(9 ޖޫން 2019 އާ ގުޅޭ)
"އީޝަލް!... ތެދުވޭ އީޝަލް!... މީ ތިހެން އޮންނަންވީ ވަގުތެއްނޫން" ލުގަލްބަންދާ ގޮވާލިއެވެ.
އީޝަލްއާ ހަމައަށް ލުގަލްބަންދާގެ އަޑު ނުފޯރާކަން އޭނާއަށް އެނގެއެވެ. އެކަމަކު އެއީ ވަގުތީ ދުރުކަމެއްކަން ޚުދު ލުގަލްބަންދާއަށް އެނގެއެވެ. އޭނާގެ ގައިގާ ވަރުޖެހި، އެންމެންގެ ކުރިމައްޗަށް ނުކުންނަންއިރު އޭނާ ޚިޔާރުކުރާ ސިފައަށް ބަދަލުވެވުމުން ހުރިހާ ކަމެއް ބަދަލުވާނެއެވެ. ހޭނުލެވި ފުންނިންޖަކަށް ޣަރަޤުވަމުންދާ އީޝަލްގެ ރޫހު އޭނާ ސަލާމަތްކުރާނެއެވެ. އަދި އޭރުން ހިތްދަތިވެގެންވި ހަޤީޤަތުގެ ތެރެއަށް އޭނާ އެނބުރި އަންނާނެކަން ލުގަލްބަންދާއަށް ޔަގީންވެއެވެ.
* * * * *
"ބޭރީތު!... ޒަގަން އެނބުރި އައިފަހުން ކަލޭ ފެންނަނީ ބޮޑު ފިކުރެއް ކުރާތީ، މިތަނަށް ކަލޭ ވަންނަލެއް ވެސް ގިނަވެއްޖެ" ބޭރީތުގެ ހަރަކާތްތަކަށް ބަލަން ހުރި ލާވީ ބުނެލިއެވެ. އެހިނދު ކުރިމަތިން ކަނޑުގެ ލޮނުގަނޑުގެ ތެރެއިން އަލިފާންކުލައިން ދިއްލާލައިފައި ތިބެ ލަސްހަރަކާތުގައިވާ ގިންނޯށިތަކާ ބޭރީތު ނަޒަރު ވަކިކޮށްލައި ލާވީއަށް ބަލާލިއެވެ. ހިމޭންކަން އެކުލެވިފައިވި މަޢުނަވީ ބެލުމަކުންނެވެ. ބޭރީތުގެ ލޯ ހުއްޓިފައި ހުރުން ދިގުލުމުން ލާވީ އިސްޖަހާލީއެވެ.
"އަހަރެންނަށް އެނގެން ނުޖެހޭ ކަމަކާ ސުވާލު ކުރެވުނީތަ؟" އިސްޖަހާލައިގެން ހުރެ ލާވީ އެއްސެވެ.
"އެހެނެއްނޫން" މަޑުމަޑުން ބޭރީތު ބުންޏެވެ. އަދި ދެއަތް އުރާލައިގެން ހުރެ އޭނާ ހިނގައިގަތީ އެތެރެއަށެވެ. އޭނާ އައިސް މަޑުކޮށްލީ ފައްވާރުގެ މެދުގައި ހުރި ރަނުން ގިރިޓީ ކޮށްފައިވާ ބުދާ ކުރިމަތިވާނޭ ހެންނެވެ.
"އެ ދެމައިން ވެސް އަހަރެންނާ ވަކިވެއްޖެ، ޖިލައްޔާ ވަކިވުމުން އަހަރެންނަށް ލިބުނު ހިތްދަތިކަމުން އަރައިގަތުމަށް ހިތްވަރަކަށްވީ އޭނާ ދޫކޮށްދިޔަ ދަރިފުޅު... ލާވީ! ރައުލް އަހަރެންނާ ވަކިވެއްޖެހެން އިޙްސާސެއްނުވޭ، އެކުއްޖާ މަރެއްނުވެޔޭ ހީވާ ކަހަލަ... އެ ޚިޔާލުން އަހަރެންނަށް ޒަގަންގެ މައްޗަށް ވަހުމް އުފެދޭގޮތް ވެއްޖެ... ބައެއްފަހަރަށް ޒަގަން ކަމެއް ސިއްރުކުރެވޭ ވެސް ހީވޭ، އެހެންވެ އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަލުމަށް ޖާސޫސުން ބައިތިއްބީ، އެ ދެބެން ކުރިމަތިލާން އަހަރެން ބޭނުންވިޔަސް، ރައުލްގެ ހުނަރާމެދު އަހަރެން އަބަދުވެސް ފަޚުރުވެރިވަން، އޭނާއަކީ އަހަރެންގެ ދަރީންގެ ތެރެއިން ވިސްނުންތޫނު ހުސިޔާރު ކުޅަދާނަ ފަހުލަވާނެއް... ތެދަށް ބުނަންޏާ ރައުލްގެ ވަކިވުން އަހަރެންނަށް ޤަބޫލުކުރަން ދަތިވަނީ، ފަހަރެއްގައި އެއީ ހަޤީޤަތައްވުން ވެސް އެކަށީގެންވޭ، ލާވީ!... މި ހުރިހާ ތަނަވަސްކަމަކާއި ބާރާއެކު ވެސް އަހަރެންގެ ދިރިއުޅުމަށް އެކަނިވެރިކަމުގެ ހިޔަނި އެޅިއްޖެހެން ހީވަނީ، އެހެންވެ ކަންނޭނގެ މިތަނަށް މިހާ ގިނައިން މިވަދެވެނީ، ކުރިމަތީ މިހުރީ ޖިލައްޔާ ނޫންކަން ވެސް އެނގޭ، އެހެންވިޔަސް ހިތުގައިވި އުދާސްތަކާ ގުޅިފައިވި ރުޅި ބޭރުކޮށްލެވެނީ މި ސޫރައަށް" ބުދަށް ހުއްޓިފައި ހުރި ބޭރީތުގެ ނަޒަރު ލަސްލަހުން ލާވީއަށް ދަތުރުކޮށްލިއެވެ.
