ހަބަރު

ބިލްތައް ބޮޑުވީ ހޫނު ގަދަވުމުން، އިތުރު ކަމެއް ނޫޅެ: ސްޓެލްކޯ

Jun 11, 2019
21

ވޭތުވެދިޔަ ތިން މަހު ކަރަންޓް ބިލްތައް ބޮޑުވެގެން ދިޔައީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށާއި މިކަމުގެ ތެރޭގައި އިތުރު އެހެން ކަންތައްތަކެއް ނޫޅޭ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް މާރިޗާއި އޭޕްރީލް އަދި މޭމަހަކީ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށާއި އެހެންކަމުން އަބަދުވެސް ކަރަންޓް ބިލްތައް ބޮޑުވުމުގެ ޝަކުވާ ލިބޭ ކަމަށެވެ.

"އިތުރު އެހެން ކަމެއް މީގެ ތެރޭގައި އުޅޭ ހެއްޔޭ؟ އަޅުގަނޑުމެން ވަރަށް ބޮޑަށް ޔަގީންކަން އަރުވަން މީގެ ތެރޭގައި އިތުރު ކަމެއް ނޫޅޭނެ، މި ތިންމަހަކީ އަބަދުވެސް ހޫނު ގަދަ ތިން މަސް، އެހެންކަމުން ކަރަންޓް ބިލްތައް ބޮޑުވަނީ، މިސާލަކަށް އޭސީ ބޭނުންކުރާ މިންވަރު މިމަސްތަކުގައި އިތުރުނުވި ނަމަވެސް ހޫނު ގަދަވުމުން އޭސީގެ ކޮމްޕްރެސަރު މަސައްކަތްކުރާ ވަގުތު އިތުރުވެގެންދޭ،" ނާޝިދު ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވީ، މިފަދަ ދުވަސްވަރު ވަރަށް ކުރިންސުރެވެސް ސްޓެލްކޯއަށް ކުރާ ތުހުމަތެއްއޮވޭ ކަމަށެވެ. އެއީ ސްޓެލްކޯއިން ފްރެކުއެންސީ ދައްކުރާކަމާއި ފްރެކުއެންސީ މަތިކުރާ ކަމަށާއި ވޯލްޓޭޖް މަތިކުރާ ކަމުގެ ތުހުމަތެވެ. ނަމަވެސް ފަހު ސިސްޓަމްތައް ރޭވިފައި ހުންނަނީ އެގޮތަށް ބަދަލު ގެނެވޭނެ ގޮތަކަށް ނޫން ކަމަށާއި އެދައްކާ ވާހަކައިގެ އެއްވެސް ބުރަދަނެއްނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތަށް ދަށްކުރާނަމަ ކަރަންޓް ކެނޑިގެންދާނެ، އެހެންކަމުން އެދައްކާ ވާހައަކު ޓެކްނިކަލީ ބަރުދަނެއްނެއް، އަސްލު ކޮންސަޕްޝަން އިތުރުވަނީ ރައްޔިތުން ބޭނުންކުރާ މިންވަރު އިތުރުވެގެން، ހޫނު ގަދަވުމުން އިތުރުވެގެންދަނީ،" އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ސުޕްރިޓެންޑް އިންޖިނިއާ އިބްރާހިމް ރައުފު ވިދާޅުވީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަނީ މަތިވަމުން ކަމަށާއި އެހެން ކަމުން ބޭނުންކުރާ ސާމާނުވެސް ބަދަލުވަމުންދާ ކަމަށެވެ. އޭގެ ސަބަބުން ކަރަންޓް ބޭނުންކުރާ ޔޫސޭޖް މަތިވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްޗހި ބޭނުން ކުރެވޭ އަދަދު އިތުރުވުމުގެ ސަބަބުން ކަރަންޓްގެ ނިސްބަތް ހިނގާނީ މައްޗަށް، އަޅުގަނޑުމެން އުފައްދާ ކަރަންޓް ވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފަ، ހާއްސަކޮށް މިއަހަރު ވަރަށް ބޮޑު ޖަމްޕެއްގެ ގޮތުގައި، މިއަހަރު ވަނީ ހަ މެގަވޯޓް އިތުރުވެފަ، އަޅުގަނޑުމެން އަބަދުވެސް ކަރަންޓް މި ސަޕްލައި ކުރަނީ ޑިމާންޑާ އެއްވަރަށް، އެހެންކަމުން އަޅުގަނޑުމެން ކަސްޓަމަރުން ކަރަންޓް ބޭނުން ކުރާ މިންވަރަކަށް މިޖެހެނީ ކަރަންޓް އުފައްދަން،" ރައުފު ވިދާޅުވި އެވެ.

ރައުފް ވިދާޅުވީ، އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ ހޫނު މޫސުން ވަނީ ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައި ކަމަށެވެ.

"ކަރަންޓް ބިލްތައް ބޮޑުވެގެންދިޔަ މައިގަނޑު ސަބަބު އަޅުގަނޑުމެންނަށް އަންދާޒާކޮށް ނުލެވެނީ، އަޅުގަނޑުމެން ކަރަންޓް އުފައްދާވަރު އިތުރުވެގެންދަނީ ބޭނުންކުރާ މިންވަރު އިތުރުވެގެން،" ރައުފު ވިދާޅުވި އެވެ.

ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވީ، ބިލްތައް ބޮޑުވުމުގެ އެއް ސަަބަބަކީ ބޭނުންކުރާ ޔޫސޭޖްގެ ޔުނިޓް މަތިވުން ކަމަށެވެ. އޭނާ ވިދާޅުވީ، ޔުނިޓް ބޭންޑް ތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެކި ޔުނިޓް ބޭންޑްތަކަށް ޗާޖް ކުރަނީ އެކި އަދަދު ކަމަށެވެ. ޔުނިޓް ބޭންޑް މަތިވާ ވަރަކަށް ޔުނިޓަކަށް ޗާޖްކުރާ ވަރު މަތިވެގެންދާ ކަމަށެވެ. އެހެންވުމުގެ ސަބަބުން ބިލްތައް ބޮޑުވުން އެކަށީގެންވާ ކަމަށް ސަލީމް ވިދާޅުވި އެވެ.