ކުޅިވަރު

ވީއޭއެއެމްގެ އެކްސްކޯ އުވާލައިފި

ވީއޭއެމްއަށް 2016 ވަނަ އަހަރު އިންތިހާބުވެ ވަޑައިގެންނެވި، ރައީސް މުހައްމަދު ލަތީފުގެ އެގްޒެކެޓިވް ކޮމިޓީ، ސްޕޯޓްސް ކޮމިޝަނުން އުވާލައިފި އެވެ.

ލަތީފުގެ އެކްސްކޯ އުވާލުމަށް ފަހު ސްޕޯޓްސް ކޮމިޝަނަރުން ވަނީ، ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައި ވީއޭއެމް ހިންގުން ވަގުތީ ގޮތުން އެ ކޮމިޓީއާ ހަވާލު ކޮށްފަ އެވެ.

އެ ކޮމިޓީގައި ހިމެނެނީ، ބާސެކްޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސް އަބްދުﷲ އާމިރު، ވީއޭއެމްގެ ކުރީގެ ޖެނަރަލް ސެކެޓްރީ އަދި މިހާރު ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސައިން މުހައްމަދު ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހްމަދު އިސްމާއީލްގެ އިތުރުން ސްޕޯޓްސް މިނިސްޓްރީގެ ދެ ބޭފުޅުންނެވެ.

ކޮމިޝަނާ އޮފް ސްޕޯޓް އަހްމަދު ސަލީމް 'ބޮޑު ހީނާ' އިއްޔަ އިންޓަރިމް ކޮމިޓީއާ ބައްދަލު ކުރި ކަން ވަނީ އެނގިފަ އެވެ. ސްޕޯޓްސް ކޮމިޝަނަރުން ވީއޭއެމްގެ އެކްސްކޯ އުވާލީ، އެ އެސޯސިއޭޝަން ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިމެނޭ ކަމަށް ކުޅިވަރުގެ އެކި ފަރާތްތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެހެންނަމަވެސް އެ ތުހުމަތުތައް ލަތީފުގެ އެކްސްކޯއިން ވަނީ ދޮގު ކޮށްފަ އެވެ.

ކުރިގެ ރައީސް ލަތީފު ބޭނުންވާ ކުލަބުތަކެއް އެކަނި ހިމަނައިގެން، ވީއޭއެމްގެ ކޮންގްރެސް ބާއްވައި ހާމަކަމެއް ނެތް ގޮތަށް ބޮޑެތި ނިންމުންތަކެއް ނިންމާފައިވާ މައްސަލަވެސް އެކި ފަރާތްތަކުން ވަނީ ފެންމަތި ކޮށްފަ އެވެ.

ވީއޭއެމްގެ ރައީސް ކަމަށް ލަތީފު ވަޑައިގެންނެވީ، 2016 ވަނަ އަހަރު އޭޕްރީލް މަހު ބޭއްވުނު، ވީއޭއެމްގެ އިންތިހާބުގައި، ކުރީގެ ރައީސް މުހައްމަދު ރިޔާޒު އިތުރު ދައުރަކަށް އިންތިހާބު ވުމަށް ފަހު، އެ އިންތިހާބުވި ގޮތާ ބެހޭގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހިމެނޭ ކަމަށް ބުނެ ސްޕޮޓްސް ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، ދެ ވަނަ ފަހަރަށް އިންތިހާބު ބާއްވަން އެނގުމަށް ފަހު ބޭއްވި އިންތިހާބުގަ އެވެ. އެ އިންތިހާބުގައި ރިޔާޒު ވާދަ ނުކުރައްވަ އެވެ.