ހަބަރު

ޕީޕީއެމްގެ ޕީޖީ ލީޑަރު ކަމަށް ސަލީމް ހަމަޖައްސައިފި

އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އިންތިހާބުކޮށްފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވި ގޮތުގައި އެ ޕާޓީގެ ޕީޖީ ލީޑަރަށް ސަލީމް އިންތިހާބު ކުރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ އިއްތިފާގުންނެވެ.

އޭދަފުށި ދާއިރާގެ މެންބަރު ކަމަށް ސަލީމް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ 2009 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ކާމިޔާބު ކުރެއްވި ސަލީމް މަޖިލީހުގައި އޭދަފުށި ދާއިރާ ތަމްސީލު ކުރައްވާ މިއީ ތިންވަނަ ދައުރެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހުވާކުރި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ފަސް މެންބަރުން ތިއްބަވަ އެވެ. އެއީ ޝިޔާމާއި ސަލީމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އެވެ.