އިމިގްރޭޝަން

ދިއްދޫގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފި

ހއ. އަތޮޅުގައި މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ދިނުމަށްޓަކައި އެ އަތޮޅުގެ ވެރިރަށް ދިއްދޫގައި މިއަދު އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފި އެވެ.

މިއީ އަތޮޅުތަކުގެ ރަށެއްގައި ހުޅުވި އިމިގްރޭޝަންގެ ހަތަރުވަނަ އޮފީހެވެ. މި އޮފީސް ހުޅުވައި ދެއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު އާއި އިމިގިރޭޝަން ކޮންޓޮރޯލާ މުހައްމަދު އަހުމަދު ހުސެއިނެވެ. އެ އޮފީހުން މިހާރު ޕާސްޕޯޓަށް ހުށަހެޅުމުގެ ހިދުމަތާއި، ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ލިބެން ހުންނާނެ އެވެ.

ދިއދޫގައި އިމިގްރޭޝަންގެ އޮފީސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، އިމިގިރޭޝަން ކޮންޓޮރޯލާ ވަނީ އެރަށުން ފުރަތަމަ ޕާސްޕޯޓް ދޫކޮށްފަ އެވެ.

ދިއްދޫގައި އިމިގްރޭޝަންގެ އޮފީހެއް ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިދިޔަ މަހު އެވެ.