"ތިކަމުގައި ބޭރީތަށް އަރުވާނޭ ލަފައެއް އަހަރެންގެ އަތަކުނުވޭ، ޚުދު އަހަރެން ވެސް މިވަނީ ހާސްކަމެއްގައި... ރާވިންއަށް ރަނގަޅަށް ހޭއެރުމުން އޭނާ ކަންތައްކުރާނޭ ގޮތެއް ނޭނގޭތީ، ޔާފިއާއާ އޭނާ ކައިވެނި ކުރެވުނުތަން އަހަރެން ދުށީން، އެންމެން ވަކިވެ ހިނގައްޖެކަން އެނގުނަސް، ޔާފިއާ އެމީހުންގެ ގާތުގައި ގަދަވެ ސަލާމަތުން އެބަހުރިކަން އެނގުމުން އޭނާ ހޯދަން ރާވިން ދާނޭކަން އެނގޭ.... އެހެން... އެހެންވެއްޖެނަމަ... އަނެއްކާވެސް އެ ދަރިފުޅު އަހަރެންނަށް ގެއްލުނީ، އެމީހުން އެ ދެކުދީން އެނބުރި އަޔަކަށް ނުދޭނޭ ހިތަށް އަރަނީ، އަނެއްކޮޅުން ރައުލްދެކެ އޭނާ ލޯބިވާވަރު އަހަރެންނަށް އެނގޭ، އޭނާ ވަކިވެގެން ހިނގައްޖެކަން އެނގުމުން އެކަމުގެ ބަދަލު ޒަގަންގެ ފުށުން ހިފަން އޭނާ ތެޅިގެންފާނެތީ ވެސް އަހަރެންގެ ބުއްދި ގޯސްވާވަރުވޭ" ލާވީ ބުންޏެވެ.
"އާން!... ކަލޭގެ ދަރިއަކީ ފަހަތައް ޖެހޭނޭ ޒުވާނެއްނޫން، އޭނާ ރައުލްއަށް ޓަކައި ފުރާނަ ޤުރުބާންކުރަން ޖެހުނަސް އެކަން ކުރާނޭކަން ޔަގީންވޭ، އަހަރެންގެ ރުހުން އެކުއްޖާ ހޯދީ އެފަދައިން.... ލާވީ!... އިތުރަށް މަޑުނުކޮށް އީޝަލް ބަލައި ޒަގަން ފޮނުވަންވީތަ؟ އޭނާ އަންނައިރު ޔާފިއާ ގެނައުން ކިހިނެއްވާނެ؟، ޔާފިޔާ އައުމުން ރާވިންއާއި ޒަގަންގެ ދެމެދުގައި އޮތް ދެކޮޅުވެރިކަން ހޫނުނުވެ އެކަން ހިނދިގެން ދިއުމަށް ޔާފިއާ މެދުވެރިއަކަށް ވެދާނެ، ކަލޭގެ ޚިޔާލު ބުނެބަލަ" ފައްވާރުގެ ވަށައިގެންވީ ފާރުބުރި މަތީ ބޭރީތު އިށީނެވެ. އޭނާގެ ދެ ފަރާތުން ފާރުބުރީގައި ދެއަތްތިލަ ވިއްދާލިއެވެ.
