އަމިއްލަވަންތަކަން ގެއްލި، އިންޑިއާގެ އަޅުވެތިކަމާ ދިމާއަށް ދިވެހިރާއްޖެ ދަތުރުކުރަމުންދާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު އޭނާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަދު ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އުފެދޭ ކޮންމެ ފަހަރަކު އިންޑިއާގެ ކުންފުނިތަކަށް ގައުމުގެ ބިންތަކާއި މުދާތަކާއި ދައުލަތުގެ މަސައްކަތްތައް ހަވާލުކުރާ ކަމަށެވެ. ދިވެހި ކުންފުނިތަކަށް މި މަސައްކަތްތައް ހަވާލު ކުރުމުގެ ބަދަލުގައި އިންޑިއާގެ ކުންފުނިތަކަށް ހަވާލުކުރާ މަގުސަދާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.
ދެހާސް އަށް ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ގިނަ މަޝްރޫއުތަކެއް ހިންގަން އިންޑިއާގެ ކުންފުނިތަކާ ހަވާލުކުރި އެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން ޖީއެމްއާރަށް ހަވާލުކުރުމާއި މާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ޓާޓާ ކުންފުންޏަށް ހަވާލުކުރުން ހިމެނެ އެވެ. އެމްޑީޕީ ސަރުކާރުގެ މި ނިންމުންތަކާ ގުޅިގެން އެއިރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވި އެވެ.
އުމަރު ވަނީ އެ ވާހަކަތައް ތަކުރާރު ކުރައްވާފަ އެވެ. އަދި އެމްޑީޕީ އިސްވެ އޮވެ މިހާރު އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވެސް ގިނަ މަސައްކަތްތައް ކުރުމުގައި އިންޑިއާއަށް ބާރޯސާވާ ކަމަށް ވިދާޅުވެ އުމަރު ވަނީ އެމްޑީޕީއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެފަ އެވެ. އަދި އެ ވިސްނުން ބަދަލު ކުރުމަށް އޭނާ ގޮވާލެއްވި އެވެ.
"އަބަދު އިންޑިއާގެ ގޮނޑި ކޮއްކޮއަކަށްވެގެން އެ މީހުން ފައިދަށުގަ އޮތުމުގެ ވިސްނުން އެމްޑީޕީން މި ގެންގުޅެނީ ކީއްވެގެންތޯ. އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ގައުމެއްގެ ގޮތުގައި ހިނގުމުގެ ވިސްނުން އެމްޑީޕީން ގެންގުޅެން ވެއްޖެ." އުމަރު ނަސީރު ވިދާޅުވި އެވެ.
މި ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން ގައުމުގެ އަމިއްލަތަކާއި މިނިވަންކަން ގެއްލި ދައުލަތުގެ ވިޔަފާރިތައް ފުނޑުފުނޑުވެގެން ގޮސްފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެ ދަތުރުކުރަމުން މި ދަނީ އިންޑިއާގެ އަޅުވެތިކަމާ ދިމާއަށް ކަމަށެވެ.