ކުޅިވަރު

ޒަޔާންގެ ކުލަބުން މޮރިޝަސް މުބާރާތު ވާދަ ކުރަނީ

މިދިޔަ އަހަރު ފަހު ކޮޅު ބޭއްވި މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި ގައުމީ ޓީމު ތަމްސީލު ކުރަން ފުރުސަތު ނުލިބުނު، ބެޑްމިންޓަން ތަރި ޒަޔާން ޝަހީދު ޒަކީ، ކުލަބެއް އުފައްދައި އަމިއްލައަށް މުބާރާތުގައި ވާދަ ކުރަން މޮރިޝަސްއަށް ހިނގައްޖެ އެވެ.

ގައުމީ ޓީމުން ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ، ޒަޔާން ވަނީ އޭޕްރީލް މަހު ގައުމީ ޓީމުން ވަކި ވެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ރިވައިވަލް ސްޕޯޓްސްގެ ނަމުގައި ކުލަބެއް އުފައްދާފަ އެވެ.

މޮރިޝަސް އިންޓަނޭޝަނަލް މުބާރާތުގައި، ރިވައިވަލް ސްޕޯޓްސްއިން މުބާރާތުގައި ވާދަ ކުރާނީ ޒަޔާންގެ އިތުރުން، ރިޝްވާން ޝިޔާމް އެވެ. ދެ ކުޅުންތެރިންވެސް މެން ސިންގަލްސް އާއި ޑަބަލްސްގައި ވާދަ ކުރާނެ އެވެ.

މެން ސިންގަލްސް ޒަޔާން ވާދަ ކުރާނީ، މެން ސިންގަލްސް މެއިން ޑްރޯއިން ފެށިގެންނެވެ. ރިޝްވާން ވާދަ ކުރާނީ މެން ސިންގަލްސްގެ ކޮލިފިކޭޝަނުން ފެށިގެންނެވެ. އަދި ޑަބަލްސް ކެޓަގަރީގައި ދެ ކުޅުންތެރިން ވާދަ ކުރާނީ މެއިން ޑްރޯއިން ފެށިގެންނެވެ.

ދުނިޔޭގެ ބެޑްމިންޓަން ފެޑްރޭޝަނުން ބާއްވާ، މި މުބާރާތުގައި މިއަހަރުވެސް ގައުމީ ޓީމުން ވާދަ ކުރެ އެވެ. ގައުމީ ޓީމުން ވަނީ މުބާރާތުގައި ވާދަ ކުރަން މޮރިޝަސްއަށް ފުރާފަ އެވެ.