"ތިހެން ބުނުމުން ލަސްނުކޮށް ދިއުން އެއީ ރަނގަޅު ޚިޔާލެއްކަމަށް ފެނޭ، އެކަމަކު ބޭރީތު.... އެމީހުންގެ މީސްކޮޅު މަދުއިރު ވެސް ޒަގަންއާއެކު ދިޔަ ހުރިހާ ހަނގުރާމަވެރީންގެ ދުވަސް އެ މީހުން ދުއްވާލައިފި، ރާވިންއާއެކު ޒަގަންއަށް އެނބުރި އާދެވުނީ ލިބުނު ހަނި ފުރުޞަތަކުން، އީޝަލްއަށް އަނިޔާ ވެސް ވެއްޖެ.... އެ އެންމެންގެ ތެރޭގައި އެކުއްޖާ ރާނީއެއް ފަދަ، އޭނާގެ އިޝާރަތަކަށް ބަލަބަލާ އެންމެން ވެސް ތިބެނީ، މިހާރު އީޝަލް ޒަޚަމްވުމުން އެމީހުން ތިބޭނީ ރުޅިގަދަވެފައިކަން ޔަގީން، މިފަދަ ވަގުތެއްގައި އެމީހުންގެ ތެރެއަށް އިތުރު ބައެއްގެ އެހީތެރިކަން ވަދެއްޖެނަމަ މިއީ ޒަގަންއަށް ކުރަން ފަސޭހަވާނޭ ކަމެއްނޫން، އެ ކައިވެނި ކުރެވުނު ދުވަހު އެމީހުންގެ ތެރެއިން ދުށް އެކަކީ ވެސް އާދައިގެ ޖިންނިއެއްނޫން، އެ ދުވަހު ދުށް މީހުންގެ ތެރެއިން އެއްބަޔަކު ޒަގަންއާ ކުރިމަތިލުން ހިނގިއިރު އެ ރަށުގައި ނެތްކަން ޒަގަންގެ ވާހަކަތަކުން އެނގޭ، މިހާރު އެ މީހުން އެނބުރި ނާންނަކަމެއް ނޭނގޭ... އެމީހުންނާއެކު އިތުރު ބަޔަކު ނުގެންނަކަމެއް ވެސް ނޭނގޭ" ބުއްދީގެ ބޭނުންހިފައި ލާވީ ވާހަކަދެއްކިއެވެ.
"މިއީ ޖިލައްޔާގެ އަހުލުންނަށްވުރެ ހުސިޔާރު ބައެއް، އޭރު އަހަރެންނަށް އެ ލިބުނު ފަދަ ކާމިޔާބެއް އީޝަލްގެ އަހުލުންގެ މައްޗަށް ލިބުމަކީ ފަސޭހަކަމަކަށް ނުވާނޭކަން އަހަރެންގެ އަމިއްލަ ނަފްސު ވެސް އެއްބަސްވޭ، އެމީހުންގެ ތެރޭގައި އަހަރެންނަށް ނޭނގޭ ސިއްރުތަކެއްވާހެން ހީވަނީ... އީޝަލްއަކީ ޖިލައްޔާ ފަދަ އަންހެނެއްނޫން، އޭނާގެ ގާތުގައި މަޑުކޮށްލައިފި މީހަކަށް އެ އަންހެންކުއްޖާގެ ފަރާތުން އާދަޔާ ޚިލާފު ބާރެއްގެ އިޚްސާސް ކުރެވޭނެ.... ތަފާތު ދަމާ ބާރެއް ފަދަ... އޭނާއާ ފުރިހަމަ ގޮތުގައި ހަތަރުކަޅި ހަމަވެއްޖެނަމަ ޖައްބާރުންގެ ހިތްތައް މަޑުކޮށް އެމީހުން އޭނާއަށް ކިޔަމަންވާނެ، އަހަރެންގެ ރުހުން އޭނާ ހޯދީ އެފަދައިން، އޭނާއާ މެދު މިހާ ބޮޑު ޝައުގުވެރިކަމެއް އުފެދުނީ އެހެންވެ، އަހަރެންނާއެކު އެކުއްޖާ ވެއްޖެނަމަ ޒަމާންތަކަކަށް ޖިންނީން ޖެހިލުންވާވަރުގެ ބަޔަކަށް އަހަރެމެންގެ ރަސްކަން ވެގެންދާނެ... ކަލޭ ބުނިހެން ރޭވުންތެރިކަމާއެކު ރައްކާތެރިކަން ކަށަވަރުކޮށްގެން ތިބެ ދެވަނަ ފަހަރަށް އެމީހުންނާ ކުރިމަތިލާން ދާން ޖެހޭނީ" ބޭރީތު ބުންޏެވެ.
* * * * *
ޠަލަބްއާއި ސިއްތާގެ ޚިޔާލު ހޯދަމުން އިކަރޯސްގެ އެހީތެރިކަމުގައި ރައުލްއަށް ޒޮރައިދާ ފަރުވާދެމުން ދިޔައެވެ. ހޭޖެހިލި ދެތިން ވަގުތެއް އަޔެވެ. އެވަގުތުގައި ލޮލެއް ނުހުޅުވިއެވެ. މަޑުމަޑުން އީޝަލްއަށް ގޮވާލައި އަނެއްކާ ވެސް ޚަބަރު ހުސްވީއެވެ. އިކަރޯސްގެ އެހީގައި ސިއްތާ ނޫނީ ޠަލަބް އެ ހަރުގެއަށް ވަދެވެން ހުންނަ މަގުގައި ފޯރިއަށް ތިބެއެވެ. ޒަގަންގެ ލަޝްކަރު ގޮވައިގެން އައިސް ދެބައިމީހުންގެ ކުރިމަތިލުން ހިނގައިދިޔަ ގޮތުގެ ތަފްސީލު ސިއްތާ އޮތީ ޒޮރައިދާއަށް ކިޔައިދީފައެވެ. އެ ހުރަގޭގެ ހިލިހިލާތަކުން