ކުލަބުގެ ބޭންކު އެކައުންޓުން މިއަދު ފައިސާ ނެގޭ ގޮތް ނުވުމުން، މުސާރައިގެ މައްސަލަ ދިމާވެފައިވާ ވިކްޓަރީއަށް އިތުރު ވަގުތު ކޮޅެއް، އެފްއޭއެމުން ދީފި އެވެ.
އޭއެފްސީގެ ކުލަބު ލައިސެންސްގެ ހޯދުމުގެ ގޮތުން ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ލިޔެކިޔުންތައް ހުށަހެޅުމަށް އެފްއޭއެމުން ދިން ވަގުތު މިއަދު 2:30 ގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، އެފްއޭއެމުން ދިން މުއްދަތުގެ ތެރޭގައި ކުލަބުތަކުން ހުށަހަޅާފައިވާ ޑޮކިޔުމެންޓޭޝަންގައި މައްސަލަ އުޅޭނަމަ، އެ މައްސަލަ ހައްލު ކުރުމަށް ފުރުސަތު ދިނުމަށް ކޮމިޓީގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
"ވަގުތު އިތުރު ކުރީކީ ނޫން، އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި ހުށަހެޅި ޑޮކިޔުމެންޓްސްތަކުގެ އިޝިއުއެއް އުޅޭނަމަ އެ އިޝިއުއެއް ހައްލު ކުރުމަށް ފުރުސަތު ދޭނެ." ޖަވާޒު ވިދާޅުވި އެވެ. "ހުށަހެޅި ޑޮކިޔުމެންޓްތައް ބެލުމަށް ފަހު ކޮމިޓީން އެގޮތެއް ނިންމާނީ."
ވިކްޓަރީގެ އޮފިޝަލަކު ވިދާޅުވީ މިއަދު އެކުލަބަށް ލިބޭ ފައިސާ އެކައުންޓަށް ޖަމާވާނީ ހަވީރުގެ ވަގުތުގައި ކަމަށް ވުމުން، އެކަން އެފްއޭއެމްއާ ހިއްސާ ކުރުމުން، މާދަމާގެ 12:00 ހަމައަށް ވަގުތުކޮޅެއް އިތުރު ކޮށްދީފައިވާ ކަމަށެވެ.
"ޔޫތު މިނިސްޓްރީން ޖަމާ ކުރާ ފައިސާ މިއަދު ޖަމާވާނެ ކަމަށް ބުނެފައި އިނީ،" އޮފިޝަލް ވިދާޅުވި އެވެ. "ދެން ކޮންމެ ގޮތެއްވިޔަސް އެ ފައިސާ ބޭންކުން ނެގޭނީ މާދަމާ ތާ، އެހެންވެ އެކަމަށް ވަގުތު ކޮޅެއް ދީފަ އިނީ."
ކުލަބު ލައިސެންސްގެ ދަށުން ފައިނޭންސް ކްރައިޓީރިއާގެ ދަށުން ފުރިހަމަ ކުރަން ޖެހޭނީ ފައިސާއާ ގުޅުން ހުރި ކަންކަމެވެ. މި މައްސަލަގައި އެންމެ އުނދަގޫ ހާލަތަކަށް ވެއްޓިފައި ވަނީ ވިކްޓަރީ އެވެ. އެ ޓީމުގެ ދިވެހި ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުން އެ ކުޅުންތެރިންގެ ފަރާތުން ވަނީ އެ މައްސަލަ އެފްއޭއެމް އަށް ހުށަހަޅާފަ އެވެ.
އޮފިޝަލް ވިދާޅުވީ، މުސާރަ ނުދޭ ކުޅުންތެރިންގެ ތެރެއިން މައްސަލަ ހުށަހެޅި ކުޅުންތެރިންނާ ވާހަކަ ދެއްކުމުން ދެ ބައިކުޅަ އެއްބައި ފައިސާ ދޭ މަތިން މައްސަލަ ނަގާނެ ކަމަށް އެ ކުޅުންތެރިންގެ ފަރާތުން ސިޓީ ލިބިފައިވާ ކަމަށެވެ.
މި އަހަރު ފުޓްބޯޅަ ސީޒަންގައި ދިވެހި ލީގްގައި ވާދަ ކުރެވޭނީ އޭއެފްސީ ކުލަބު ލައިސެންސް ލިބިގެންނެވެ. އެއެފްއޭއެމުން ބުނީ ލައިސެންސް ނެތި ފުރަތަމަ ޑިވިޝަންގައި ނުކުޅެވޭ ގޮތް ހެދީ، އޭއެފްސީން އެ ކޮންފެޑްރޭޝަންގެ ހުރިހާ ގައުމުތަކަށް އެންގި އެނގުމަކާ ގުޅިގެން، ރާއްޖެއިންވެސް އެގޮތަށް އަމަލު ކުރަން ޖެހޭތީ ކަމަށެވެ.
ވިކްޓަރީން މުސާރަ ނުދޭ މައްސަލައިގައި އެ ކުލަބުގެ ކުޅުންތެރިންނަށް 500،000 އެއްހާ ރުފިޔާ އަދާ ކުރަން ޖެހެއެވެ.
ވިކްޓަރީގެ ކުރީގެ ވާދަވެރިޔާ ނިއު ރޭޑިއަންޓް މި ސީޒަންގައި ނުފެންނާނެ އެވެ. އެއީ އެ ކުލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން އެ ކުލަބު ސަސްޕެންޑް ކުރުމުގެ އިތުރަށް، ފީފާއިން އެޓީމާ ދެކޮޅަށް އަޅާފައިވާ ޓްރާންސްފާ ބޭންގެ ސަބަބުން އާ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭނެ ތީ އެވެ. އެ ޓީމަށް ކުޅުނު ކުޅުންތެރިން ވަނީ އެހެން ޓީމުތަކަށް ބަދަލު ވެފަ އެވެ.