ވިޔަފާރި

ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބުން އޭޕްރީލް 1 އިން ފެށިގެން ހުއްޓުވަނީ

Dec 30, 2014
2

ފިހާރަތަކާއި ސައި ހޮޓާތަކާއި ކެފޭ އާއި ރެސްޓޯރަންޓް އަދި ކެންޓީނު ފަދަ ތަންތަނުގައި ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބުން އަންނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުއްޓުވާނެ ކަމަށް މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު "އަވަސް" އަށް ވިދާޅުވީ ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބުން ހުއްޓުވުމުގެ ގޮތުން އެފަދަ ވަޒީފާތަކަށް ބިދޭސީން ގެނައުމަށް ކޯޓާ ދިނުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލާނެ ކަމަށެވެ. އަދި ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު މި ނިންމުމާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބުމަކީ މިނިސްޓްރީ އަށް އަބަދުވެސް ޝަކުވާ ލިވޭ ކަމެއް. މިގޮތަށް ނިންމީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ވެސް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ގެންގުޅުމަކީ ކުރިންސުރެ ވެސް މަނާކޮށްފައި އޮންނަ ކަމަކަށް ވިޔަސް ވަރަށް ގިނަ ތަންތަނުގައި ކޭޝިއަރުންގެ ގޮތުގައި ތިބެނީ ބިދޭސީންނެވެ. ޓްރޭޑް މިނިސްޓަރު ސައީދު ވިދާޅުވީ ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ގެންގުޅުމުގެ މައްސަލާގައި މިނިސްޓްރީ އަށް ވަރަށް ގިނައިން ޝަކުވާ ލިބޭ ކަމަށެވެ. އަދި މި ފިޔަވަޅު އަޅަން ނިންމީ އާންމުންގެ ޝަކުވާ ލިބެމުން ދާތީ އާއި ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށްދިނުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.