ސަލާމަތްކޮށްގެން ރައުލް ގޮވައިގެން ފިލަން ޒޮރައިދާ ހިތަށް އެރިއެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ޚިޔާލުކަމުގައި ޒޮރައިދާގެ ޟަމީރު އެއްބަހެއްނުވިއެވެ. ބޭރީތުގެ ނުބައިކަން އޭނާއަށް ހުރި ފެނި އިޙްސާސް ކުރެވިފައެވެ. ރައުލް ނުފެންނަނީސް އެމީހުން ނޭވާއަކަށް ވެސް މަޑުޖެހިނުލާނެއެވެ. ރައުލްގެ ފުރާނަ ސަލާމަތްކުރަން ދެވަނަ ފުރުޞަތެއް ނުލިބޭނޭ އޭނާއަށް ޔަގީންވަނީއެވެ. ހުރަގޭގައި ބާއްވައިގެން ރައުލްއަށް ފަރުވާދޭން ޒޮރައިދާ ނިންމީ އެހެންވެއެވެ. ސިއްތާގެ ފަރާތުން އިވުނީ ރައުލްގެ ދިރިއުޅުމުގެ ހުރިހާ ވާހަކައެއްނޫނެވެ. އިތުރަށް އެނގެން ޒޮރައިދާ ބޭނުމެވެ. އަދި އޭނާ ރައުލްގެ ގާތުގައި ބުނަން ބޭނުންވެފައި ހުރި އެތައް ވާހަކައެއް އެބަހުއްޓެވެ. ބޭރީތުގެ އަނިޔާވެރިކަމުން ވެސް އެމީހުންނަށް ޒޮރައިދާގެ ފުރާނައެއް ދުއްވައެއް ނުލެވުނެވެ. އެއީ ޔަގީނުން ވެސް މިދުވަސް ދައްކަވާނޭކަން ލިޔުއްވި ކުޅަދުންވަންތަ އިލާހު މިންވަރު ކުރެއްވި ބޮޑުވެގެންވާ ނިޢުމަތެކެވެ. ޖިލައްޔާއާއި އޭނާގެ ދަރިފުޅުގެ މައްޗަށް ބޭރީތުގެ އަނިޔާވެރިކަން ހުރިމިންވަރު ހާމަކުރެއްވުމަށް ކަނޑައެޅިފައިވާ ވަގުތު ޖެހިއްޖެކަން އެނގި ޒޮރައިދާގެ ހިތްވަނީ ޝުކުރުން ފުރިފައެވެ. މަރިޔަމްއާއި ޖިލައްޔާއަށްފަހު އޭނާގެ ހިތުން އެންމެ ބޮޑު މަޤާމެއް ހޯދީ ދުނިޔެއަށް އުފަންވީ ތުއްތު ރައުލްއެވެ. އެއްވެސް ކަމަކަށްވުރެ ބޮޑަށް އޭނާގެ އިލާހަށް ދެންނެވުނީ އެ ތުއްތު ފުރާނަ އަނިޔާވެރިންގެ ކިބައިން ރައްކާތެރި ކޮށްދެއްވުމަށެވެ. ޒުވާން ޖިލައްޔާގެ ހިތްހަމަޖެހުން ކަމުގައި އެ ދަރިފުޅު ލެއްވުމަށެވެ.
"ކަލޭ ކީއްތިކުރީ؟" ތަޅުމުގައިވީ ހިރަފުސް އެއްތަނަކަށް އެއްކޮށް އެކުނޑިތަކުން ޒޮރައިދާގެ އަތްފައި ސާފުކުރުމަށް ފަހު އޭނާ އެންމެނާ އެކަހެރިވެ އެއްދިމާއެއްގައި އިނދެ ހަރަކާތްތަކެއްކޮށް ނިންމާލައި އޭނާގެ ދެއަތް ބުރި ރައުލްގެ ގައިގާ ހާކައި ފުމެ ހެދުމުން ސިއްތާ ސުވާލުކުރިއެވެ.
"އޭނާ ނަމާދުކުރީ... އޭނާ ކިޔަނީ އެއީ އޭނާގެ ކަލާނގެއާ ވާހަކަދައްކާ ވަގުތުކަމަށް، އޭނާ ކިޔަވާ އަޑު އިވިއްޖެނަމަ ކަލޭ މުޅި އުމުރަށް އެ އަޑު އަހާ ހިތްވާނެ، އޭނާ ބުނި އަހަރެމެން މަރުވިޔަސް ހަޤީޤަތުގައި މަރުނުވާނެކަމަށް" ކަމަކާ ޝޯހުވެ އަޖައިބުވެފައިވާ ކުޑަކުއްޖަކު ކަމެއް ހާމަކުރާ ފަދައިން އިކަރޯސް ބުންނެވެ.
"ﷲއަށް އިމާންވާ ބަޔަކުކަމުގައި އީޝަލްއާއި ރައުލްވޭ، އެކަމަކު އެމީހުންނާއެކު އަހަރެމެންވީ މަދު ދުވަސްކޮޅު ތެރޭ ﷲއޭ ކިޔާ ކަލާނގެއާ ބެހޭގޮތުން މާބޮޑު އެއްޗެއް ނޭނގުނު، އަހަރެން ހުރީ އެ އަންހެންކުއްޖާއާއެކު އޭނާގެ އަހުލުންގެ ތެރެއަށްދާން ވަރަށް ޝައުގުވެރިވެފައި، އެކަމަކު އެ ފުރުޞަތު ލިބުނީ ވަރަށް ނުބައި ދަނޑިވަޅެއްގައި... އެކަހަލަ އަންހެނަކު އަހަރެން ނުދެކެން، އެއީ ޖެހިލުންކުޑަ ރާނީއެއް، ރަސްކަމުގެ ތެރެއިންވާ އެންމެންނާ މުޅިން ތަފާތު ޖިންނިއެއް" ސިއްތާ ބުންޏެވެ.
