ހަބަރު

އީވާ ފުރަތަމަ ފަހަރަށް ރިޔާސަތަށް

Jun 11, 2019
8

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ފުރަތަމަ ފަހަރަށް ރިޔާސަތު ބަލަހައްޓަވައި ތާރީހުގެ ތެރެއަށް ވަޑައިގެންފި އެވެ.

މަޖިލީހުގެ މެންބަރުކަން ދެ ދައުރު ކުރެއްވުމަށްފަހު، މިއަދު އީވާ މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގެންނެވިއިރު އޭނާއަށް ލިބި ވަޑައިގެންނެވި އެ ޝަރަފަށް ގިނަ މަޖިލިސް މެންބަރުންނާއި އާންމުން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

އީވާ މިއަދު ރިޔާސަތު ބެލެހެއްޓެވީ ބާ ކޮމިޝަން އުފެއްދުމުގެ ބިލްގެ ބަހުސް މަރުހަލާގަ އެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރިޔާސަތުން އެއްފަރާތްވެ ވަޑައިގަތުމަށްފަހު އެވެ. ގާތްގަނޑަކަށް ބައި ގަޑިއިރެއްހާއިރު އީވާ ރިޔާސަތުގައި އިންނެވި އެވެ. އެއަށްފަހު އަލުން ރައީސް ނަޝީދަށް ރިޔާސަތަށް ވަޑައިގެންނެވި އެވެ.

އީވާއަކީ ފެހި ގާނޫނު އަސާސީގެ ދަށުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދެވަނަ އަންހެން ބޭފުޅާ އެވެ. އާ ގާނޫނު އަސާސީއާއެކު އައި އިންތިގާލީ މަޖިލީހުގެ ނައިބު ރައީސްއަކަށް ސިއްރު ވޯޓަކުން ހޮވިވަޑައިގެންނެވީ އަނީސާ އަހުމަދެވެ. އެ މަގާމުގައި 2008 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2009 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އަނީސާ ހުންނެވި އެވެ.

ރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް ތިރިގެ އާއި މަތިގެ އެކުލެވޭ ގޮތަށް އޮތްއިރު މަތި ގޭގެ ރައީސްކަން ފާތިމަތު އިބްރާހިމް ދީދީ (ތުއްތު ގޮމާ) ފުރުއްވި އެވެ. އެއީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފުރަތަަމަ އަންހެން ބޭފުޅާ އެވެ.