސްޓަރު ވިދާޅުވި އެވެ.

ނާސްތާ ޕްރޮގްރާމަށް މި އަހަރުގެ ބަޖެޓުގައި 123 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.