"ބަހުރުގެ ހިލިހިލާގައި ޣަރަޤުވަމުންދިޔަ ނަފްސު ސަލާމަތްކުރުމަށް މެދުވެރިއަކަށް އެ އަންހެންކުއްޖާވެއްޖެ، ކަލޭ ރައުލްއަށްވުރެ އެ އަންހެންކުއްޖާއަށް ތާރީފުކުރާ އަޑު އިވިއިވި އޭނާ ދުށުމަށް ހިތް އެދެން ފަށައިފި" ކުޑަކޮށް ހީނލާފައި ޒޮރައިދާ ބުންނެވެ. ދެން ވެސް ސިއްތާ ހުއްޓާނުލައި އޭނާގެ ނަޒަރުން އީޝަލް ސިފަކޮށްދެމުން ދިޔައެވެ. އެ މީހުންގެ ތެރޭގައިވީ ތަފާތު ނަސްލުތަކުގެ ވާހަކަތައް ދެއްކިއެވެ. މޮޅު ވާހަކަދެއްކުންތެރިއަކު އޭނާގެ ވާހަކަތަކުގެ ޖާދޫގައި މީހުން ޖައްސާ ފަދައިން އިކަރޯސްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. މިވަގުތު އެ މީހުންނަށް އޮތީ އިންތިޒާރުކުރުމެވެ. ރައުލް ފުރިހަމައަށް ހޭއަރާނޭ ވަގުތަކަށެވެ. އެ އިންތިޒާރުގެ ވަގުތުތައް ކުރުކުރަމުން ދިޔައީ އެއިން ކޮންމެ މީހަކު ދުށް ކަންތަކާއި ކުރެވިފައި ހުރި ތަޖުރިބާގެ ވާހަކަތަކުންނެވެ. ޒޮރައިދާ ހާމަކުރީ ހަމައެކަނި ބޭރީތުގެ ގަނޑުވަރުގެ ތެރެއިން އޭނާ ދުށް ދެތިންކަމެވެ. އެހެންނޫނީ އޭނާ އިންނަނީ ހިމޭނުން ސިއްތާގެ ވާހަކަތައް އަޑު އަހާށެވެ. ދުނިޔެ ފެނިފައިނުވާ އިކަރޯސްއަށް ކޮންމެ ވާހަކައެއް އިވި އެކަމަކުން އޭނާ އަޖައިބުވެއެވެ.
* * * * *
ބާނދީއަކު އައިސް ދަރުބާރުގެ ބޭރުގައި ހުރި ދޮރުވާނުގެ ކަންފަތް ދޮށުގައި ވާހަކައެއް ބުންޏެވެ. އެހިނދު ނިކަން އަވަހަށް ދޮރުވާނު ދަރުބާރުގެ ދޮރު ހުޅުވައި އެތެރެއަށް ވަނެވެ. އޭނާ ވަންތާ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ ނުކުމެއްޖެއެވެ. އޭރު އޭނާގެ ފަހަތުން ލާވީއާއި ބޭރީތު ވެސް ނުކުމެއްޖެއެވެ.
"ކޮބާ؟" ލާވީ ވަގުތުން ސުވާލުކުރީ ބޭރުގައި މަޑުކޮށްލައިގެން ހުރި ބާނދީއާއެވެ.
"ކޮޓަރިކޮޅުގައި" އިސްޖަހާލައިގެން އަދަބުވެރިކަމާއެކު ހުރި ބާނދީ ބުނެލިއެވެ.
"ޙަކީމުންގެ ތެރެއަށް ގޮސް ބުނޭ އަހަރެން އެބަ ގޮވާލައޭ" ލާވީ ބުންޏެވެ. ބާނދީ ކުއްޖާ ފޮނުވާލުމާއެކު ބޭރީތާއި ލާވީ މިސްރާބު ޖެހީ ލާވީ ދިރިއުޅޭ ބަޔަށް އައުމަށެވެ.
ލާވީ އައިސް ރާވިން އޮތް ކޮޓަރިއަށް ވަންއިރު އޭނާ އިނީ އެނދުގައި ދެއަތް ވިއްދާލައިގެން ހަށިގަނޑު ކުރިއަށް ގުދުކޮށްލައިގެން އިށީނދެއެވެ. ބައެއްގެ ހިލަންވުމާއެކު އޭނާ އިސްއުފުލާލިއެވެ. ރުޅިވެރިކަން ފެންނާނޭކަމަށް ލާވީއާއި ބޭރީތި ހީކުރި ނަމަވެސް ރާވިންގެ މޫނުގައިވީ ހިތްދަތިކަމުގެ އަސަރެވެ. އެ ދެ ލޮލުގައި ބޮނޑިވެފައިވީ ކަރުނައިގެ ތެތްކަމެވެ.
