ޑރ. އައިޝަތު އަލީ

ނާސްތާ ޕްރޮގްރާމާއެކު ކުދިންގެ ދުޅަހެޔޮކަން އިތުރުވި: މިނިސްޓަރު

މިދިޔަ ޓާމްގައި އަޖުމަ ބަލައިލުމުގެ ގޮތުން 25 ސްކޫލެއްގައި ހިންގި ހެނދުނުގެ ނާސްތާ ޕްރޮގްރާމާއެކު އެ ސްކޫލްތަކުގެ ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމާއެކު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މިއަދު ވަނީ ރާއްޖޭގައި ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގައި ހެނދުނު ނާސްތާ ދޭން ފަށައިފަ އެވެ.

ހުރިހާ ސްކޫލެއްގައި ހެނދުނު ނާސްތާ ދިނުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ހެނދުނު މާލޭގެ ތާޖުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މިއަދަކީ ރާއްޖޭގެ މަދަރުސީ ތާރީހުގައި ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ.

"މިއަދަކީ ހުސް ބަނޑާ ހާންތިކަމާއެކު ދަރިވަރުން ކިޔަވަން އަންނަ އައުން ނިމޭ ދުވަސް. މި ކަން މި ކުރަނީ ތިޔަ ކުދިންގެ ކިޔެވުމަށާއި ތައުލީމަށާއި އަހުލާގާއި ތަރބިއްޔަތާއި ހެދި ބޮޑުވުމަށް ހެޔޮ އަސަރުތަކެއް ކުރާނެކަން ޔަގީންވާތީ." އެކަމަނާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ މިދިޔަ ޓާމުގައި ހިންގި ޕައިލެޓް ޕްރޮގްރާމްގެ ނަތީޖާއިން އެނގުނު ގޮތުގައި ހެނދުނުގެ ނާސްތާއެއް ދަރިވަރުންނަށް ދޭން ފެށުމުން ކުދިންގެ ދުޅަހެޔޮ ކަމަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށެވެ.

"އެ ޕްރޮގްރާމްގެ ނަތިޖާ ދައްކާ ގޮތުން ދަރިވަރުން ފިލާވަޅަށް ދޭ ސަމާލުކަން ވަނީ އިތުރުވެފަ. ސްކޫލަށް ގަޑިޖެހިގެން އަންނަ ކުދިން ވަނީ މަދުވެފަ. އެސެމްބްލީގައި އަނބުރާ ގަނެގެން ވެއްޓޭ ކުދިން ވަނީ ދަށްވެފަ. އަދި ބަނޑުގައާއި ބޮލުގައި ރިއްސައިގެން ހެލްތު ރޫމަށް ދާ ކުދިން ވެސް ވަނީ މަދުވެފަ." މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ މި ކަމުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި ދަރިވަރުންނަށް ނޫން ކަމަށާއި އިގްތިސޯދީ ގޮތުން ވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އެ ގޮތުން ދަނޑުވެރިކަމާއި ވިޔަފާރިއަށް ހެޔޮ އަސަރުތަކެއްކޮށް ރާއްޖޭގައި ދައުރުވާ ފައިސާ އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.