ހަބަރު

ގެއްލުނު ފައިސާ ހޯދަން ޖެހޭ، ކޮމިޝަނަށް ބޮޑެތި ބާރުތައް ދިނުން ގޯސް: ގައްސާން

Jun 11, 2019
13

ގެއްލިފައިވާ ފައިސާތަކާއި ގެއްލިފައިވާ މީހުން ހޯދަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތައް ދިނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ބަހުސް ކުރައްވަމުން ގައްސާން މިއަދު ވިދާޅުވީ ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދަން ޖެހޭ ކަމަށާއި އެކަމުގައި އިހުމާލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަންކަން ކުރުމަށް ގާނޫނުއަސާސީން ބާރު ދީފައި ހުރި އިދާރާތައް ހުރި ކަމަށާއި ކޮމިޝަންތަކަކަށް ހަވާލު ކުރުމުން މުސްތަގުބަލުގައި ނިކުމެދާނެ ނަތީޖާ ތަކަަށް ވިސްނާލަން ޖެހޭ ކަމަށް ގައްސާން ވިދާޅުވި އެވެ.

"ގެއްލިފައިވާ ފައިސާ ހޯދަން އެބަ ޖެހޭ، އިހުމާލުވާ މީހެއް ނަމަ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަން އެބަ ޖެހޭ. މިކަންކަން ކުރަން ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައެޅިފައި ހުރި އުސޫލުތަކެއް އެބަހުރި. ގާނޫނުއަސާސީންނާއި ގާނޫނުތަކުން ބާރު ލިބިގެން އުފެދިފައިވާ އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ކޮމިޝަންތައް އެބަހުރި. އެ މަސައްކަތްތައް ތަކުރާރު ކުރަން އަލުން އިތުރު ކޮމިޝަނެއް ގާނޫނީ ބާރު ދީގެން އުފެއްދުމުން ނިކުމެދާނެ މައްސަލަތަކަށް މި މަޖިލީހުން ވިސްނަން ޖެހޭ ކަމަށް އަޅުގަނޑު ފާހަގަ ކުރަން،" ޕީޕީއެމްގެ މެންބަރު ގައްސާން ވިދާޅުވި އެވެ.

ގައްސާން ފާހަގަ ކުރެއްވި ކަންބޮޑުވުމަކީ ރިޔާސީ ކޮމިޝަންތަކުގެ ބިލުގެ 14 ވަނަ މާއްދާގައި އެ ކޮމިޝަންތަކުގެ މެންބަރުންނަށް ލިބިދޭ ހިމާޔަތްތަކެވެ. ގައްސާން ވިދާޅުވީ އެ މެންބަރުން ކުރައްވާ އެއްވެސް ކަމަކަށް ފަހުގެ ތާރީހެއްގައި ވިޔަސް ޖިނާއީ އަދި މަދަނީ މައްސަލައެއްގައި ވެސް އެއްވެސް މަޖިލީހެއްގެ ކުރިމައްޗަށް ހުށަހެޅުމުގެ ފުރުސަތެއް ނެތުމަކީ އިތުރަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ގައްސާން ވިދާޅުވި އެވެ.

"މިފަދަ ބާރުތައް އެއްބައެއްގެ މައްޗަށް ދޫކޮށްލައިފި ނަމަ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ޗެކް އެންޑް ބެލެންސްގެ އުސޫލުތައް ގެއްލިގެން ދާނެކަން ފާހަގަ ކުރަން އެކަންތައްތައް މި މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަކީ އަޅުގަނޑުގެ ވާޖިބެއް،" ގައްސާން ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލުން ކޮމިޝަންތަކަށް ލިބިދޭ ބޮޑެތި ބާރުތައް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަނީ ނަގައިފަ އެވެ. ނަމަވެސް އާ މަޖިލީހުން ވަނީ އެ ކޮމިޝަންތަކަށް އަލުން ބާރުތައް ދޭ ގޮތަށް ބިލު އިސްލާހުކޮށްފަ އެވެ.