"ކޮބާ ރައުލް..." އެނދުން ތެދުވި ގޮތަށް ރާވިން ސުވާލުކުރިއެވެ. އޭނާގެ ނަޒަރު ހުރީ ބޭރީތަށް ހުއްޓިފައެވެ. އެހެންވެ އެ ސުވާލު އޭނާ އެކުރަނީ ބޭރީތާކަން އެމީހުންނަށް އެނގުނެވެ. ބޭރީތު އަނގައިން ނުބުނެ ލާވީއާ ދެ މީހުން ނަޒަރު ބަދަލުކޮށްލިއެވެ. އެކަކު ވެސް ރާވިންއަށް ޖަވާބެއް ނުދިނެވެ. ދެވަނަ ފަހަރަށް ރާވިން ކުރި ސުވާލު ތަކުރާރުކޮށްލިއެވެ. އެވަގުތު ރާވިންގެ ހާލު ބަލަމުން އައި ދެ ޙަކީމުން އެތަނަށް ހާޟިރު ވެއްޖެއެވެ.
"އިހަށް އިށީނދޭ، އެމީހުން ކަލޭގެ ހާލު ބަލަންދެން މަޑުކުރޭ" ޙަކީމުންނަށް ރާވިންގެ ގާތަށް ދިއުމަށް އިޝާރާތް ކުރަމުން ރާވިންއަށް ލާވީ ބުނެލިއެވެ. ތުންފިއްތާލި ނަމަވެސް ރާވިން މައިތިރިވިއެވެ. އިހު އިންހެން އޭނާ އައިސް އެނދުގެ މަގަތުން އިށީނދެއްޖެއެވެ. ޙަކީމުން އައިސް އޭނާގެ ކަރުގައިވި ބޭސް ފޮތިގަނޑު ނެގިއެވެ. ފިހިފައި ހުރިތަން ވަރަށް ބޮޑުތަން ރަނގަޅެވެ. ނަމަވެސް ކަރުގެ ވަށައިގެން ފާޅުކޮށް ފެންނަން ހުންނާނޭ ބޮޑު ލަކުނަކަށް އެ ޒަޚަމް ވާނޭކަން ޙަކީމުން ވެސް ބުންޏެވެ. އެ ލަކުނު ފިލުވާލުމަށް ފުދޭ ވަރަކަށް ދުވަހު ބޭސްކުރަން ޖެހޭނެކަމުގައި ޙަކީމުން ހާމަކުރިއެވެ. ކުރަން ހުރިކަމެއްވިއްޔާ ކުރިޔަށް ގެންދިއުމުގެ ހުއްދަ ލާވީ ދިނެވެ. އަދި ރާވިންގެ ކަރުން އެ ލަކުނު ކޮންމެ ގޮތަކުން ވެސް ފިލުވާލަން ލާވީ އެދުނެވެ.
"ކަލޭގެ ދަރިފުޅާއެކު މަޑުކުރޭ، އޭނާއަށް ވާހަކަދައްކަން ކަލެއަށް އެނގޭނެ" ލާވީގެ ގާތުގައި ބޭރީތު ބުންނެވެ. އަދި އެތަނުން ނުކުމެގެން އޭނާ ހިނގައްޖެއެވެ.
"މިހާރު ކިހިނެއް؟... އެއްޗެއް ކާންވީނު، ސަރުބަތު ތަށްޓެއް ތައްޔާރުކުރަންތަ؟" ޙަކީމުން ބެލުމަށްފަހު ލާވީއަށް ދެން އެ މީހުންގެ މަސައްކަތް ކުރިއަށްދާނޭ ގޮތް އޮޅުންފިލުވައިދީފަ ދިއުމުން ރާވިންއާ ކުރިމަތިލައި ވާހަކަދެއްކިއެވެ. ނިތްކުރިން ފެށިގެން ބޮލުގައި ދެއަތްތިލަ ހިންގާލައި ރާވިން ދެފަރާތަށް ބޯހޫރުވާލިއެވެ. އެނދުން ތެދުވެ ސީދާ ލާވީގެ ކުރިމަތީ ހުއްޓުނެވެ.
"އެބަ އަންނަން" އެއްޗެކޭ ބުނަން އުޅެފައި މަޑުޖެހިލުމަށްފަހު ރާވިން ބުނެލިއެވެ. ލާވީއަށް ފުރަގަސްދީ ހަލުވިކޮށް އޭނާ ނުކުންނަން ދިޔައެވެ. ނަމަވެސް ރާވިންގެ ކޮނޑުގައި ލާވީ ހިފެހެއްޓިއެވެ.
"ކޮންތާކަށް؟" ލާވީ އެއްސެވެ.
"ރައުލް ފެނޭތޯ ބަލާފައި... އަހަރެންގެ ބައްޕައަށް ވެސް އިތުބާރެއް ނުކުރެވޭ، މިތަނުގައި ރައުލްގެ މައްޗަށް ރަހުމެއްވާ އެކަކު ވެސް ނެތް" ރާވިން ބުންޏެވެ.
"އަމިއްލަ ނަފްސާމެދު ވިސްނާލަބަލަ، އެއްވެސް ތާކަށް ނުދެވޭނެ، މީ ރާވިންގެ ދިރިއުޅުން އޮތް ތަނަކީ" ރާވިންގެ ކޮނޑާއި މުލައްދަނޑީގައި ހިފަހައްޓައިގެން ހުރެ ލާވީ ވާހަކަދެއްކިއެވެ.
