މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އެނެކްސް އިމާރާތް ބޭނުން ކުރިޔަސް މީހުން ބަންދެއް ނުކުރަން: ކަރެކްޝަންސް

މިދިޔަ އޭޕްރީލް މަހު ބަންދު ކުރި މާލެ ޖަލުގެ އެނެކްސް 1 އިމާރާތް ބޭނުން ކުރި ނަމަވެސް މީހުން ބަންދުގައި ބައިތިއްބަން ބޭނުން ނުކުރާ ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ބުނެފި އެވެ.

މާލެ ޖަލުގެ އެ ބައި މިދިޔަ އޭޕްރީލް މަހު ބަންދު ކުރީ އެޗްއާރުސީއެމުން އަންގައިގެން އެއީ އިންސާނުން ބައިތިއްބަން އެކަށީގެން ނުވާ ޖަލެއް ކަމަށް ބުނެ އެވެ. ނަމަވެސް އެޗްއާރުސީއެމުން މިއަދު ބުނީ ބަންދުކުރަން އެންގި އެ ބައިގައި ހުރި ގޮޅިތަކުގައި އަދިވެސް މީހުން ބަންދު ކުރަން ބޭނުން ކުރަމުންދާ ކަމަށެވެ.

އެ ވާހަކަތައް ދޮގުކޮށް ކަރެކްޝަންސް އިން ބުނީ ޖަލުތަކާ ބެހޭ ގޮތުން އެޗްއާރުސީއެމުން މައުލޫމާތު ހިއްސާކުރީ ރައްޔިތުންނަށް އޮޅޭ ގޮތަށެވެ. އަދި މާލެ ޖަލުގައި އެނެކްސް އިމާރާތުގައި މީހުން ބަންދުކޮށްގެން ގެންގުޅުން ހުއްޓާލާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ނަމަވެސް ޝަރުއީ ކޯޓުތަކަށް ހާޒިރުކުރެވޭ މީހުން ޝަރީއަތް ނިމުމުން މާފުށީ ޖަލަށް ފުރުވާލުމާ ދެމެދު ހޭދަވާ ގަޑިއެއް ނުވަތަ ދޮޅުގަޑިއިރެއްހާއިރު ވަގުތުކޮޅުގައި އެނެކްސް އިމާރާތުގައި މަޑުކޮށްފައި ހުންނާނެ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ. ކަރެކްޝަންސްއިން ބުނި ގޮތުގައި އެ ވަގުތުކޮޅަށް އެ މީހުން ބައިތިއްބަނީ މެންދުރުގެ ކެއުން ހަމަޖައްސާދީފަ ފުރުވާލުމަށް ކަމަށެވެ.

އެނެކްސް 1 ބޭނުންކުރަނީ މުސްކުޅިންނާއި ދިގު މުއްދަތަކަށް ފަރުވާ ބޭނުންވާ ގައިދީންނާއި ބެލެހެއްޓުމުގައި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުން ބައިތިއްބާ ޖަލެއްގެ ގޮތުގަ އެވެ. އެނެކްސް 1 އަކީ ފުރަތަމަ 2003 ވަނަ އަހަރު ރިމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. ނަމަވެސް 2006 ގައި އެތަނުގައި އިތުރު ގޮޅިތަކެއް ހެދުމަށް ފަހު ދިގު މުއްދަތަކަށް މީހުން ބަންދުކުރަން ވަނީ ފަށައިފަ އެވެ.