އިންސާނުން ބައިތިއްބާ ވަރަށްވުރެ ހާލަތު ދަށް ކަމަށް ބުނެ މިދިޔަ އޭޕްރީލް މަހު ބަންދު ކުރި މާލެ ޖަލުގެ އެނެކްސް 1 ގެ ބައިގައި ހުރި ގޮޅިތަކުގައި އަދިވެސް މީހުން ބަންދު ކުރަން ބޭނުން ކުރަމުންދާ ކަމަށް އެޗްއާރުސީއެމުން މިއަދު ބުނެފި އެވެ.
އެނެކްސް 1 ބޭނުންކުރަނީ މުސްކުޅިންނާއި ދިގު މުއްދަތަކަށް ފަރުވާ ބޭނުންވާ ގައިދީންނާއި ބެލެހެއްޓުމުގައި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުން ބައިތިއްބާ ޖަލެއްގެ ގޮތުގަ އެވެ. މާލެ ޖަލުގެ އެ ބައި މިދިޔަ އޭޕްރީލް މަހު ބަންދު ކުރީ އެޗްއާރުސީއެމުން އަންގައިގެން އެއީ އިންސާނުން ބައިތިއްބަން އެކަށީގެން ނުވާ ޖަލެއް ކަމަށް ބުނެ އެވެ.
އެޗްއާރުސީއެމްގެ ނޭޝަނަލް ޕްރެވެންޓިވް މެކޭނިޒަމް އިން މިދިޔަ އޭޕްރީލް މަހުގެ 24 އަދި 25 ގައި ކުރި ޒިޔާރަތްތަކުގައި ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ގޮތަށް އަވަސް ކަރުދާހެއް މި މަހުގެ ތިން ވަނަ ދުވަހު ވަނީ މާލެ ޖަލާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހިއްސާކޮށްފަ އެވެ.
ކަރެކްޝަނަށް ހިއްސާކުރި މައުލޫމާތާ ގުޅޭ ގޮތުން އެޗްއާރުސީއެމްއިން މިއަދު އާންމުކުރި ބަޔާނެއްގައި ވަނީ ރިމާންޑް ޖަލެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ މާލެ އެނެކްސް އެކެއް ޖަލުގައި އެއްވެސް ގައިދީއަކު އަދި ބަންދުގައި ބަހައްޓަން ޖެހޭ މީހަކު ބަންދު ނުކުރުމަށާއި އެ ތަނުގއި ތިބި ގައިދީންނާއި މީހުން އެއަށްވުރެ ރައްކާތެރި އެހެން މާހައުލަކަށް ބަދަލު ކުރަން ވަނީ އަންގާފައިވީ ނަމަވެސް އެ ތަނުގައި މީހުން ބަންދު ކުރަމުންދާ ކަމަށެވެ. އަދި އެ ތަނުގައި ހުރި ގޮޅިތަކުގައި އެއްވެސް މާރާމާތެއް ކޮށްފައި ނުވާ ކަން ވެސް އެޗްއާރުސީއެމުން ވަނީ ފާހަގަކޮށްފަ އެވެ.
"އެ ތަނުގައި ތިބި ގައިދިންނާއި ބަންދު މީހުން އެއަށްވުރެ ރައްކާތެރި އެހެން މާޙައުލަކަށް ބަދަލު ކުރުމަށް އަންގާފައިވާތީ ރަސްމީކޮށް އެނެކްސް ބަންދުކޮށް އެވަގުތު އެތަނުގައިތިބި ގައިދީންނާއި ބަންދު މީހުން ޖަލުގެ އެހެނިހެން ޔުނިޓްތަކަށް ބަދަލުކޮށްފައިވީ ނަމަވެސް، އެނެކްސް ބައިގައި ހުރި ގޮޅިތައް އެއްވެސް މަރާމާތުކުރުމެއްނެތި އެހެނިހެން ކަންކަމުގައި މީހުން ބަންދު ކުރުމަށް ބޭނުން ކުރަމުންދޭ." އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ޖަލުގެ ޖާގައަށްވުރެ ގިނައިން ޖަލުގައި މީހުން ބަންދުކޮށްފައި ތިބި ކަމާއި، ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ގައިދީން ދެއްކުމުގައި ގިނަ ދުވަސްވުމާއި ޖަލުގައި ސިއްހީ މައްސަލަތައް ހުރި މީހުން ގިނަ ކަމާއި، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ގިނަ އަދަދެއްގެ މީހުން ޝަރީއަތް ކުރިއަށް ނުގޮސް ގިނަ އަހަރުތަކެއްވެފައިވާ މައްސަލަ ވެސް އެޗްއާރުސީއެމް އިން ފާހަގަކުރި އެވެ. އަދި އެޗްއާރުސީއެމްގެ ހުށަހެޅުންތަކާ އެއްގޮތަށް އަމަލު ކުރަމުން ނުދާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.