"އަހަރެންގެ އަމިއްލަ ނަފްސު އަންނާނީ ރައުލްއަށްފަހު، އެއީ އަހަރެން ޤަބޫލުކުރާ އެކުވެރިކަން، އޭނާއާއެކު ދިޔައީ ހިތުން ރުހުމުން، އަހަރެންގެ އެއްވެސް އިޙުސާސަކަށް ބައްޕަ އިޚްތިރާމު ނުކުރާކަން މިހާރު ޔަގީންވެއްޖެ، އަހަރެންގެ ނަފްސާއި ފުރާނަ ދެތަންވެއްޖެ، ހަމަޖެހުން ލިބުމެއްނުވާ ދިރިއުޅުމަކަށް ބައްޕަ ތިގޮވާލަނީ، އަހަރެންމީ މިތަނުން ނުކުމެގެންދިޔަ ރާވިންއެއްނޫން، މީ ފިތުނައާއި ހަރާން ދިރިއުޅުމުގެ ކިއްލާއެއް، ނިވުމެއްނެތި އަނދައަނދާ ހުރި އަލިފާންގަނޑެއް... ޖާހިލުންގެ ޢަމަލުތަކުގައި ބައްޕަ ބައިވެރިވެ އެމީހުންނަށް އެއްބާރުލުން ދިނީ ކީއްވެ؟ އީޝަލްއާއި ރައުލްގެ ކުށަކީ ކޮބާ؟ އެ ދެމީހުން އެކަކުއަނެކަކުދެކެ ވަރަށް ލޯބިވޭ، އީޝަލްގެ ޢާއިލާ މީހުންގެ ފަރާތުން އަހަރެމެންނަށް ކުޑަ ވެސް ނިކަމެތިކަމެއް ނުލިބޭ، ތިބައްޕަ އަހަރެންދެކެ ވާ ލޯތްބާއި އަހަރެން ރައްކާތެރިކުރުމަށް ނުކުންނަ ފަދައިން އެމީހުން ވެސް އަހަރެންނާމެދު ޢަމަލުތައް ބެހެއްޓި.... އަހަރެން އިފުރީތުގެ ހިލިހިލާގައި ހައްޔަރުވި ވަގުތު އަހަރެންނަށް ޓަކައި އެންމެ ފުރަތަމަ ނުކުތީ އީޝަލް، އޭނާއާއި ރައުލް ދެތަންވީ އަހަރެންގެ ސަބަބުން... އަހަރެން ނަފްސު ބަލިކަށިވީ ބައްޕަގެ ސަބަބުން... ބުނޭ... ރައުލް ކޮބާ؟ އަހަރެން ދަމާފައި ގެންދެވުނު ވަގުތު އަހަރެން ދުށީން ޒަގަންއާއި އޭނާގެ ގާތުގައި ހުރި އިފުރީތު ރައުލްގެ މައްޗަށް ގަދަވެގަތްތަން، އޭނާ އީޝަލްއާމެދު ކަންބޮޑުވި ވަގުތު އޭނާގެ ފުރަގަހުން ހަމަލާދިން ބޮޑު ފިނޑިއެއް ޒަގަންއަކީ... އެހެންނޫންނަމަ އޭނާއަށް ރައުލްގެ ގާތުން ހިންދެމިލާނޭ ފުރުޞަތެއް ނުލިބުނީސް... ބައްޕާ! އަހަރެންގެ ކެތްތެރިކަން ކޮޅުންލައި ތި ބައްޕަގެ ކުރިމަތީ ހައްދުފަހަނައަޅައި ނުދަނީސް ރައުލްވީ ތަނެއް ބުނޭ" ރާވިންގެ މޫނަށް ބަލަހައްޓައިގެން ލާވީއަށް ހުރެވުނީއެވެ. އަބަދު ހިނިތުންވެ ހުރެ ކޮންމެވެސް ލާނެތް ސަމާސާއެއް ކުރުމުގައި އުޅޭ ރާވިން އެފަދަ ހިތްދަތި ރުއިމެއް ރޯތީ ލާވީ ނުދެކެއެވެ.
"ރައުލްއެއްނެތް" އިރުކޮޅަކު ހުރެފައި ލާވީ ބުނެލިއެވެ.
* * * * *
ހިތްދަތިކަމުގެ ބަނަ ދުވަސްތަކުގައި މަސް ދުވަހަކަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެއެވެ. އުދަރެސް ސާފުވެ އަލިކަން ފާޅުވާނޭކަމުގެ ކުޑަ ވެސް ލިސާނެއް ފާޅެއްނުވިއެވެ. އެންމެންގެ ތެރެއަށް ނުކުތް ލުގަލްބަންދާ ފެނުމާއެކު ޖަޒުބާތުތައް ނުހިފެއްޓިގެން ކަހަލަ ގޮތަކަށް ދުވެފައި ދާރިއުސް އައިސް އެސޮރުގެ ކަރުގައި އޮޅުލައިގަތެވެ. ބާރު ރުއިމަކުން އޭނާއަށް ރޮވިއްޖެއެވެ.
"އަހަރެން އީޝަލްގެ ގާތަށް ގެންގޮސްދީ" ލުގަލްބަންދާ ބަލާލީ މީކާޢިލްއަށެވެ. އޭނާ މީކާޢިލްގެ ގާތުން އެދުނެވެ. އެ އަޑު އިތުރު މީހަކަށް ނީވުނަސް އޭނާގެ ބޮލުގެ އިޝާރާތް އެތަނުގައި ހުރި ޒިޔަޒެލް ދެނެގަތެވެ. މީކާޢިލްއަށް ލުގަލްބަންދާ އިއްވި ވާހަކަތައް ޒިޔަޒެލްއަށް ފޯރުކުރިއެވެ. އަދި އެ ދެ މީހުން އަވަސްވީ ލުގަލްބަންދާ ގޮވައިގެން އީޝަލް އޮތް ކޮޓަރިއަށް ދިއުމަށެވެ.
"އަހަރެން އޭނާގެ ހަށިގަނޑުގައި ނުބީހި މިކަމެއްނުވާނެ، އަހަރެންނާއި ކަލޭމެން ވާހަކަދައްކާ ފަދައިން މިވަގުތު އޭނާއާ ވާހަކައެއް ނުދެއްކޭނެ، އަހަރެން އޭނާގެ ބުއްދީގެ ތެރެއަށް ވަންނާނަން، އޭނާގެ ހަށިގަނޑާމެދު އަހަރެން ކަންތައްކުރާގޮތެއް ކަލޭމެންނަށް ނޭނގުނަސް އީޝަލްއަށް ހުރިހާކަމެއް އެނގޭނެ، އަހަރެންގެ އެ ޢަމަލާމެދު ނިޔާ އިއްވާނީ އޭނާ، އޭނާ ލޯ ހުޅުވުމަށްފަހު... އަހަރެން އެކަން ކުރުމުގެ ކުރީން މީކާޢިލްގެ ހުއްދައަށް މި އެދެނީ، ތީ އޭނާގެ ބައްޕަ" ލުގަލްބަންދާ ބުންޏެވެ. އީޝަލްގެ އެނދުކައިރީ ހުއްޓި ހުރެ ލުގަލްބަންދާ ދެއްކި ވާހަކަތައް ޒިޔަޒެލްއަށް ވެސް އިވޭނޭހެން އޭނާގެ އަޑު ފާޅުކުރިއެވެ.
"ކަލެއަށް ވާނެތަ؟" ޒިޔަޒެލް އެއްސެވެ.
"އަހަރެން އޭނާއަށް ދެރަގޮތެއްވިޔަ ނުދޭނަން، އެކަމަކު ބުނަން، އަހަރެން ކަންތައްކުރި ގޮތާމެދު ކަލޭ ސުވާލުކޮށް އޮޅުން ފިލުވަން ބޭނުންވާނޭކަން އެނގޭ، ޒިޔަޒެލް!... ކަލެއަކީ ސިއްރުތައް ދިރާސާކޮށް އެކަންކަމަށް ޝައުގުވެރިވާ މީހެއް، އަހަރެން ކަލޭގެ އެއްވެސް ސުވާލަކަށް ޖަވާބެއްނުދޭނަން" ޒިޔަޒެލްއަށް ބަލާލަމުން ލުގަލްބަންދާ ބުންޏެވެ. އެ ނާޒުކު ވަގުތުކޮޅުގައި ވެސް ލުގަލްބަންދާގެ ހުރި ޖެހިލުންކުޑަކަން ފެނި ޒިޔަޒެލްއަށް ހީނލެވުނެވެ.
"އަހަރެންގެ ދަރިފުޅަށް އިތުބާރުކުރަން، ތިޔަބުނިހެން އޭނާއަށް ހުރިހާކަމެއް އެނގޭނަމަ ކަލޭގެ މައްޗަށް ނިޔާ ކަނޑައެޅުން އެ ދަރިފުޅުގެ އަތްމައްޗަށް އަހަރެން ދޫކޮށްލައިފިން... މިވަގުތު އަހަރެން މިވަނީ އެ ދަރިފުޅުގެ ސަލާމަތާމެދު ގޮތްހުސްވެފައި، އަހަރެންގެ ދަރިފުޅު ގެނެސްދީ... އަހަރެންގެ ރުހުން ދީފިން" މީކާޢިލް ބުންޏެވެ.
"އޭނާގެ ވަރައިން މިބައި ވަކިކޮށްލާ، އެހެންނޫނީ ރަނގަޅަށް އޮތްބައި މި މުޅަކަން ފުތެރި ކާންފަށާފާނެ، އެއަށްފަހު އަހަރެންގެ މަސައްކަތް ފަށާނަން، އަދި އެވަގުތު އަހަރެންގެ އިޝާރާތެއްވަންދެން އަހަރެންނާއި އީޝަލްގެ ގައިގާ އަތްނުލާތި، މިކޮޓަރިއަށް މީހަކު ވަނަ ނުދޭތި، ކަލޭމެން ތި ތިބި ތަނުގައި ހިމޭންވެ ތިބޭ" އީޝަލްގެ ވަރައަށް ބަލަން ހުރެފައި އެ ވަރައިން ވަސް ބަލާލުމަށްފަހު ލުގަލްބަންދާ ބުންޏެވެ.
(ނުނިމޭ)